ބޭންކް އޮފް މޯލްޑިވްސް

ބޭނުންޖެހިފައިވާ މީހުންނަށް ބީއެމްއެލް އިން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ހިނގާބިނގާވެ އުޅުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގަމުންދާ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރުމަށް ނިންމައިފި އެވެ.

މިއާއެކު 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށުގައި ތިބި 230 އަށް ވުރެ ގިނަ މީހަކަށް ވީލްޗެއާ ހަދިޔާކުރެވޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ދައުރެއް އަދާކޮށްދޭ އަދި އަޅުގަނޑުމެން ހިދުމަތް ކުރާ މި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަޅުގަނޑުމެން ކުރާ މުހިއްމު އިންވެސްޓްމަންޓެއް. ރާއްޖޭގެ އެކިކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ސްޓުމްކަ ވިދާޅުވި އެވެ.

އަމިއްލަ އަށް ވީލްޗެއާ އޮޕަރޭޓް ކުރެވޭނެ ފަރުދުންނަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާކުރުމުގެ އިތުރުން އެއްތަނުން އަނެއްތަނަށް ދިއުމަށް އެހެން މީހުންނަށް ބަރޯސާވާންޖެހޭ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށް މިއަހަރު ބޭންކުން ވަނީ މެނުއަލް ވީލްޗެއާވެސް ހަދިޔާކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ބޭންކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިއްމު ބަދަލުތައް ގެނައުމަށް ހިންގަމުންދާ ޕްރޮޖެކްޓަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދެ އެވެ.

މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސޭބިލިޓީ (އެމްއޭޕީޑީ) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އަހަރީ ޕްރޮގްރާމްތައް ހިންގުމަށް ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.