ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 1996 ގައި އުފެއްދެވި -- ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީގެ ވެރިޔާގެ މަގާމު އޭނާއަށް ގެއްލި ވަޑައިގެންފި އެވެ.
ތަހުރީކޭ އިންސާފުގެ އޮފިޝަލަކު މިކަމާ ބެހޭ ގޮތުން ވިދާޅުވީ ޕާޓީގެ ޗެއާމަންގެ މަގާމުން އިމްރާން ޚާން ދުރުކުރީ އިމްރާންގެ ޗެއާމަން ކަމުގައި ޕާޓީ ހިންގެން ނެތުމުން ކަމަށެވެ.
ޗެއާމަންގެ މަގާމު މިހާރު ވަނީ ގޯހަރު ޚާންއާ ހަވާލުކޮށްފަ އެވެ. އިމްރާން ޚާންއާ ގޯހަރު ޚާންއާ ގާތް އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިމްރާނަށް ޖަލުން މިންޖުވެ ވަޑައިގެން ޕާޓީގެ މަސައްކަތްތަކުގައި މަސްއޫލުވެ ވަޑައިގަތުމަށް ވަރަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށް ހިންގާ ކޮމިޓީއަށް ފެނުމުން މިބަދަލު ގެނައީ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އިމްރާން ޚާން މިހާރު ހުންނެވީ ޖަލުގައި ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް މައްސަލަ ބަންޑެލިތަކެއް އެބަ އޮތެވެ. މީގެތެރޭގައި ދައުލަތުގެ ސިއްރު މައުލޫމާތު އާންމުކުރެއްވުމާއި ދައުލަތަށް ލިބެން ޖެހޭ މުދަލުގެ ބާވާތްތަކެއް އަމިއްލައަށް ބޭނުންކުރެއްވުން ހިމެނެ އެވެ.
އިމްރާން ޚާން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް އިދިކޮޅު ޕާޓީތަކުން ސައްލާ ކިޔާފައި އޭނާއަށް އިތުބާރު ނެތްކަން ސާބިތުކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ފާއިތުވި އަހަރު މައްސަލައެއް ވެއްދި އެވެ. އަދި އިދިކޮޅުން އެކަން ކާމިޔާބުވެސް ކުރި އެވެ.
ޕާކިސްތާންގެ ސިޔާސީ މަސްރަހުގައި ވަކިކޮޅަކަށް ނުޖެހި ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އިމްރާން ޚާންގެ މައްޗަށް އިދިކޮޅުން ކުރަނީ ސިޔާސީ އޮޅުވާލުންތަކެއް އޮތް ތުހުމަތުތަކެކެވެ.
އިމްރާން ޚާންގެ ޕާޓީއަށް ޕާކިސްތާންގައި ލިބިފައި އޮތް މަގުބޫލުކަމުގެ ސަބަބުން އިދިކޮޅަށް ވެރިކަން ނުލިބިދާނެ ކަމަށް ހީވެފައި އޮތުމުން -- އިމްރާން ޚާން ސިޔާސީ މަސްރަހުން ދުރުކޮށްގެން ނޫން ގޮތަކަށް، އެ ބައިގަނޑަށް ވެރިކަމަށް ނާދެވެިދާނެތީ ރޭވި ރޭވުމެއް ކަމަށް މިނިވަން ދިރާސާވެރިން ވިދާޅުވެ އެވެ.
އިމްރާން ޚާންއާ ޕާކިސްތާންގެ އަސްކަރިއްޔާއާ ދެމެދު ގުޅުން ގޯސްވުމަކީ ވެސް ސިޔާސީ މަސްރަހު އިމްރާންއަށް ހަނިވި ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
މީގެތެރޭގައި އަސްކަރީ އޮފިޝަލުންނަށް އަމާޒުކުރައްވައި އާންމު އެއްވުންތަކުގައި އިމްރާން ތަންކޮޅެއް ބޮޑަށް ޒާތީވެ ވަޑައިގަތުން ހިމެނޭ ކަމަށްވެސް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.