އޭސީސީ

އޭސީސީއަށް ގެދޮވެރިޔާ ޕޯޓަލްގެ އެކްސަސް ދީފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ ދޫކުރަން ނިންމި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ މައްސަލަތައް ބެލުމަށް ބޭނުންވި ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދީފި އެވެ.

އޭސީސީ އިން މިކަން ޔަގީންކޮށްދިނުމަށްފަހު ބުނެފައިވަނީ އެކްސެސް ދިނުމާއެކު މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ފެށިގެން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުޤީގަށް ހުރަސްނޭޅޭ ގޮތަށް މި މައްސަލައާ ގުޅޭ މައުލޫމާތު ކޮމިޝަނުން ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

ފްލެޓް ހަވާލުކުރުން އޭސީސީ އިން ހުއްޓުވާފައިވާތީ މިމަހުގެ ހަތަރުވަނަ އޭސީސީގެ ބޭފުޅުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހޯދުމަށް ހައުސިން މިނިސްޓްރީގައި އެ ކޮމިޝަނުން އެދުނީ ލިސްޓުގައި ހިމެނޭ މައުލޫމާތުތަކާއި ޕޮއިންޓްތަކަށް ބަދަލު ނުގެނެވޭނެ ގޮތަށް ޕޯޓަލްއަށް އެކްސެސް ހޯދުމަށެވެ.

ޝާމިލް ވިދާޅުވީ ފްލެޓް ލިސްޓާ ގުޅިގެން އޭސީސީ އިން މިހާތަނަށް ކުރި މަސައްކަތުން ޝަރުތު ހަމަނުވާ ބައެއް މީހުންނަށް ޕޮއިންޓް އިތުރު ކޮށްދީފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން ފްލެޓަށް ޝަރުތު ހަމަވާ ކޮންމެ މީހެއްގެ ހައްގުވެސް ހިމާޔަތްކޮށްދިނުމަކީ އޭސީސީއަށް އޮތް ޒިންމާއެއް ކަމަށްވާތީ އެ މައްސަލައިގައި ގޮތެއް ނިންމޭނީ ގެދޮރުވެރިޔާ ޕޯޓަލްއަށް އެކްސެސް ލިބިގެން ކަމަށެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރީ ނޮވެމްބަރު ހަތަރުވަނަ ދުވަހު އެވެ. ގުރުއަތު ލައިގެން އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ކުރަމުން ދަނިކޮށް އޭސީސީ އިން ވަނީ ފްލެޓް ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިނުދޭ ކަމަށް ބުނެ ފްލެޓް ދޫކުރުން ހުއްޓުވާފަ އެވެ. އޭގެފަހުން އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.