އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އޮޕަރޭޝަނެއް ފަށަނީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ފެށުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވީޒާ ބަލާނެ ކަމަށެވެ. އަދި އިމިގްރޭޝަން ގާނޫނާ ހިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

މި އޮޕަރޭޝަންގެ މަގުސަދެއްގެ ގޮތުގައި އިމިގްރޭޝަނުން ފާހަގަކުރީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި މަސައްކަތްކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބައްޓަންކުރުމެވެ. އަދި މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި ރައްޔިތުންނާއި ކަމާގުޅުން ހުރި ހުރިހާ ފަރާތްތައް ޝާމިލުކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމެވެ.

މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ މައްޗަށް އިިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.