ދުނިޔެ

"ފަލަސްތީނުގައި އަނިޔާވެރިކަން ފެށުނީ މީގެ 106 އަހަރު ކުރިން"

ފަލަސްތީންގައި ޒަޔަނިސްޓް ޔަހޫދީންގެ އަނިޔާވެރިކަން ފެށުނީ އޮކްޓޯބަރު ހަތެއްގައި ކަމަށް ބުނުމަކީ ރަނގަޅު ބުނުމެއް ނޫން ކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ފަލަސްތީންގެ ސަފީރު -- ހުސާމް ޒަމްލަތު ވިދާޅުވެއްޖެ އެވެ.

ހުސާމް ޒަމްލަތު ވިދާޅުވި ގޮތުގައި ޒަޔަނިސްޓް ޔަހޫދީންގެ އަނިޔާވެރިކަން ފަލަސްތީންގައި ފެށިފައިވަނީ މީގެ 106 އަހަރު ކުރިން އިނގިރޭސިން އެ ބިމަށް ޒަޔަނިސްޓުން އެރުވި ހިސާބުންނެވެ.

އިނގިރޭސިން އެކަން ކުރީ އޭރު އެ މީހުން ހޯދާފައި ހުރި ބާރުތައް ބޭނުންކޮށްގެން ކަމަށް ސަފީރު ވިދާޅުވި އެވެ. އެއީ ފަލަސްތީން މީހުންނަށް އެންމެ ރަނގަޅު ގޮތްތޯ ނުވަތަ އެކަމުގައި ފަލަސްތީން މީހުން ދެކެނީ ކޮން ގޮތަކަށްތޯ އެއްވެސް ވަރަކަށް އޮޅުންފިލުވާފައި ނުވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިނގިރޭސިންނާއި އެމެރިކާގެ ނުބައި ރޭވުމެއްގެ ދަށުން ފަލަސްތީނަށް އޭރު އެރުވީ ޒަޔަނިސްޓުންގެ މަދު އަދަދެއް ކަމަށާއި ފަލަސްތީންގެ ބިންތަކުގައި ޒަޔަނިސްޓުން އާބާދުކޮށްފައި އެ ތިބީ ބާރުގެ ބޭނުންކޮށް ބިރުދައްކައިގެން ކަމަށެވެ.

ޒަމްލަތު ވިދާޅުވި ގޮތުގައި ޒަޔަނިސްޓުން ދަންނަ ހަމައެކަނި ހައްލަކީ ބާރުގެ ބޭނުންކުރުމެވެ. ތަންތަން ސުންނާފަތި ކުރުމާއި މީހުން މެރުމަކީ ޔަހޫދީން ގެބަލިކަށިކަން ދައްކުވައިދޭ ކަމެއްކަން ދުނިޔެ ދުށް ނަމަވެސް، އެމެރިކާ އާއި އިނގިރޭސިން ވެސް އެ ނޫން ގޮތެއް ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ މަޝްވަރާކުރުމަކީ ޒަޔަނިސްޓުން ދަންނަ އަދި އެ މީހުންނަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. މަޝްވަރާކޮށް ދެބައި ސުލްހަވެ އަދި ދުނިޔެ މަސަލަސްވެފައި އޮންނަ ތަން ފެނުމަކީ ޔަހޫދީން ބިރުގަންނަ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ޒަޔަނިސްޓުން ދެކޭ ގޮތުގައި ފަލަސްތީންގައި ދިރިއުޅެނީ އިންސާނުން ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ. ޖަނަވާރުން މަރާ ގޮތަށް ފަލަސްތީންގެ ނިކަމެތިން މަރަމުން އެ ގެންދަނީ -- ފަލަސްތީންގައި ދިއިރުޅެނީ އިންސާނުން ކަމަށް ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން 17،700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެއިތުރުން 48،780 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ވަނީ ފަރުވާ ދޭން ޖެހިފަ އެވެ.