ޑރ. މުހައްމަދު މުއިއްޒު

އެންމެ ބޮޑު އާމްދަނީއެއް ހޯދޭ ސިނާއަތަކަށް މަސްވެރިކަން ހެދޭނެ: ރައީސް

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމުގައި ހެދޭނެ ގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން އެ ސިނާއަތުގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023" ގެ ރޭގެ ދަންފަޅީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކޮށް މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ވައުދު ވެވަޑައިގެންނެވި ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަކޮށް މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގުންޒަރުގައި މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެއިން ކޮންމެ ވައުދަކީ ފުއްދަވާނެ ގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވައުދުތައްކަން ފާހަގަކުރައްވާ އެކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް މަސްވެރިކަން ތަރައްގީކުރުމަށް ހޭދަކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއްވެފައި ހުރި ފައިސާ މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާލުވީ މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށާއި މި ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުންދާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ މަސްވެރިންގެ ޝުއޫރުތައް އަޑު އައްސަވައި މަސްވެރީންގެ ސުވާލުތަކަށް ޖަވާބުވެސް ދެއްވާފަ އެވެ.