(އެންމެ ފަހުގެ ބަޔާ ގުޅޭ)
ޑޮކުޓަރުންގެ ކޮންމެ ލަފަޔަކަށް ތަބާވަމުން ދިޔައީ ކުދިންގެ ދިރިހުރުމަށް އެދޭތީއެވެ. ތަފާތު މާއްދާތަށް ހިމެނޭ ވިޓަމިންތަކެވެ. ކުދިންގެ ދުޅަހެޔޮކަމަށެވެ. ކާންވީ ތަކެއްޗާއި ނުކާންވީ ތަކެތީގެ ލިސްޓު ލިބުނެވެ. މާބނަޑު އަންހެނެއްގެ ކެއުން ހުންނަންވީ ގޮތުގެ އިރުޝަދު ދިނެވެ. މާބަނޑު ވުމުގެ ސަބަބުން ބައެއް އަންހެނުން ތަޖުރިބާ ކުރާ ފަދަ ހިތް ދަތިކަމެއް ،ވޭނެއް ތަހައްމަލު ކުރާން ޖެހެނީ ވަރަށް މަދު ފަހަރަކުއެވެ. ﷲ ގެ ހެޔޮ ރަހުމަތުން ހުރިހާ ކަމެއް ވެސް ދަނި ރަނގަޅަށެވެ. ކުދިންނާއި އާލިޔާގެ ހުރިހާ ކަމެއް ރަނގަޅޭ ޑޮކުޓަރުން ބުނާއަޑު އިވުމުން ނުތަނަވަސް ވެފައިވާ ހިތަށް ހަމަޖެހުން ލިބެއެވެ.
އާދަޔާއި ޚިލާފަށް ބޮޑުވަމުން އައި ބަނޑު ފެނުމުން ނުދަންނަ މީހުންގެ ހިތުގައި އާލިޔާއަށް ޓަކައި ހަމްދަރުދީ އުފެދެމުން ދިޔައެވެ. މާބަނޑުވުމުގެ ވޭނާއި ކެކުޅުމަކީ ބަޔާން ކުރަން ދަތި އަސަރެއްގެ ގޮތުގައި ގިނަބަޔަކަށް ސިފަ ކުރެވުނެވެ. އެހާ ބޮޑު ބަނޑަކާއި އެކުގައި އުޅޭނެ ހާލު އެމީހުނަށް އިހުސާސްވާ ކަހަލައެވެ. ބައެއް މީހުންނަށް، ވަރަށް އުނދަގޫ ވޭ ހެއްޔޭ އަހާލެވެނީ ގަސްތަކު ނޫނެވެ. އެމީހުންގެ ތަޖުރިބާތަކަށް ވިސްނުމަށް ފަހުގައެވެ.
ނުދަންނަ މީހުންގެ ނަޒަރުތައް އާލިޔާއަށް އަމާޒު ވާކަން ފާހަގަ ކުރެވުނެވެ. އެހެން ކަމުން މީހުންގެ ތެރެއަށް ނުކުމެ އުޅުމަށް ލަދުގަނެ ޖެހިލުން ވަމުން ދިޔައެވެ. ބަސްގިނަ މީހުން ކޮށްފާނެ ސުވާލަކަށް ޓަކައެވެ. އެމީހުންގެ އެ އިހުސާސްތަކުގެ ސަބަބުން އާލިޔާގެ ހިތްވަރު ބަލިކަށިވެ، ހިތުގެ ޒަޚަމު އިތުރަށް ބޮޑުވެދާނެތީ ކަންބޮޑުވަމުން ދިޔައެވެ.
