މޯލްޑިވް ގޭސް

މޯލްޑިވް ގޭހުގެ ދުވަހުގެ މަސައްކަތް ދެން ފަށާނީ ގައުމީ ސަލާމުން

މޯލްޑިވް ގޭހުގެ ހުރިހާ ތަނެއްގައިވެސް ދެން ދުވަހުގެ މަސައްކަތް ފަށާނީ ގުރުއާނާއި ގައުމީ ސަލާމުން ކަމަށް ނިންމައިފި އެވެ.

މޯލްޑިވްސް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވަނީ އެ ކުންފުނީގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވާ ދުވަހުގެ މަސައްކަތް ގުރުއާނާއި ގައުމީ ސަލާމުން ފެށުމަށް ނިންމާފައިވާ ކަމަށް ހާމަކުރައްވާފަ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް މޯލްޑިވް ގޭހުގެ މަސައްކަތް ގުރުއާނާއި ގައުމީ ސަލާމުން ފެށުމަށް ނިންމީ ގައުމިއްޔަތު ދިރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ކަންކަން ކުރުމަކީ ވަކި އިދާރާއަކުން ކުރަންޖެހޭ ކަމަަކަށް ނުވާތީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ކަންކަން ކުރަން ބޭނުންވާތީ ކަމަށެވެ.

"އަޅުގަޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް. އެހެންވީމާ އަހަރެމެބް މުސްލިމުން ގައުމީ ރޫހު އާލާކުރަންޖެހޭ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އިސްކަމެއް ދޭންޖެހޭނީ ދީނާއި ގައުމުގެ ކުރިއެރުމަށް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވެވޭނީ ހުރިހާ މުވައްޒަފުން ގުޅިގެން އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށާއި މުވައްޒަފުންގެ މެދުގައި ގައުމީ ރޫހް އާލާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޯލްޑިވް ގޭހުގެ އާ މެނޭޖިން ޑިރެކްޓަރަށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.