އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޒާޚީ ހަނެގްބީ ވިދާޅުވި ގޮތުގައި ހަމާސް ބަލިކުރެވޭނެ ގޮތެއް އަދި ޔަހޫދީންނަކަށް ނުވެ އެވެ. އޭނާ އަދި ވިދާޅުވީ ހަމާސް ބަލިކުރަން ރޭވުންތަކެއް ރާވަން ޖެހޭ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
ހަމާސްއަށް ފަހު -- ހަމާސް ނެތް ދުވަހަކުން ކަންކުރަން އޮތް ރޭވުމަކީ ކޮބައިތޯ ގާނޫނު ހަދާ މަޖިލީހުގައި މުޝީރަށް ދެންނެވުމުން ޒާޚީ ވިދާޅުވީ ދަންނަވަން ދަތި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ހަމާސް ނައްތާލަން ނަގާނެ މުއްދަތު އެނގިވަޑައި ނުގަންނަވާތީ ކަމަށެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި 24،448 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ޣައްޒާގެ ހެލްތު މިނިސްޓްރީގެ ރަސްމީ އަދަދު ކަމަށް ވުމުން، މިއަށް ވުރެ އަދަދު އިތުރުވާނެ ކަމަށް އޮތީ ބުނެވިފަ އެވެ.
ޣައްޒާ ހަނގުރާމައިގައި 61،504 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައި ވާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ޒާޚީ ހަނެގްބީ ވިދާޅުވި ގޮތުން މިއީ ޔަހޫދީންނަށް އަނިޔާ ބޮޑު ހަނގުރާމަ އެކެވެ. ހަމާސްގެ ހަނގުރާމަވެރިންގެ އުކުޅުތައް އެވަރުގައި ހުންނާނެކަން އިޒްރޭލަށް ވިސްނިފައި ނެތް ކަމަށްވެސް އޭނާ އެއްބަސްވެ ވަޑައިގެންނެވި އެވެ.
ޣައްޒާ އަކީ ވަށައިގެން ބަންދުކޮށްފައި އޮންނަ އަވަށަކަށް ވުމުން ހަމާސްގެ ކިބާގައި އާދަޔާ ހިލާފު ބާރުވެރިކަމެއް ހުރެދާނެ ކަމަށް ކުރިން ވިސްނިފައި ނުވުމަކީ ޔަހޫދީ އިންޓެލިޖެންސްގެ ފޭލުވުމެއް ކަމަށްވެސް މުޝީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމާސް ބަލިކުރުމުގައި ޔަހޫދީން އުއްމީދު ކުރި ވަރުގެ ކާމިޔާބީއެއް ލިބިފައި ނެތް ނަމަވެސް ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިން ވިދާޅުވެފައި ވަނީ ހަމާސްއަށް އޮތް އިޚުތިޔާރަކީ އަމާންދިނުން ކަމަށެވެ. އެ ނޫން ގޮތެއްގައި ހަނގުރާމަވެރިން ތިބި ތަނަކުން ނެރެފައި ނޫނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަމާސްގެ ބިރުވެރިކަމުން ރައްކާތެރިވާން ބޭނުންނަމަ ޔަހޫދީންނަށް އޮތް ގޮތަކީ އަރަބިންގެ ބިންތަކުން ފައިބައި އެ މީހަކު އައި ތަނަކަށް ދިއުން ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އެ ނޫން ގޮތެއްގައި ޔަހޫދީންނަށް އޮތީ ހަމާސްގެ އުނދަގޫތަކާ ކުރިމަތިލުން ކަމަށްވެސް ހަމާސްއިން އޮތީ ބުނެފަ އެވެ.
ދުނިޔެ މިހާރު ގަބޫލުކުރަނީ ހަމާސް އަކީ ދުނިޔޭގެ ސިޔާސަތު ކަނޑައެޅުމުގެ ބައެއް ކަމަށެވެ. ހަމާސް އަކީ ފަލަސްތީނުން ނައްތާލެވޭނެ ފިކުރެއް ނޫން ކަމަށްވެސް ސިޔާސީ ތަޖުރިބާކާރުން ދެކެ އެވެ.