ކާރޫބާރު ބޮޑު މާލޭގެ މަގުތަކުގައި ހިނގާ، ބިނގާވެ، އުޅުމަކީ ފުރާނަޔާއި ހަށިގަނޑަށް ވެސް ރައްކާތެރި ކަމަކަށް ނުވެއެވެ. ތޮއްޖެހި އިމާރާތްތަކާއި ވެހިކަލުތަކުން ފުރި އަންބާރި ކުރެވިފައިވާ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ ހަދާ މީހުންނަށާއި، ދުއްވާ މީހުންނަށްވެސް އަމާން ތަނަކަށް ނުވެއެވެ. މިފަދަ މާހައުލަކަށް އާލިޔާފަދަ މާބަނޑު އަންހެނަކު ފައި މަގުގައި އުޅުމަކީ އެހާ ރައްކާތެރި ކަމެއް ނޫނެވެ.މީޑިޔާ މީގެ ކުރިންވެސް ސިއްސުވާލި އެއްއަދަކީ މަގުމަތީގައި ހިނަގާފައި ދިޔަ މާބަނޑު އަންހެނަކުގެ ގައި ގައި ވެހިކަލަކުން ޖެހި ފުރާނަ ދިޔަ ނުރައްކާތެރި ހާދިސާއެވެ. އެފަދަ ނުރައްކާތެރި ހާދީސާއެއް ހިނގައިފި ނަމަ ގެއްލިދާނީ އާލިޔާގެ އެކަނި ފުރާނައެއް ނޫނެވެ. އެހެންކަމުން އެންމެފަހުން އާލިޔާ ނިންމީ ހިނގާފައި އޮފީހަށް ނުދިއުމަށެވެ. ލިބިދާނެ ގެއްލުމަކުން ރައްކާތެރި ވުމަށެވެ. ކާރުގައި ދާއިރު ވެސް އިންނަނީ ދުއްވާ މިހާ ފަރިތަވެފައި ބަލައިގެން ދުއްވިޔަސް ދެން އަންނަ މީހާގެ ނުފަރިތަކަމުން އެކުސިޑެންޓެއް ހިނގާފާނެތީއެވެ.
އޭގެ ފަހުން އާލިޔާ އޮފީހަށް ގޮސް ހަދަނީ ޓެކުސީގައެވެ. ދުވަސްފުރި ގާތް ވަމުންއައި ވަރަކަށް ފޮއްސިވެ ލޭގެ ޕުރެޝަރު ވެސް ދިޔައީ މައްޗަށް ޖެހެމުންނެވެ. މިހުރިހާ ގޮތަކަށް ބެލުމަށްފަހު އާލިޔާ ނިންމީ ބެޑްރެސްޓްގެ ގޮތުގައި އެންމެފަހު ދެހަފުތާ ނެގުމަށެވެ. އެކަން ބޮޑު މީހަޔަށް ހުށައެޅުމުން އޮފީހުގެ ގިނަ މަސައްކަތްތައް ގޭގައި އިނދެގެން ކުރެވޭ ގޮތަށް އެކަމަށް ހާއްޞަ ޕްރޮގުރާމެއް ތައްޔާރުކޮށް އޮފީހުގެ އެކައުންޓްތަކަށް ވަދެވޭ ގޮތް ހަމަޖައްސައި ދިނެވެ. އެއަށް ފަހު ޗުއްޓީ ދޭން ނިންމިއެވެ. އެއީ އާލިޔާގެ ބެލުމުގެ ދަށުން ނޫނީ މަސައްކަތްތައް ދާން ވެރިޔާ ހިތްހަމަ ނުޖެހޭތީއެވެ.
