ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ފުރަތަަމަ އިންތިހާބީ ރައީސަކަށް ހަސަން

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އިންތިހާބީ ރައީސަކަށް އެ ޕާޓީގެ މަސްއޫލުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހޮވިފައިވާ ކަމަށް އިއުލާންކޮށްފި އެވެ.

ދަ ޑިމޮކްރެޓްސް އިން ބޭއްވި އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ހަސަން ލަތީފްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެވެ.

ޑިމޮކްރެޓުންގެ އެކި މަގާމުތަކަށް ބޭފުޅުން ހޮވުމަށް އިއްޔެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔަ އިންތިހާބުގެ ނަތީޖާ އިއުލާންކުރީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގުރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ހަސަން ލަތީފަށް ލިބިވަޑައިގަތީ 1,704 ވޯޓެވެ. އަމްރުއަށް ލިބިވަޑައިގަތީ 1,300 ވޯޓެވެ. އަދި 50 ވޯޓު ބާތިލް ކަމަށްވެސް އިއުލާންކުރެއްވި އެެވެ. އާޒިމް ހާމަކުރެއްވި އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާންކޮށްފައި މިވަނީ އިންތިހާބު ނިމިގެން 24 ގަޑިއިރަށް ވުރެ ވެސް ގިނައިރު ވެގެން ދިޔައިރުވެސް ނަތީޖާ އިއުލާންކޮށްފައި ނުވާތީ ބައެއް ޑިމޮކްރެޓުންގެ ފާޑުކިޔުން ޕާޓީ ހިންގަން ތިއްބެވި ބައެއް ބޭފުޅުންނަށް އަމާޒުވެފައި ވަނިކޮށެވެ.

އިންތިހާބުގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން ރޭގެ ވަގުތެއްގައި ހަސަން ވެސް އަދި އަމްރުވެސް ވަނީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންނެވި ކަމަށް އިއުލާންކުރައްވާފަ އެވެ.

ޑިމޮކްރެޓުންގެ އެތެރޭޣެ އިންތިހާބުގައި 5،835 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު މި އިންތިހާބުގައި ޕާޓީގެ ދެ ނައިބް ރައީސްގެ މަގާމަށްވެސް ބޭފުޅުން ހޮވި އެވެ. އެގޮތުން ޕާޓީގެ ނައިބް ރައީސް (އަންހެން)ގެ މަގާމަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާނެވެ. ޕާޓީގެ ނައިބު ރައީސް (ޔޫތު)ގެ މަގާމަށް ހޮވުނީ ހަސަން ފިރުޝާނެވެ. ޑިމޮކްރެޓުންގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ފާތިމަތު ހަމްދާ ހޮވުނުއިރު ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާސިހު އެވެ.