މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ކޭންސީސީގެ ރިޔާސަތާ ރާއްޖެއިން ހަވާލުވެއްޖެ

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ)ގެ ރިޔާސަތާ ރާއްޖެއިން ހަވާލުވެއްޖެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ ކޮޕް28 ސަމިޓްގެ ހަވާސާގައި އިއްޔެ ބޭއްވުނު ކޭންސީސީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ރިޔާސަތާ ހަވާލުވެވަޑައިގަތީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

ކޭންސީސީ އަކީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ ފަސް ގައުމު ކަމުގައިވާ ދިވެހިރާއްޖެ، މާޝަލް އައިލެންޑްސް، ކިރިބާސް، ޓުވާލޫ އަދި ޓޮކެލާއޫ ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ.

މި ޖަމާއަތުގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ އެއްގޮތް ކަންކަން އެކުލެވޭ ކުދި އަދި ބިންތިރި ޖަޒީރާ އަތޮޅު ތަކުގެ މައްޗަށް އެކުލެވޭ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކޮށް މިފަދަ ގައުމުތަކުގެ ހާއްސަ ނާޒުކުކަމާއި ގުޅޭގޮތުން ވަކާލާތު ކުރުމެވެ.

ކޭންސީސީގެ ރިޔާސަތާ ހަވާލުވެވަޑައިގެން މިނިސްޓަރު ތޯރިގު ވަނީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ ގައުމުތައް ޖިއޮގްރަފީގެ ގޮތުންނާއި އުފެދިފައިވާ ގޮތުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށާއި ވަކިން ހާއްސަކޮށް އެފަދަ ގައުމުތަކަށް ދިމާވެފައިވާ ނާޒުކު ތިމާވެށީގެ މަސްއަލަތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި އަދި މިކަމުގެ ސަބަބުން ލިބޭ އިއާދަ ނުކުރެވޭ ގެއްލުންތައް ފޫބެއްދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އަދި މައްސަލަތައް ހައްލުކުރުމުގައި އަތޮޅު ގައުމުތައް ގުޅިގެން އެއްބައިވަންތަކާމާއެކު މަސައްކަތްކުރުމުގެ މުހިއްމު ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.