ވެރިޔާގެ މިނިންމުން އާލިޔާ ބަލައިގަތީ ކުންފުންޔަށް އެންމެ ފައިދާ ހުރި އެގޮތް ކަމަށްވާތީއެވެ. އެފަދަ ކޮންމެ ނިންމުމަކަށް އާލިޔާ އާބަސް ބުނަނީ ހިތް ހަމަޖެހުމާ އެކުގައެވެ. އެންމެބޮޑު އުފަލަކީ ވެރިޔާ އާލިޔާއަށް ކުރާ އިތުބާރެވެ. ބައެއްފަހަރަށް އާލިޔާގެ ބައްޕައެއްގެ މަގާމުގައި ހުރުމުގެ ނަޞީބު ލިބުނު ނަމައޭ ބުނެ ސަމާސާ ކޮށްލައެވެ. އެފަދަ ވަގުތުތަކުގައި އާލިޔާ ވެސް ވެރިޔާއާއި ސާމާސާ ކުރެއެވެ." ބައްޕަ އަކަށް ނުވަތަ ބަފައިބެ އަކަށް ވެވިދާނެ ތާއެވެ" އެހެންބުނުމުން ވެރިޔާގެ މޫނުމަތިން ފެނިގެން ދަނީ އުފާވެރިކަމެވެ. "އާލިޔާ އެދޭ ނަމަ ތިޔަ ފުރުޞަތު އަދި ނުގެއްލެއޭ ބުނަނީ ހިތުގައި އެފަދަ ޕުލޭން ކުރެހެމުން ދާތިއެވެ. އެކަން އާލިޔާއަށް ވަނީ ސިއްރު ކޮށްފައެވެ. އާލިޔާގެ ގިނަ ވާހަކަތަކުން ފާހަގަ ކުރެވުނީ ބީވެދިޔަ ހަޔާތެއްގެ އިންތިޒާރުގައި ހަޔާތުގެ މުސްތަގުބަލު ނަގައި ނުލާނެ ކަމެވެ. އަދި އަޒުމާ ހިތްވަރުހުރި ޝަހުސެއްގެ ގޮތުގައި ސިފަ ކުރެވުނެވެ. މުޖުތަމައުގައި އަންހެނުންނަކީ ނިކަމެތިންގެ ގޮތުގައި ދެކޭ ދެކުމަށް އާލިޔާ ހުރީ ގޮން ޖަހަން ކެރިގެނެވެ. ފިރިހެނުން އެޅިހާ ބަތަކަށް ރިހަވެގެން އިންނަން ނުޖެހޭނެ ކަމަށް ދެކެމުން ދިޔައެވެ.
އަނިޔާގެ ސަބަބުން ނަފުސާނި ބަލީގެ ހާއްޔެއްގައި މުޅިހަޔާތް ވީރާނާ ކުރުމަކީ ދިރިއުޅުމެއް ނޫނޭ ބުނަމުން ދިޔައީ ފާޅުގައެވެ. ކުދިންގެ އުފަލަށްޓަކައި މައިމީހާއަކީ ފިރިމީހާގެ ފަރާތުން ލިބޭ ނަފުސާނީ އަނިޔާތަކުގެ ޝިކާރަ އަކަށް ވުން އެއީ ދީނުގައި ލާޒިމު ކުރާ ކަމެއް ކަމަކަށް އާލިޔާ އަކަށް ގަބޫލެއް ނުކުރެވުނެވެ. ދިރިއުޅުމުގެ ހަޔާތުގައި ނަފުސާނީ އަނިޔާ ލިބެނީ ހަމައެކަނި އަންހެނުންނަށް އެކަނި ނޫންކަމަށް އާލިޔާ ދެކުނެވެ. އާލިޔާ ގަބޫލު ކުރާނީ ސައުން އާލިޔާ ދޫކޮށްލީ މިފަދަ މަޖޫބޫރީ އެއްގެ ސަބަބުންނެވެ. މިފަދަ އަނިޔާ ލިބިފައިވާ ގިނަ ފިރިހެނުން ނާމެދު މުޖުތަމައު ދެކެނީ އަނބި ދަށުވަފައިވާ މީހުންގެ ގޮތުގައެވެ. ޚަޤީގަތަކީ އަނބި ދަށުވުމެއް ނޫނެވެ. ނަފުސުގެ ބަލިކަށިކަމެވެ. އޭނަގެ އަމިއްލަ ނަފުސަށްވުރެ އެހެން ނަފުސުތަކާއި މެދު އޭނާގެ ހިތުގައިވާ ހަމްދަރުދީއާއި ލޯތްބެވެ.
