( 10 ޑިސެމްބަރ 2023 އާ ގުޅޭ )
ދޮރޯށިން ވަން ގޮތަށް މިޔާ އައީ ދުވަމުންނެވެ. ބޮޑުކޮޓަރީގެ ދޮރުން ވަދެވުނު ހިނދު އޭނާއަށް ސޯފާގައި އިން އަޖުލާ ފެނިއްޖެއެވެ. ޖާހިދާ ފެންނާކަށް ނެތެވެ. ގޭތެރެއަށް ނަޒަރު އުކަމުން މިޔާ އައިސް މަޑުކޮށްލީ އަޖުލާގެ ކުރިމަތީއެވެ.
* * * * *
މޫނު ދެއްކުމަށް ބާއްވާފައި އޮތް ބައްޕަގެ ހަށިގަނޑަށް އެސްފިޔަ ޖަހާލުމެއްނެތި ދުރުގައި ބަލަން މިޔާ ހުއްޓެވެ. އޭނާއަށް ލިބިފައިވާ ސިހުމުގައި ފެންނަމުންދާ ކަންކަން ވެސް ޤަބޫލުކުރާން ދަތިވެފަ އެވެ. މަޒީދަކީ މަޝްހޫރު ވިޔަފާރިވެރިއަކަށް ވާއިރު އޭނާގެ މޫނު ބެލުމަށް ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުން ގިނަ އަދަދަކަށް ސަހަރާގެ ތެރެއިން ފެންނަމުން ދިޔަ އެވެ. އަނެއްކޮޅުން މަޒީދުގެ ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންހެން ސަހަރާއަށް އައިސް ތިއްބެވެ. މުޅި ސަހަރާތެރެ އޮތީ މީހުނާއިގެން ފުރިފައެވެ. ތައުޒިޔާގެ މެސެޖުތަކާއި މަޒީދުގެ ކަށު ނަމާދުގައި ބައިވެރިވާން އަންނަ މީހުންނާ ބައްދަލުކޮށް ވާހަކަދައްކަމުން ދިޔައީ ޖާހިދާ އެވެ. އެ ޢާއިލާގައި ތިބެނީ އޭނާއާއި މަޒީދުއާ ދެބެން އެކަންޏެވެ. ބޭބެ ނެތް ދުވަހެއްގައި ޢާއިލާގެ ހުރިހާ ޒިންމާއެއް ނަގަން ހުރީ އޭނާ އެވެ.
އިޝާ ނަމާދުގެ ފަހުގައި މަޒީދުގެ ސަންދޯއް މިސްކިތުން ނެރެންފެށިއެވެ. ބައްޕަގެ މަރުގެ ޚަބަރު ލިބުނީއްސުރެ ގަބުވެފައި ހުރި މިޔާގެ ދެ ލޯ ފުރެން ފެށީ އެހިނދުންނެވެ. ކަރުނުން ދެ ލޯ ފުރި ބަންޑުންވަމުން ގޮސް އޭނާއަށް ރަނގަޅަށް ވެސް ރޮވެން ފެށުނެވެ. އޭނާއަށް ބައްޕާއޭ ގޮވާލެވުނީ ބޭއިޚްތިޔާރުގަ އެވެ. މިޔާގެ ހިފެހެއްޓިފައި ހުރި ޖަޒުބާތުތައް ކޮޅުންލީ ފަދަ އެވެ. ގިސްލާ ރޮވެންފެށީ ބާރަށެވެ. ސަންދޯކުގެ ފަހަތުން ދިއުމަށް މިޔާއަށް ކުރިޔަށް ޖެހިލެވުނެވެ. އެހިނދު ޖާހިދާ ނިކަން އަވަހަށް މިޔާއާ ގާތްވެލައިފިއެވެ. އަދި ކޮނޑުގައި ހިފައި އޭނާއާ މިޔާ ގާތްކޮށްލުމާއެކު ބުރަކަށީގައި ފިރުމަންފެށި އެވެ. ބޮޑުދައިތަގެ ގައިގާ ބައްދާލުމާއެކު މިޔާ ރޮމުންދިޔަ އެވެ.
