ޖުމްހޫރީ ޕާޓީ

ޖޭޕީގެ ނައިބް ލީޑަރު ކަމަށް ހަތަރު ބޭފުޅުން ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބް ލީޑަރުގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ޖޭޕީ އަކީ ފަސް ނައިބް ލީޑަރުން ތިއްބަވާ ޕާޓީ އެކެވެ. ޖޭޕީ އިން ހުސްވެެގެން އުޅެނީ ނައިބް ލީޑަރުންގެ އެއް ޖާގަ އެވެ. އެއީ ޖޭޕީގެ ނައިބް ލީޑަރެއްގެ ގޮތުގައި ހުންނެވި އިގްބާލް އާދަމް އެ ޕާޓީން އިސްތިއުފާ ދެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ހުސްވި ޖާގަ އެކެވެ.

ޖޭޕީގެ ނައިބް ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ
  • ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކު
  • ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް
  • ޖޭޕީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދު (ބޮކި ސައީދު)

ޖޭޕީގެ ނައިބް ލީޑަރު ހޮވުމާ އަދި ހުސްވެފައިވާ އެހެން މަގާމުތަކަށް ބޭފުޅުން ހޮވުން މާދަމާ ކުރިއަށް ގެންދާނެ އެވެ. މާދަމާ މެންދުރުފަހު 2:00 ޖަހާއިރު އޮންނަ އިންތިހާބުގައި ވޯޓުލާނީ ޖޭޕީގެ ކައުންސިލް މެންބަރުންނެވެ.

ޖޭޕީގެ ނައިބް ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، މިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު ޑރ. އަމީން އިބްރާހިމްއާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހުގެ އިތުރުން ޖޭޕީގެ ކުރީގެ ނައިބް ރައީސް އަހްމަދު ސައުދު އެވެ.