ރައްޔިތުންގެ މަޖިލިސް

ނިހާނާއި ރޮޒައިނާ ތަޅުމުގައި ފެން ޖެހުމުން ޖަލްސާ މެދުކަނޑާލައިފި

Feb 24, 2016
5

ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ޗެމްބަރު ތެރޭގައި އަރައިރުންވެ، އެކަކު އަނެކަކު ގަޔަށް ފެން ޖެހުމުން މައްސަލަ ހޫނުވެ މަޖިލީހުގެ ނިޒާމް ގެއްލި މެދުކަނޑައިލައިފި އެވެ.

ދެ ޑެޕިއުޓީ ޕްރޮސިކިއުޓަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ބެހޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގެ މަރުހަލާގައި ނިހާން ވާހަކަ ދައްކަވަމުން ރޮޒައިނާގެ އާއިލާއަށް ނިސްބަތްވާ ގޮތަށް ވަނަމެއް ވިދާޅުވުމުން ރޮޒައިނާ ވަނީ ނިޒާމީ ނުގުތާ ނެންގެވުމަށް ފަހު ނިހާންގެ ކުރިމައްޗަށް ވަޑައިގެން އެ ވާހަކަތަކަށް ހުރަސްއަޅުއްވަން މަސައްކަތް ކުރައްވައިފަ އެވެ. އެހެން ނަމަވެސް އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ނިހާން ވަނީ، އަގަޔަށް ފެން އެޅުއްވުމަށް ފަހު، ރޮޒައިނާގެ މޫނަށް ބުރުވާ ލައްވައިފަ އެވެ. އަދި އެއާ އެކު ރޮޒައިނާ ވަނީ މޭޒު މަތީގައި ހުރި ފެން ތަށި ނަގައި ނިހާންގެ ގަޔަށް ޖަހައިފަ އެވެ.

އެއާ އެކު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ، ނިހާން ކައިރިއަށް އައިސް ވަށާލައިފަ އެވެ. އެއާ އެކު މަޖިލީހުގެ ނިޒާމް ގެއްލި މަޖިލީހުގެ ރައީސް ވަނީ އިރުކޮޅަކަށް ޖަލްސާ މެދުކަނޑާލައްވައިފަ އެވެ. މިއަދު ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިދިކޮޅު މެންބަރުން އަންނަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހާދިސާއަށްފަހު ނިހާން ޓްވީޓް ކުރައްވާ ވިދާޅުވީ ރޮޒައިނާ ގަޔަށް ފެންދިޔައީ ކޮށި އަރައިގެން ކަމަށެވެ.