ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުުމުގެ ކުށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ދެ މީހަކާ މެދު ދައުލަތުގެ އިދާރާތަކުން އަމަލުކުރަމުންދާ ގޮތުން މައްސަލަ ބައްލަވާ ގާޒީގެ ނުރުހުން އިދާރާތަކަށް އަމާޒުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ ބްރެޒިލްގެ އަންހެނެއް ކަމަށްވާ ލުޒިއާ ރިކާލްޑީ އަދި ކެންޔާގެ ރައްޔިތެއްކަމަށްވާ ޖެޑީޑާ އެންޑުކޫ ކިންގޫ އެވެ.
މި ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މި ދެ މީހުންގެ މައްސަލަ ބައްލަވާ ގާޒި އިބްރާހީމް އިހްސާން ވިދާޅުވީ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލާފައިވަނީ މި ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް މި ދެ މީހުން ޑީޕޯޓްކޮށްލުމަށް ބޭނުންވާ ކަމަށް ދައުލަތުން ބުނެފައިވާތީ ކަމަށެވެ. އެކަމަކު މި ދެ މީހުން ޑީޕޯޓްކޮށްނުލެވި އެތައް ދުވަހެއް ފާއިތުވެފައިވާތީ ގާޒީ މިއަދު ވަނީ ވަކި ތާރީހެއް ކަނޑައެޅުމަށްފަހު އެ ތާރީހުގެ ކުރިން މި ދެ މީހުން ޑީޕޯޓްކޮށްލުމަށް އަންގަވާފަ އެވެ.
ގާޒީ އިބްރާހީމް އިހްސާން ވިދާޅުވީ މި ދެ މީހުން ޑީޕޯޓްކޮށްލުމަށް ވަގުތު ދެވޭނީ އަންނަ ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހާތަނަށް މި ދެ މީހުން ފުރުވާނުލައިފިނަމަ ދެން އޮތް ގޮތަކީ މި ދެ މީހުން ބަންދުން ދޫކޮށްލުން ނުވަތަ އެމީހުންގެ ޝަރީއަތް ފެށުން ކަމަށެވެ. ދެ މީހުން ދޫކޮށްލަން ޖެހިއްޖެނަމަ އެއީ މައްސަލައަށް އޮތް ހައްލު ނޫން ކަމުގައިވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ އިތުރަށް ވިދާޅުވީ ދައުލަތުން ކުރަންޖެހޭ ކަންތައްތަކެއް ނުކޮށްގެން ޝަރީއަތް ކުރިއަށް ނުދާ ގޮތަށް ބަޔަކު ބަންދުކޮޮށްގެން ގެންގުޅުމަކީ ތަހުޒީބު ގޮތެއް ނޫން ކަމަށާއި އަދި އެއީ އިންސާފުވެރި ގޮތެއްވެސް ނޫން ކަމަށެވެ. އެގޮތަށް ބަޔަކު ބަންދުގައި ބޭތިއްބުމަކީ ބައެއްގެ މިނިވަންކަމާއި އެ މީހުންނަށް ލިބެންޖެހޭ އެތައް ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި މި މީހުން ބެލެހެއްޓުމަށް ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭތީ އެކަމުގެ ކަންބޮޑުވުންވެސް ގާޒީ ވަނީ ފާޅުކުރައްވާފަ އެވެ.
"މިކަަމަށް ދައުލަތުގެ ސްޓެކްހޯލްޑާސް އެބަޖެހޭ ހައްލު ހޯދަން. ހައްލެއް ހޯދުން މިދެންނެވީ ސިޓީބިޓީ ބަދަލުކުރާ ވާހަކަ އެކަންޏެއް ނޫން. އިމިގްރޭޝަންގައި އަންހެނުން ވަކިން ބޭތިއްބެން ނެތުން އެއީ އަޅުގަނޑުމެން މުޅި ދައުލަތުގެ ފެއިލިއާއެއް،" ގާޒީ ވިދާޅުވި އެވެ.
ދައުވާ ލިބޭ ދެ މީހުން ރާއްޖެއިން ފުރުވާލުމަށް ދިމާވެފައިވާ ދަތިތައް ދައުލަތުގެ ވަކީލް ވަނީ މިއަޑުއެހުމުގައި ހިއްސާކުރައްވާފަ އެވެ. އެގޮތުން ވަކީލް ވިދާޅުވީ ބްރެޒިލް މީހާ ފުރުވާލުން ލަސްވަނީ އޭނާގެ ޓިކެޓް ގަތުމަށް ބޭނުންވާ ފައިސާ އެ މީހާގެ އަތުގައި ނެތުމުންނާއި މޯލްޑިވްސް އިމިގްރޭޝަންގެ ބަޖެޓުންވެސް އެ ފައިސާ ހަމަޖެއްސުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ. ބްރެޒިލް މީހާގެ އަތުގައި އޮތީ 1،100 ޑޮލަރު ކަމަށާއި އަދި 700 ޑޮލަރު އިތުރަށް ބޭނުންވާ ކަމަށްވެސް ބުންޏެވެ.
ކެންޔާ މީހާ ފުރުވާލުން ލަސްވަނީ ޓްރެވަލް ޑޮކިއުމަންޓާ ގުޅޭ ކަމެއް އުޅޭތީ ކަމަށާއި ނަމަވެސް އެމައްސަލަ ހައްލުކޮށް ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވަކީލް ވިދާޅުވި އެެވެ. ކެންޔާ މީހާގެ އަތުގައި ޓިކެޓް ގަތުމަށް ބޭނުންވާ ފައިސާ ހުރިކަންވެސް ވަކީލް ފާހަގަކުރެއްވި އެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ފެސިލިޓީ މި ދެ އަންހެނުން ވަކިން ބޭތިއްބުމަށް ޖާގަ ނެތް ކަންވެސް ވަކީލް ފާހަގަކުރެއްވި އެވެ.