މަސްވެރިކަމުގެ ސިނާއަތުގެ ހުރިހާ ބާވަތެއްގެ މަސްވެރިކަމެއްވެސް ހިމަނައިގެން ފައިދާ އެންމެ ބޮޑަށް ނެގޭނެ ގޮތަށް މުޅި ސިނާއަތަށް ޖުމްލަ ހައްލެއް ގެންނާނެކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްވައިފި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮޮތުން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމު ވިދާޅުވީ މަސްވެރިންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ކިރުވުމަށްފަހު ވަގުތުން ފައިސާ ނުލިބުމުގެ މައްސަލަ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރު ނިމުނުއިރު 200 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އޮތް ކަމަށާއި ނަމަވެސް އޭގެތެރެއިން 136 މިލިއަން ރުފިޔާ މިސަރުކާރުން މިހާރު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މަސްވެރިން ބޭނުންވަނީ މަސް ކިރާފައި ވަގުތުން ފައިސާ ލިބިގެން އަނެއްކާވެސް މަހަށް ފުރައިގެން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"މަސްވެރިން ނުސީދާކޮށް މި ބުނަނީ މަސް ކިރާ ފެސިލިޓީތަކުގެ އެފިސެންސީ ރަނގަޅުކޮށްދިނުމަށް، ކިޔުގައި ޖެހެން ނުޖެހެންޔާ މަހުގެ އަގުގެ ވާހަަކަ ނުދައްކާނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ކަނޑުމަހުގެ މަސްވެރިކަމަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން ފަރުމަސްވެރިކަން އަދި ސްޕޯޓްސް ފިޝިންގައި އުޅޭ މީހުންގެ ފަރާތްތަކުން ޝަކުވާ ލިބުނު ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޖުމްލަ ހައްލެއް ހޯދައިދިނުމަށް. އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރާ ފަރާތެއް ބާކީއެއް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ވުޒާރާގެ އިހްތިސާސަށް ގެނެސްފައިވާ ބަދަލާއެކު މަސްވެރިކަމުގެ ދާއިރާ ދެވޭ ސަމާލުކަން އިތުރުކޮށް މަންފާ ހޯދަން ގިނަ މަސައްކަތް ކުރެވޭނެ ކަމަށެވެ. މަސްވެރިންގެ ޝަކުވާތަކަށް ހައްލު ގެނައުމުގެ މަސައްކަތްތައް މިހާރުވެސް ފަށާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.