ދުނިޔެ

ހަމާސްއަކީ ފަލަސްތީންގެ ސިޔާސީ މަންޒަރުން ބައެއް: ބޮޑުވަޒީރު

ގަތަރުގައި، ދޯހާ ފޯރަމްގައި ވާހަކަދައްކަވަމުން ޝްތައްޔާ ވިދާޅުވީ ފަލަސްތީންގެ ސިޔާސީ ޗާޓުން ބައެއް (ހަމާސް) ނައްތާލާނެ ކަމަށް ޒަޔަނިސްޓުން ކިތަންމެ ވަރަކަށް ގޮވައި ބިރުދެއްކިއެއް ކަމަކު އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.

"އެކަން އެގޮތަށް ނުވާނެ -- ހަމާސް ނައްތައެއް ނުލެވޭނެ" ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށެވެ.

ޣައްޒާގައި ކިތަންމެ ބަޔަކު މަރުވި ނަމަވެސް ޒަޔަނިސްޓުން ބޭނުންވާ ކަހަލަ މޮޅުވުމަކުން ޔަހޫދީން މޮޅުނުވާނެ ކަމަށްވެސް ޝްތައްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޣައްޒާ ހަމަނުޖެހުންތަކަށް ބޭނުންވަނީ ސިޔާސީ ހައްލެއް ކަމަށް ޝްތައްޔާ ވިދާޅުވި އެވެ. އެއީ ބާރުގެ ބޭނުންކޮށްގެން ކަނޑި އާއި ބަޑިން ހައްލުވާން އޮތް ކަމެއް ނޫންކަން ޒަޔަނިސްޓުންނަށް މިހާރު އެނގެން ވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ.

ޣައްޒާ އެ އޮތީ ވަށައިގެން ބަންދުކޮށް ތަޅުލާފައި ކަމަށާއި އެ ހާލަތުގައި އޮތް ތަނެއްގައި ޒަޔަނިސްޓުންނާ ކުރިމަތިލެވޭ ވަރުގެ ބަޔަކު (ހަމާސް) އުފެދުން ވެސް އެއީ ޒަޔަނިސްޓުންގެ ފޭލުވުމެއްކަން ދަންނަން ވެއްޖެ ކަމަށްވެސް ޝްތައްޔާ ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ ދެން އުފެދޭ ހަމާސް މިއަށް ވުރެވެސް ވަރުގަދަވާނެ ކަމަށެވެ.

ޔަހޫދީންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި އެމެރިކާ އާއި އިނގިރޭސިންވެސް ވަނީ ފޭލިވެފައި ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީން މައްސަލަ ހައްލު ނުވެގެން އުޅެނީ ހަތިޔާރުން އެކަން ކުރަން އުޅޭތީ ކަމަށެވެ.

އެމެރިކާއަށް އަދި ޒަޔަނިސްޓުންނަށް ވެސް ދެން އޮތް ގޮތަކީ ސިޔާސީ ހައްލަކަށް ރުހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޣައްޒާގައި މިހާރު އެ އޮތީ ކޮންމެވެސް އެހެން ގޮތަކަށް -- ހަތިޔާރު ބޭނުން ނުކޮށް އަދި މީހުން ނުމަރައި، ހައްލުކުރަން ޖެހިފައި އޮތް މައްސަލައެއް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން 17،700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެއިތުރުން 48،780 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ވަނީ ފަރުވާދޭން ޖެހިފަ އެވެ.