އަންހެނުން ނެކޭ އެއްފަދައިން ދަރިންގެ ހައްޤުގައި މިފަދަ އަނިޔާ ތަކުގެ ޝިކާރައަކަށްވެގެން ނަފުސާނި ބަލިމަޑު ކަމެއްގެ ތެރެއިން ފަރުވާ ހޯދަން މަޖުބޫރު ބަލިތަކުގެ ޝިކާރައަކަށް ވެފައި ވަނީ ވަކި ޖިންސެއްގެ ބައެއް ނޫނެވެ. އެހެން ކަމުން މިކަމާއި އާލިޔާ ފާޅުގައި ބަސްބުނަމުން ދިއުމަކީ ވެރިޔާއަށް އަލިޔާގެ ތެދުވެރިކަމާއި އިޚުލާސްތެރިކަން ހާމަކޮށްދިން ރަނގަޅު މިސާލުތަކެވެ.
މީޑިޔާގެ ތެރޭގައި ފެތުރޭ އެފަދަ ޚަބަރުތަކާއި ގުޅިގެން ބައެއް ފަހަރަށް އޮފީހުގެ ދެޖިންސުގެ ދެމެދުގައި ހޫނު ބަހުސްތައް ދަނީ މަދެއްކޮށް ނޫނެވެ. މުއައްޒަފުންގެ މިފަދަ އަޑުތައް އެންމެ ގާތުން އަޑު އަހާ އެކަކީ އޮފީހުގެ ވެރިޔާ އުސައިދެވެ. އުސައިދަށް އާލިޔާ ސިފަވަމުން ދިޔައި ފިރިހެނުންނާއި އަންހެނުންގެ ހައްގުތަކުގައި ވާކާލާތު ކުރާ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ.
ޚުދު އުސައިދަކީ ވެސް އަންހެނަކު އަޅުވެތި ކޮށްގެން ގެންގުޅުމުގެ ސަބަބުން ހަޔާތަށް ފުން އަސަރުތަކެއް ކޮށްފައިވާ މީހެކެވެ. އެލިބުނު ތަޖުރިބާއާ އެކުގައި މުޅި މީހާގެ ވިސްނުން ބަދަލުވެގެން ދިޔައެވެ. ބީވެގެން ދިޔަ އަނބި މީހަޔާއި އެކުގައި ލިބުނު ދަރިފުޅަކީ ނަފުސާނީ އަސަރު ތަކުގެ ސަބަބުން އާއްމު މީހުނާއި ވިސްނުން ތަފާތު ކުއްޖެކެވެ. ދަރިން، ކައިވެނި މިއީ އޭނާ ގަބޫލު ކުރާ ކަމެއް ނޫނެވެ. ޅައިރު ގޭތެރެއިން އިވުނު އަޑުތަކާއި ފެނުނު މަންޒަރު ތަކުންނެވެ. މަހުރޫމް ވެގެން ދިޔަ މަންމަގެ ލޯތްބެވެ. އެކަނި ވެރި ހަޔާތެވެ. ބައްޕަ ގެ މަސައްކަތާއި ގުރުބާނީއެވެ. ހޭދަ ކުރަމުންދާ ހިތް ދަތި ދިރިއުޅުމެވެ.
އުސައިދުގެ ހުރިހާ ވިންދެއް ގުޅިފައި ވަނީ އޮފީހާއެވެ. ބާކީ ހުރިހާ ވަގުތެއް އުސައިދު ގުރުބާން ކުރަނީ ދަރިފުޅާ އެކުގައެވެ. އޭނެގެ ވިސްނުން ބަދަލު ވޭތޯއެވެ. ކާފަ ކިޔާ ދަރިއެއްގެ ގޮވާލުމަކީ މިއަދު އުސައިދުގެ އެއް ހުވަފެނެވެ. އެހެނަސް...
