ދުނިޔެ

ހަމާސްގެ ބިންގަރާސްތަކުގައި ފެންބޮޑުކޮށްލަނީ

ފަލަސްތީންގެ ޣައްޒާއަށް ޒަޔަނިސްޓް ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ އަމާޒަކީ ހަމާސް ނައްތާލުމެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމާސްގެ އެކަކު ދިރިހުއްޓާވެސް ޣައްޒާ ދޫކޮށް ޔަހޫދީ ސިފައިން ނުފައިބާނެ އެވެ.

ހަމާސްގެ ހަނގުރާމަވެރިން އަތުލުމަށްޓަކައި ޒަޔަނިސްޓުން މިހާރު ވިސްނާ ވިސްނުމަކީ، ހަނގުރާމަވެރިން ތިބި ކަމަށް ބުނާ ބިންގަރާސްތައް ފެންބޮޑުކޮށްލުމެވެ.

ހަމާސްގެ ބިންގަރާސްތައް ފެންބޮޑުކޮށްލުމަށްޓަކައި މޫދުން ލޮނު ޕަންޕް ފުރުމަށް ބޭނުންވާ ބާރުގަދަ ޕަންޕުތަކެއް އުތުރު ޣައްޒާއަށް ޖަމާކޮށްފައި ހުރި ކަމަށް ރޮއިޓާސް ބުނެ އެވެ. ނަމަވެސް ޒަޔަނިސްޓުން މި މަސައްކަތް ފަށާނެ ވަކިއިރެއް ރޮއިޓާސްއަށް ނޭނގޭ ކަމަށް އެ އެޖެންސީން ބުންޏެވެ.

ރޮއިޓާސް ލަފާކުރާ ގޮތުން ޒަޔަނިސްޓުން ބިންގަރާސްތައް ސުންނާފަތިކޮށް ފެންބޮޑުކުރަން ފަށައިގަންނާނީ -- ހަމާސްގެ އަތުގައި ތިބި ޔަހޫދީ އަސީރުންނާ މެދު ގޮތެއް ނިންމުމަށްފަހު އެވެ.

ޒަޔަނިސްޓް ސަރުކާރުން މިހާރު ކުރާ ކަމަކީ އިނގިރޭސި މަތިންދާބޯޓުތަކާއި އެމެރިކާގެ ސެޓެލައިޓްތައް ބޭނުންކޮށްގެން ހަމާސްގެ ހަނގުރާމަވެރިން ތިބިތަން ހޯދުމެވެ. ނަމަވެސް ޒަޔަނިސްޓުންނަށް މި މަސައްކަތްތަކުގައި -- ހަމާސްގެ ހަނގުރާމަވެރިން ބިންގަރާސް ހަަދައިގެން ތިބި ތަން ހޯދުމުގައި އަދި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ހަމާސްއިން އަސީރުން ފޮރުވައިގެން ގެންގުޅެނީ ކޮންތަނެއްގައި ކަމެއްވެސް ޒަޔަނިސްޓުންނަކަށް އަދި ނޭނގެ އެވެ.

ހަމާސްގެ ބިންގަރާސްތަކުގައި ފެންބޮޑުކޮށްލަން ބަލާއިރު ޔަހޫދީންނަށް އަމަލުކުރެވޭ ގޮތަކުން ޔަހޫދީ އަސީރުން މަރުވުމަކީވެސް އެކަށީގެންވާ ކަމެވެ. މިއީ ޒަޔަނިސްޓް ސަރުކާރަށް -- އެ މީހުންގެ އަމިއްލަ މީހުންގެ ޕްރެޝަރު ވަރަށް ބޮޑުވާނެ ކަމެކެވެ.

އަސީރުންގެ އާއިލާތަކުން ޔަހޫދީ ސަރުކާރަށް މިހާރުވެސް ދަނީ ޕްރެޝަރު ކުރަމުންނެވެ. ހަމާސްގެ އަތްދަށުގައި ތިބި މީހުން ސަލާމަތްކުރުމަށް ސަރުކާރަށް ބާރުއެޅުމަށް މަގުތަކަށް ޖަމާވާ މީހުންވެސް މިހާރު ވަނީ ގިނަ އެވެ.

އުތުރު ޣައްޒާއަށް ފެން ޕަންޕުތައް ޖަމާކުރުމަމުންދާތީ ރޮއިޓާސް އިން ޔަހޫދީ އަސްކަރީ އޮފިޝަލުންނާ ސުވާލުކުރުމުން އެއްވެސް ޖަމާބެއް ނުދެ އެވެ. ނަމަަވެސް އެ ޕަންޕުތަކަކީ ބިންގަރާހުގައި ފެންބޮޑުކުރަން ޖަމާކުރާ ޕަންޕުތަކެއްކަން ރޮއިޓާސްއަށް އޮތީ އެނގިފަ އެވެ.