ސިވިލްސާވިސް ކޮމިޝަން

ސީއެސްސީގެ ހުސްވެފައިވާ މެންބަރު ކަމަށް ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވީ ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

އާމިރާ، ސީއެސްސީގެ މެންބަރުކަން ކުރެއްވީ ޑިސެމްބަރު 2، 2018 އިން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 އަށެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.

މި ހަތަރު ބޭފުޅުން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވީ ސެޕްޓެމްބަރު 30، 2020 ގައެވެ.