ޖާހިދާގެ ފޯނުކޯލާއެކީ މިޔާ އައިސް ގެއަށް ވަނީ ތެޅިތެޅި އޮތް ހިތަކާއެކީ އެވެ. ނަމަވެސް އޭނާއާ ގޭތެރެއިން ބައްދަލު ކުރީ އަޖުލާ އެވެ. އަޖުލާ އަނގައިން ބުނީ ދެ ފަހަރަށް މިޔާ ސުވާލު ކުރި ފަހުންނެވެ. ޖާހިދާ ވީ ހަސްޕަތާލުގައިކަމާއި ގުޅަންދެން ގޭގައި ތިބުމަށް ބުނެފައިވާކަން އަޖުލާ ބުންޏެވެ. ނަމަވެސް މިޔާއަށް ކެތެއްނުވި އެވެ. އޭނާ ޖާހިދާއަށް ގުޅީ އެވެ. ބޭނުންވީ ބައްޕަގެ ގާތަށް އަވަހަށް ދާށެވެ. ބައްޕަގެ ހާލު ލޮލުން ދުށުމަށް ހިތްވަނީ ކެތްމަދުވެފަ އެވެ. ނަމަވެސް ޖާހިދާގެ ޖަވާބު އައީ ތަންކޮޅެއް ހަރުކަށިކޮށެވެ.
"ކޮންމެހެން މިތަނަށް އަންނާނެ ކަމެއްނެތް. އަހަރެން ބުނާނަން އަންނަންވީމަ."
ރުޅިއާއި ހަރުކަށިކަމަކީ ޖާހިދާގެ ސިފައެއް ނޫނެވެ. ބޮޑުދައިތަ ފުށުން އެފަދަ ކަމެއް މިޔާ ނުދެކެ އެވެ. ބައްޕަގެ ގާތަށް ދާން ކިތަންމެ ބޭނުންވެފައި ހުއްޓެއްކަމަކު ބޮޑުދައިތަގެ ބަސް އަހަން މިޔާއަށް މަޖުބޫރުވީ އެވެ. ބައްޕައަށް ފަހު އެންމެ ބޮޑު ގަދަރެއް މިޔާ ކުރާ މީހަކީ ޖާހިދާ އެވެ. އުމުރުން ހަ އަހަރުން ފެށިގެން މަންމަގެ ރޯލު މިޔާއަށް އަދާކޮށްދެމުން އައީ ޖާހިދާއަށް ވީމަ އެވެ. ޖާހިދާ ބުނާ ކޮންމެ އެއްޗެއް ބުނާނީ މިޔާއަށް ރަނގަޅަކަށްކަން ވިސްނާފަ އެވެ.
އަޖުލާއާއެކު ސޯފާގައި ހިމޭންކަމާއެކު މިޔާ އިނެވެ. ގަޑިއެއްހާއިރު ފަހުން ޖާހިދާ ގުޅީ އަޖުލާ އަށެވެ. މިޔާ ގޮވައިގެން ސަހަރާއަށް އަންނަން ބުންޏެވެ. އަޖުލާއާއެކު މިޔާ ސަހަރާއަށް ދިއުމުން ފެނުނީ ކަފުންކޮށްފައިވާ ބައްޕަގެ ގަބުރެވެ. އަދި ސަންދޯކުގައި ބައްޕަ ނެރެން ފެށުމުން އުމުރަށް މިޔާއާ އެ ބައްޕަ ވަކިވަނީކަމުގެ އިޙްސާސް ކުރެވިގެން ދިޔައީ އެވެ. ކަރުނުން ދެ ލޯ ފުރި ހިތް ގިސްލާން ފެށީ އެ ވަކިވުމަކީ އަބަދުގެ ވަކިވުމެއްކަން މިޔާއަށް އެނގޭތީ އެވެ. އަދި އެ ބައްޕަ ވަކިވެގެން ދިޔައީ ބައްދަލުކޮށް އެތައް ވާހަކައެއް ބައްޕައާ ދައްކާލަން މިޔާ ބޭނުންވެފައި ހުރި ވަގުތެއްގަ އެވެ.
ސަހަރާ ތެރެއިން މީހުންތައް މަދުވީ ނިކަން އަވަހަށެވެ. މިޔާގެ ރުއިން ހުއްޓިގެން ދިޔައީ ކުއްލިއަކަށް ޖާހިދާއާ އޭނާ ދުރުކޮށްލި ގޮތުންނެވެ. ހައިރާންކަމާއެކު ބޮޑުދައިތައަށް ބަލަން މިޔާއަށް ހުރެވުނެވެ.
"ރޯނެއްކަމެއްނެތް. މަޒީދެއް ނާންނާނެ... ބޭރުގައި ކާރު އޮންނާނެ. ގޮސް ކާރަށް އަރާ." ޖާހިދާ ބުންޏެވެ.
ހަރަކާތެއް ކުރަން ނޭނގިފައި މިޔާއަށް ހުރެވުނީ އެވެ. އެހިނދު އަޖުލާއަށް ޖާހިދާ އިޝާރާތް ކޮށްލި އެވެ. އަޖުލާ އައިސް މިޔާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލުމާއެކު ހިނގާށޭ ބުނެލިއެވެ. ކަރުނުން ފުރި މަންