ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ އިސް މަގާމުތަކަށް ބޭފުޅުން ހަމަޖައްސައިފި

ދަ ޑިމޮކްރެޓްސްގެ ޕާޓީގެ އިދާރީ އިސް މަގާމުތަކަށް ބޭފުޅުން ހަމަޖައްސައިފި އެވެ.

ޑިމޮކްރެޓުންގެ ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ އިދާރީ ހިންގުމަށް ބޭނުންވާ މަގާމުތަކަށް ޕާޓީގެ ރައީސް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ނަންތައް ކުރިއަށް އޮތް ފަސް އަހަރަށް ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

މިގޮތުން ހަމަޖައްސާފައިވަނީ ޑިމޮކްރެޓުންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލީ ރައްޒާން، ކައުންސެލް ޖެނެރަލްގެ މަގާމަށް އަރުޝަދު އަބްދުލްހަކީމް، ރަޖިސްޓްރާ ޖެނެރަލްގެ މަގާމަށް ތޯހާ ރަފީއު އަދި ސްޕޯކްސްޕާސަންގެ މަގާމަށް އިމްތިޔާޒް ފަހްމީ އެވެ.

ޑިމޮކްރެޓުންގެ ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުން މދިޔަ ބުރާސްފަތި ދުވަހު ބާއްވާފައިވަނީ މާލޭގެ ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލްގައި ވާޗުއަލް ކޮށްވެސް ބައިވެރިވެވޭ ގޮތަށެވެ.

ޑިމޮކްރެޓުން މިހާރު ދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.