ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިހަފްލާގައި ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރާ ފިޝަރީޒް ކޮލެޖު ގާއިމުކުރާނީ ގައުމީ ޔުނިވަސިޓީއާ ގުޅިގެން ކަމަށާއި އެކަމުގެ އިދާރީ މަސައްކަތްތައް ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ. މީގެ އިތުރުން މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަަކަފުޅުގައި މިސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.
މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ބްރޭންޑް ބޭރު ގައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާއަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ހިދުމަތްތައް ކޮށްފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ހާއްސަ އިނާމުތައް ހަވާލުކޮށްދެއްވާފަ އެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް މުއިއްޒު އެވެ.