ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު މާރިޔާ އާއި ހައިދަރު ބޭރުގެ ޕާސްޕޯޓް ދޫކޮށްލި ކަމުގެ ލިޔުން ހޯދައިފި

ވަޒީރުންގެ މަޖިލީހުގެ އެއްވެސް ބޭފުޅެއްގެ އަތުގައި ދިވެހި ޕާސްޕޯޓްގެ އިތުރުން އެހެން ޕާސްޕޯޓެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީން ކުރި މަސައްކަތުން ދެ ވަޒީރަކަށް ލިބިފައި އޮތް އެހެން ގައުމެއްގެ ޕާސްޕޯޓް ދޫކޮށްލާފައިވާ ކަމުގެ ލިޔުން ކޮމިޓީއަށް ލިބިއްޖެ އެވެ.

ކޮމިޓީގެ ބައެއް މެންބަރުންގެ ފަރާތުން އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އަތްޕުޅުގައެވެ. ނަމަވެސް ވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މި ދެ ބޭފުޅުން ބޭރުގެ ޕާސްޕޯޓް ވަނީ ދޫކޮށްލާފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު މިމައްސަލަ ދިރާސާކުރަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީންނެވެ.

ވަޒީރުންގެ މަޖިލީހުގެ އެއްވެސް ބޭފުޅެއްގެ އަތުގައި ދިވެހި ޕާސްޕޯޓްގެ އިތުރުން އެހެން ޕާސްޕޯޓެއް އޮތްތޯ ބެލުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ކޮމިޓީން ފާސްކުރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހްގެ ހުށަހެޅުއްވުމަކަށެވެ.

ފަލާހް އެގޮތަށް ހުށަހެޅުއްވީ ވަޒީރުންގެ ގޮތުގައި ތިއްްބެވި ބައެއް ބޭފުޅުންނަކީ ދިގުމުއްދަތަކަށް މީގެކުރިން ރާއްޖެއިން ބޭރުގައި އުޅުއްވި ބޭފުޅުންނަށް ވާތީވެ އެ ބޭފުޅުން އިތުރު ޕާސްޕޯޓެއް ނުގެންގުޅުއްވާކަން ޔަގީންކުރެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ)ގައި ވަނީ ވަޒީރުންގެ ހުރުން ލާޒިމުވާ ޝަރުތުތައް ކަނޑައަޅާފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދެވަނަ ނަންބަރުގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައި 22 ބޭފުޅުން ހިމެނެ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުން ހިމެނެ އެވެ.