ހަބަރު

ބޭރުގެ ހަރުކަށި ފިޔަވަޅުތައް އަޔަަސް، އެކަމުން އަރައިގަންނާނަން: ރައީސް

Feb 24, 2016
1

އިދިކޮޅު ފަރާތްތަކުން ބޭރުގައި ކުރާ ކަންތައްތަކުގެ ސަބަބުން ރާއްޖެއަށް ހަރުކަށި ފިޔަވަޅުތަކެއް އައިސްފާނެ ކަމަށާއި އެހެން ނަމަވެސް އެ ކަންކަމުން އަރައިގަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއަދު އުކުޅަހުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންގެ ބަޔަކު އެދިގެން އެ މީހުން ކުރާ ކަންތައްތަކެއްގެ ސަބަބުން ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅުތަކެއް އައިސްފާނެ ކަމަށާއި އެއީ ދިވެހިންގެ ބަޔަކު އަމިއްލައަށް ލިބިގަންނަ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ކޮމަންވެލްތްގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް، ސީމެގް އިން މިއަދު ނިންމާ ގޮތެއްގެ ސަބަބުން ރާއްޖެއަށް ލިބޭ އެހީތައް މަދުވެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އައިސްފާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ ފިޔަވަޅެއް އައި ނަމަވެސް، އެކަން ބަލައިގަނެ، ﷲގެ ވާގިފުޅާ އެކު ރައްޔިތުންނަށް ކުރަން ޖެހޭ ހިދުމަތްތައް ބާރު މިސްރާބުގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެފަދަ ފިޔަވަޅުތަކަކުން ރާއްޖެ ސަލާމަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ބޭރުގެ ދެ ބޮޑުވަޒީރަކާ އެ މައްސަލައިގައި ފޯނުން ވާހަކަ ދައްކަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަންތައްތަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަރައިގަންނާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ބާރުތައް ވަނީ ވަކިކުރެވިގެން ކަމަށެވެ. އަދި ސިޔާސީ މީހެއް ވެސް އަދި އެ ނޫން މީހަކަށް ވެސް ކޯޓުން ހުކުމެއް ކޮށްފި ނަމަ އެކަމުގެ ތެރެއަށް ރައީސް ވަނުމަކީ ބާރުތައް ވަކިވެފައި އޮތް ވެރިކަމުގެ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ބޭރުގެ ޖަމާއަތްތަކުން ކިތަންމެ ވަރަކަށް ޕްރެޝަރު އައި ނަމަވެސް އެކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގައި ކޯޓުތަކުން ހުކުމް ކޮށްގެން ބައެއް ލީޑަރުން މަރާފައި ހުރި ނަމަވެސް، ބޭރުގެ ޖަމާއަތްތަކުން އެ ކަންކަން ރަނގަޅު ކުރަން ޝައުގުވެރުކަން ފާޅުކޮށްގެން ނޫޅޭ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއާ މެދު ޝައުގުވެރި ވަނީ ދިވެހިންގެ ތެރެއިން ބަޔަކު އެ ކަންކަމަށް ދައުވަތު ދޭތީ އެވެ.

"ރާއްޖޭގެ ބަޔަކު ދައުވަތު ދީގެން މިހެން ކުރާ ކަންކަމުގެ ހިތި ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން އުފުލަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.