ޕާކިސްތާން

ކެމިކަލް ހުރި ބޭސް އުފެއްދި ޕާކިސްތާންގެ ކުންފުނި ބަންދުކޮށްފި

ފާކިސްތާނުގެ ފާމިކްސް ލެބޯޓްރީސް އިން އުފައްދާ ބައެއް ބޭސްތަކުގައި ނުރައްކާ ކެމިކަލް ހުރިކަން ހާމަވުމާ ގުޅިގެން އެ ކުންފުނީގެ ފެކްޓަރީ ބަންދުކޮށްފި އެވެ.

ފާމިކްސް ލެބޯޓްރީސްގެ ބައެއް ބޭސްތަކުން ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ކިޔާ ދެ ވައްތަރެއްގެ ކެމިކަލެއް ހުރިކަން ތަހުލީލުތަކުން ދެއްކުމާ ގުޅިގެން ރާއްޖެ ވެސް ހިމެނޭ ގޮތަށް ވަރަށް ގިނަ ގައުމުތަކަކުން ވެސް މި ކުންފުނީގެ ބޭސް އެ ގައުމުތަކަށް އެތެރެކޮށް ވިއްކުން މަނާކޮށްފަ އެވެ.

ޕާކިސްތާންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފާމިކްސް ލެބޯޓްރީސްގެ ބޭސްތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކުގެ ސަބަބުން އެ ކުންފުނީގެ ފެކްޓަރީ ބަންދުކުރަން ޕާކިސްތާން ސަރުކާރުން މިހާރު ވަނީ އަންގާފަ އެވެ.

ފާމިކްސް ލެބޯޓްރީސް އިން އުފައްދާ ބޭހުގައި ކެމިކަލް ހުރިކަން ޔަގީންކުރެވިއްޖެނަމަ އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމަށް ޕާކިސްތާނުގެ ޑްރަގު ރެގިއުލޭޓަރީ އޮތޯރިޓީން ނިންމާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ފާމިކްސް ލެބޯޓްރީސްގެ ބައެއް ބޭހުގައި ކެމިކަލް ހުރި ކަމަށް ބުނެ ބައެއް ގައުމުތަކުން ޝަކުވާ ހުށަހެޅި ނަމަވެސް އެއީ އެ ކުންފުނިން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމެއް ނުބެލެވޭ ކަމަށް ޕާކިސްތާންގެ ކަމާ ގުޅޭ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.