އާލިޔާ ގަބޫލުކުރާ ގޮތުގައި ބީވެދިޔަ ފިރިމީހާގެ ބަދަލުގައި އާލިޔާ ހިތް ފުރޭވަރުގެ ލޯތްބެއް ލިބެމުން ދިޔައީ އޮފީސް މާހައުލުންނެވެ. ހިތުގައި ޖަމާވެފައިވާ ކަރުނަ ހިނދެމުން ދިޔައީ އޮފީސް މާހަލުން އެ ލިބުނު ހިތްހަމަ ޖެހުމުންނެވެ. އޮފީސް ކުދިންގެ ފުށުން އާލިޔާއަށް ލިބުނީ ހިތް ވަރެވެ. ކުރިމަގަށްޓަކައި އިސްއުފުލައި ކުރިއަށް ފިޔަވަޅު އެޅުމުގެ އަޒުއާކޮށްދިނެވެ. ފަސް އެނބުރި ބެލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ނިންމަން މަޖުބޫރުވިއެވެ. ފަހަތަށް އުކިގެން ދިޔަ ސަފްހާތަކުގައި ކުރެވުނު ތަޖުރިބާ ތަކުން ހުޅުވިގެން ދިޔައި އަލިމަގެކެވެ. އިންސާނާ އަމިއްލައަސް ނިކަމެތި ވެ ގޮތް ހުސްވީކަމަށް ދެކުމަކީ ފިނޑި ސިފައެއްގެ ގޮތުގައި މާނަކުރިއެވެ.
ވިހެއުމުގެ ޚަރަދު ތަކަށްޓަކައި އޮފީސް އެންމެންގެ މެދުން ފަނޑެއް ވަނީ ހުޅުވައި ދީފައެވެ. މަސައްކަތު މީހާއިން ފެށިގެން އެންމެ މަތީވެރިޔާގެ ބައިވެރިވުން އެ ފަންޑަށް ލިބުނެވެ. އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާވުމުގެ ނަތީޖާ ފެނިގެން ދިޔައި ވަރަށް ފޮނިކޮންނެވެ. ރާއްޖޭގައި ހިނަގމުންދާ އޮފިސްތަކަށް ބަލާއިރު މުއައްޒަފުންގެ ފަރުދީ ކަންތައްތަކުގައި އެހން މުއައްޒަފުންގެ މިފަދަ ބައިވެރިވުން ލިބުމުގައި މިއީ ނަމޫނާ އޮފީހެކެވެ. އެކަން އާލިޔާ ބަލައިގަތީ މުޖުތަމައުގެ އެހން ފަރުދުންނަށް ދިން ހިތްވަރެއްގެ ގޮތުގައެވެ.
އިސްވެރިޔާގެ ދަށުން މުއައްޒަފުންގެ ކަންތައްތައް މެނޭޖުކުރާ އެޗް އާރަކީ އާލިޔާ ކަމުގައި ހަމަޖެއްސި ހިސާބުން މުޅި އެ އޮފީހުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑަތި ބަދަލުތައް ގެނެވުނެވެ. އެ ބަދަލުތަކުގެ ސަބަބުން ވެރިޔާ އާލިޔާއަށް ތަޢުރީފް ކުރިއެވެ. މުސާރައިގެ ކުރިއެރުން ނުހަނު އަވަހަށް ލިބިގެން ދިޔައެވެ. އެކުރިއެރުމާއި މެދު ހަސަދަވެރި ކަމުގެ ނަޒަރުން ދެކުނު އެންމެ ހިތެއްވެސް ނެތެވެ. އެކަން ކަށަވަރު ވީ ލިބެމުންދިޔަ ލޯތްބާއި އޯގާތެރި ކަމުންނެވެ. އެހީތެރި ކަމުގެ ސަބަބުންނެވެ.
ކަލަންޑަރުން ދުވަހަކަށްފަހު ދުވަހެއް އުނިވަމުން ދިޔައެވެ. އާލިޔާ އިނީ ވިހަން ގާތް ވެފައެވެ. ގޭތެރެއަށާއި މުޅި އާއިލާއަށް ވަނީ އުފާވެރިކަން އާއްމު ވެފައެވެ. ގެއަށް އަންނަން އުޅޭ މެހުމާނުންނަށް ޓަކައި މުޅިގެ ކުލަލައި ޒީނަތްތެރި ކުރިއެވެ. އެކަމުގެ އެންމެ އިސް މޭސްތިރިއަކީ އާލިޔާގެ މަންމައެވެ.
ދޭތެރެ ދޭތެރެއިން އާލިޔާ ގާތު ވިހަން ވާއިރަށް، ސައުން ނާންނާތޯ މަންމަ ސުވާލު ކުރެއެވެ. އެސުވާލު ތަކަށް އާލިޔާ ދެނީ މަންމަ ހިތް ހަމަޖެހޭ ކަހަލަ ކޮންމެސް ޖަވާބެކެވެ. ޗުއްޓީ ލިބުމުން އަންނާނެ ކަމަށް ބުނެ ހިތް ހަމަޖައްސުވައި ދެއެވެ.
ވިހޭގެ އަށް ހޯދި ތަކެތި ބަލާ ފާސް ކުރުމަށް ފަހު ހޮސްޕިޓަލަށް ގެންދަން ޖެހޭނެ ތަކެތި ވަކިކޮށް ވިހެއުމަށް ޓަކައި ވާން ހުރި ހުރިހާ ތައްޔާރީއެއް ވަމުން ދޔައީ އާލިޔާގެ ދެ އަތުންނެވެ. ހެދުން ތަކާއި ރަޖާތައް ދޮވެ އިސްތިރި ކުރީ އާލިޔާއެވެ. ބައެއް ފަހަރަށް ބަނޑުގައިވާ ދަރިންނާއި އާލިޔާ މުޚާތަބުކޮށް ވާހަކަ ދައްކަމުން ދެއެވެ. " ދަރިފުޅުމެން ދެކޭ ހިތުން މަންމަގެ މިލޮލަށް ނިންޖެއް ނާދެއެވެ. ދެން ކެތެއް ނުވާނެއެވެ. މަންމަ މިހާރު އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެއެވެ. ދެން މަންމަގެ ލޯބި ކޮޅުތައް މަންމަގެ މިއުނގުގައި ނާނަކިޔާ ނިދާލަން އަންނަން އުޅޭށެވެ. މަންގެ މޭގެ ފިނިކަމަކީ ދަރިފުޅުމެންނެވެ. ރޭތަކުގެ ނިދީން މަހުރޫމު ކުރުވާ ހިތަށް އުފާ ދިނީ ތިޔަ ލޯބި ލޯބި ފުއްކޮޅުތަކެވެ. ތިޔައީ މަންމަގެ ލޮލުގެ ފިނިކަމެވެ" އެކަމަކު މަންމައަށް މަޢާފު ކުރާނަން ދޯއެވެ! އެހެން ބުނަމުން ބަނޑުގައި ފިރުމާލިއެވެ. ދަރިންގެ ހަރަކާތްތައް ބަލަން އާލިޔާ ކަޅިޖަހާއި ނުލައި އިންއިރު ދެލޮލުން އޮހެރެމުން ދިޔައީ ކަރުނައެވެ. މިފަދަ ވަގުތުތަކުގައި ނަފުސު ބަލިކަށި ވެދަނީ އާލިޔާގެ އިހުތިޔާރުން ބޭރުގައެވެ.
އިންސާނީ ޠަބީއަތުގައި ވާގޮތުން އަންހެނުންނަކީ ކިތަންމެ ހިތްވަރުގަދަ ކަމަށް ހެދިގެން އުޅުނަސް ނަފުސުގެ ގޮތުން ޟައީފު ބަލިކަށި ބައެކެވެ. އެހެނަސް އެމީހުންގެ އެބަލިކަށިކަން އެހެންމީހުންގެ ކުރިމަތީގައި ފޮރުވާ ރައްކާ ކުރެއެވެ. މޫނުމަތިން ހިނިތުންވުން ފާޅުވާ ހިނދު ހިތް އޮންނަނީ ރޯލަ ރޯލައެވެ.
އަންހެނުން ތަފާތު ބަޔަކަށް ވަނީ މިފަދަ ސަބަބު ތަކާއި ހުރެއެވެ. މުޅި ދިރިއުޅުން ވެސް އެ ވޭނާއި ހިތްދަތިކަމުގައި ގުރުބާން ކޮށްފާނެއެވެ. އެކުގައި އުޅޭ ފިރިމީހަޔަށް އެއިން އެންމެ ކަރުނަ ތިއްކެއް ވެސް ނުފެންނަ ފަދައިންނެވެ. ކީއްވެ ހެއްޔެވެ؟ ކުދިންގެ ހައްގުގައެވެ. ދުނިޔޭގެ މަލާމަތް ރައްދު ވެދާނެތީއެވެ. އާއިލާގެ ނުރުހުން ލިބިދާނެތީއެވެ. މުޖުތަމައު ދެކެފާނެ ގޮތަކާ މެދުގައެވެ. ރައްޓެހިން ލޭބަލު ކޮށްފާނެ ގޮތެއް ނޭނގޭތީއެވެ. ކުދިންގެ ލޯބިން މަހުރޫމްވެ އެކަނި ވެރި ވެދާނެތީއެވެ. ފިރިން ތިންހަތަރު އަނބިން ހޯދާ ހައްޤު ތަކަށް އިހުމާލު ވާއިރުވެސް ޗުއްޕުވެސް ބުނެ ނުލައި އިންނަން މަޖުބޫރުވެފައި ވަނީ މިފަދަ ސަބަބު ތަކާހުރެއެވެ. އާލިޔާގެ ވިސްނުން މިކަންކަމުގައި ތަފާތެވެ.
އާލިޔާގެ އެއްވެސް ޚަބަރެއް ސައުންނަކަށް ފަހަކުން ނުލިބުނެވެ. މަޑުމަޑުން އާލިޔާގެ ހަދާން ތަކުގައި ހޭދަ ކުރާ ހޭދަކުރުން މަދުވާން ފަށައިފިއެވެ. ސައުންގެ ގިނަ ވަގުތުތައް ހޭދަ ކުރަނީ ވިޔާފާރީގެ ކަންތައް ތަކުގައެވެ. އާއިލާއަށް ދެވޭ ވަގުތު މަދުވުމުން މިޝްކާ އެކަމާއި ޝަކުވާ ކުރުން އިތުރުވާން ފެށިއެވެ. އެހެން ނަމަވެސް މިޝްކާގެ އެ ޝަކުވާތަކާއި ގުޅިގެން އެއްވެސް ބަދަލެއް ނައެވެ.
ކުދިންނާއި އެކުގައި ހަފުތާ ދެހަފުތާ އެކަނި މައި އެކަނިން އުޅެން ޖެހެނީ މަދެއްކޮން ނޫނެވެ. އެފަދަ ވަގުތު ތަކުގައި މާލެ މަތިން ހަދާންވެ ރައްޓެހިންނާއި ވާހަކަ ދައްކާ ލާހިތް ވާންފެށިއެވެ. ސޯސަލު މީޑިޔާއާއި ދުރުގައި ހުރި މިޝްކާ ދެވަނަ ފަހަރަށް މިނެޓްވާރކްގެ ތެރެއަށް ވަންނަން ޖެހުމުން ޖެހިލުންވެ، މޭކަރާގޮތް ވިއެވެ. ކުރިން ދެވި ހިފި ވަރަށް ދެވި ހިފާފާނެތީއެވެ. އަދި ކުރިން ހިގިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވެދާނެތީއެވެ. މާޒީގައި ކަންތައް ވީގޮތުން ހުރީ ކުޑަކޮށް ޖެހިލުން ވެފައެވެ. (ނުނިމޭ)