ދުނިޔެ

ގުއަންޓަނާމޯ ބޭ ގައި ހުންނަ ޖަލު ބަންދުކުރަނީ

ގުއަންޓަނާމޯ ބޭގައި އެމެރިކާއިން ހިންގާ ޖަލު ބަންދުކުރަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ނިންމަވައިފި އެވެ.

މި ނިންމެވުމާއެކު އޮބާމާ ވިދާޅުވެފައިވަނީ، ކިއުބާގައި ހުންނަ ޖަލު ބަންދު ކުރުމުގެ ސަބަބުން، އެމެރިކާގެ ގައުމީ ދިފާއީ ނިޒާމު ރަނގަޅުވެގެންދާނެ ކަމަށެވެ.

ގުއަންޓަނާމޯ ބޭގައި ހުންނަ ޖަލު ބަންދުކުރުން މިއީ އޮބާމާގެ ފުރަތަމަ ރިޔާސީ ދައުރުގައި ކުރައްވާނެ ކަމަށް ވިދާޅުވެ، ވެފައިވާ ވައުދެކެވެ. ވިދާޅުވެފައިވަނީ، އެ ޖަލު މުޅި އެއްކޮށް ބަންދުކޮށް، ހައްޔަރީން އެމެރިކާގެ ފަސގަނޑުގައި ހުރި އެންމެ ހައި ސެކިއުރިޓީ ޖަލުތަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

ނޫސްވެރިންނާއި މުހާތަބު ކުރައްވަމުން އޮބާމާ ވިދާޅުވީ، އެމެރިކާގެ ޑިފެންސް އާއި ބެހޭ ޑިޕާޓްމެންޓްއިން ވަނީ ޖަލު ބަންދުކޮށް ހައްޔަރީން އެހެން ޖަލުތަކަށް ބަދަލުކުރުމާއި ބެހޭގޮތުން ރަސްމީ ޕްލޭންއެށް ރާވާފައި ކަމަށެވެ. އަދި ވިދާޅުވީ ޖަލު ބަންދުކޮށް، ގައުމުގެ މަސްލަަހަތަށް އެންމެ ރަނގަޅަށް ކަންތައް ގެންދަވާނެ ކަމަށާއި ގުއަންޓަނާމޯ ބޭގެ މައްސަލަ ދެން އިންތިހާބުވާ ރައީސް އެއްގެ ބޮލުގައި އަޅުވަން ބޭނުންފުޅު ނުވާކަމަށެވެ.

އޮބާމާ ޖަލު ބަންދުކުރަން މަސައްކަތް ކުރެއްވި ނަމަވެސް، ބައެއް ސިޔާސީ ބޭފުޅުން ވަނީ އެމެރިކާގެ ފަސްގަނޑުގައި ނުރައްކާތެރި ކުށްވެރިން ބެހެއްޓުމަށް ދެކޮޅު ހަދާފަ އެވެ. މިކަމުގައި އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއެވެ.

މި މައްސަލަ އާއި ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ފަރާތްތަކުން ވިދާޅުވެފައިވަނީ، ކުށްވެރިން ތަކެއް އެމެރިކާ ތެރޭގައި ބަންދު ކުރަން ކިޔާއިރު، އެންމެ ހައި ސެކިުރިޓީ ޖަލުތަކުގެ ވާހަކަ ޑިފެންސް ޑިޕާޓްމެންޓްގެ ޕްލޭނުގައި ބަޔާން ކޮށްފައި ނުވާކަމަށެވެ. އަދި މި ޕްލޭނަކީ އެއްވެސް އޮށްޓަރެއް ހުރި ޕްލޭނެއް ނޫން ކަމަށާއި، އެއީ ރައީސް އޮބާމާ ވެރިކަމުން ފޭބުމުގެ ކުރިން ދައްކާލި ދަޅައެއް ކަމަށެވެ.