ދުނިޔެ

ޣައްޒާ ހަނގުރާމަ ހުއްޓުވަން ބޭނުންނުވާ ކަމަށް އެމެރިކާ ބުނެފި

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ގޮވާަލައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އިސްވެ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކޮށްފި އެވެ.

އޭގެ މާނަ އަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަކީ އެމެރިކާ އެދޭ ގޮތް ނޫން ކަމެވެ.

މި ގަރާރުގައި ގޮވާލާފައި ވަނީ ޝަރުތަކާ ނުލައި ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުތަނަސްކޮށް ދިނުމަށް އަދި އެއްވެސް ޝަރުތަކާ ނުލައި އަސީރު ދޫކޮށްލުމަށެވެ.

ސަލާމަތީ މަޖިލީހުގައި މި ގަރާރަށް ކުރި ބަހުސްގައި އެމެރިކާގެ ފަރާތުން ވާހަކަދެއްކެވި -- އެމްސެސެޑަރުގެ ބައިބު، ރޮބާޓް ވޫޑް ވިދާޅުވީ، ޣައްޒާ މައްސަލާގައި، ސަލާމަތީ މަޖިލީހަށް ކިތަންމެ ވަރަކަށް ގަރާރު ހުށަހެޅި ނަމަވެސް ކުރާނެ ފައިދާއެއް އޮން ކަމަށް އެމެރިކާ ގަބޫލުނުކުރާ ކަމަށެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި މި ގަރާރަށް 13 މެމްބަރު ގައުމަކުން ތާއީދުކުރި އެވެ.

ސަލާމަތީ މަޖިލީހުގައި ތިބެނީ 15 މެމްބަރުންނެވެ. ދާއިމީ ފަސް މެމްބަރުންނާއި ވަގުތީ 10 މެމްބަރުންނެވެ. ދާއިމީ މެމްބަރުންގެ ތެރޭގައި ހިމެނޭ އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިއާ އަދި އިނގިރޭސިވިލާތުން ކުރެ ގައުމަކުން ވީޓޯކޮށްފި ނަމަ ދެން އެކަމެއް ކުރިއަކަށް ނުގެންދެވެ އެވެ.

ވަގުތީ މެމްބަރުންނަކީ ކޮންމެ ފަސް އަހަރަކުން މުއްދަތުހަމަވާ މެމްބަރުންނެވެ. ސަލާމަތީ މަޖިލީހަށް ދެން ޖެހޭނީ އަލުން މެމްބަރުން ހޮވާށެވެ.

ޣައްޒާ ހަނގުރާމާގައި އެމެރިކާ އަކީ ޔަހޫދީ ޒަޔަނިސްޓުންނަށް ވަރަށް ބޮޑަށް އެހީތެރިވާ ގައުމެކެވެ. އަސްކަރީ ގޮތުންނާއި މާލީ ގޮތުންނެވެ.

އެމެރިކާ ނޫނަސް، ޔަހޫދީ ޒަޔަނިސްޓުން އެހީތެރިވުމުގައި ޔޫރަޕްގެ ހުރިހާ ގައުމެއްހެން ތިބީ ފޫގަޅައިގެންނެވެ. މީގެ ތެރެއިން ވެސް ޔަހޫދީންނަށް ތާއީދު ބޮޑު ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަނު އަދި ފަރަންސޭސިވިލާތް ހިމެނެ އެވެ.

އިނގިރޭސިން މިހާރު ވަނީ ޣައްޒާ ހަނގުރާމާގައި އަމަލީ ގޮތުން ޔަހޫދީންނަށް އެހީތެރިކަން ފޯޜުކޮށްދޭން ފަށާފަ އެވެ. މި ގޮތުން ހަމަލާ ދިނުމުގައި ބައިވެރި ނުވި ނަމަވެސް، ޣައްޒާއިން މައުލޫމާތު އެއްކުރުމާއި އިންޓެލިޖެންސް ހޯދައިދިނުން ހިމެނެ އެވެ.

ޣައްޒާ ހަނގުރާމަ ނުނިމިގެން އުޅެނީ އެމެރިކާގެ ސަބަބުންކަން މުޅި ދުނިޔެ ގަބޫލުކުރެ އެވެ. އެމެރިކާއަކީ އަޑުގަދަ، ނުފޫޒުގަދަ އަދި އެހާ ގޮތްކުޑަ ގައުމެކެވެ. ދުނިޔޭގައި އާންމު އަޚުލާގާ ބީރައްޓެހި ހުރިހާ ކަމެއް ކުރުވަނީ އެމެރިކާ އިސްވެ އޮވެ ބައިވެރިންނަށް ބުއްދިލައިދީގެންނެވެ.