ރަޝިއާ-ޔުކްރޭން ހަނގުރާމާގައި ޔުކްރޭން ބަލިވެއްޖެނަމަ އެމެރިކާ އިން ޒިންމާ ނަގަން ނުޖެހޭނެ ގޮތެއް ނެތް ކަމަށް އެ ގައުމުގެ މާލީ ވަޒީރު ޖެނެޓް ޔެލެން ވިދާޅުވެއްޖެ އެވެ.
ޔުކްރޭނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް ނުދީފިނަމަ އެކަން ވެގެން ދާނީ އެމެރިކާގެ ބޮޑު ފޭލިވުމަކަށް ކަމަށްވެސް ޔެލެން ވިދާޅުވި އެވެ.
ރަޝިއާއިން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް ރައްދުދިނުމުގައި ޔުކްރޭނަށް މިހާތަނަށް ހިފަހައްޓާލެވުނީ ވެސް އެމެރިކާއިން ވެދިން އެހީތެރިކަމުގެ ސަބަބުން ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަތިޔާރު ހުސްވެ، ހަދާނެ ގޮތް ހުސްވުމުން ރަޝިއާއަށް އަމާންދޭން ޖެހުމަކީ އެމެރިކާއަށް ވަރަށް ބޮޑު ލަދަކަށް ވާނެ ކަމަށެވެ.
ޔުކްރޭނަށާއި ޓައިވާނަށް އަދި ފަލަސްތީންގެ ބިންތައް ފޭރިގަނެ އުފައްދާފައި އޮތް ޔަހޫދީ ސަރުކާރު ދެމެހެއްޓުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ 111 ބިލިއަން ޑޮަލަރު ފާސްކޮށްދިނުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފަ އެވެ.
މި އަދަދަށް ފައިސާ ހޭދަކުރުމަށް ސަރުކާރަށް ހުއްދަ ދިނުމާ މެދު ގާނޫނު ހަދާ މަޖިލީހުގައި އޮތީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.
ޔުކްރޭނަށް ހަރަދު ކުރުމުގައި އެމެރިކާއަށް ތާއަބަދު ދެމި ނޯވެވޭނެ ކަމަށް ބައެއް މެމްބަރުން ބުނެ އެވެ. ޔުކްރޭންގައި އެމެރިކާއިން ހިންގަނީ ބޭކާރު އޮޕަރޭޝަނެއް ކަމަށްވެސް ބައެއް މެމްބަރުން ބުނެ އެވެ.
ބައެއް މެމްބަރުން ބުނާ ގޮތުން ޔުކްރޭނަށް ބޭނުންވާ ފައިސާއަށް ސަރުކާރުން އެދެން ޖެހޭނީ ވަކިންނެވެ. ހުރިހާ ހަރަދެއް ޖުމުލަކޮށް ފާސްކުރުމަށް ހުށަހެޅުމުން -- ޔުކްރޭނަށް ކުރާ ހޭދަ ގާނޫނު ހަދާ މަޖިލީހަށް އޮޅޭނެ ކަމަށްވެސް ބައެއް މެމްބަރުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބައިޑަން ސަރުކާރުން ޔުކްރޭނަށް ކަނޑައަޅާފައި އޮތީ 61 ބިލިއަން ޑޮލަރެވެ.
ޔުކްރޭނަށް މާލީ ގޮތުން އެހީތެރިވުމަކީ އެމެރިކާއަށް އޮތް ވަރަށް ބޮޑު ބުރައެއް ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބުނެ އެވެ. ޔުކްރޭނަށް ބޮޑެތި އަދަދުތަކުން ހޭދަކުރުމުގެ ބަދަލުގައި އެމެރިކާގައި ހުރި މައްސަލަތަކަށް އަމާޒުކުރުން ރަނގަޅުވާނެ ކަމަށްވެސް ބައެއް މެމްބަރުން ބުނެ އެވެ.
ޔުކްރޭނަށް ފައިސާ ހޯދުމަށްޓަކައި ބައިޑަން ސަރުކާރުން ހުށަހެޅި ހުށަހެޅުމުގައި އެމެރިކާގެ ބޯޑަރު މައްސަލަ -- އެމެރިކާއަށް ވަގަށް ވަންނަ މީހުން ކޮންޓްރޯލްކުރުން ވެސް އޮތީ ހިމަނާފަ އެވެ.
އޮފިޝަލުން ބުނާ ގޮތުން ބޯޑަރު މައްސަލަތަކަށް ހޭދަކުރަން ހިމަނާފައިވަނީ މަޖިލީހަށް އޮޅުވާލުމަށެެވެ. އެއީ މިފަަދަ މުހިންމު މައްސަލައަކަށް އިޝާރާތްކޮށްފިނަމަ ފައިސާއަށް ހުއްދަ ހޯދުން ފަސޭހަވާނެތީ އެވެ.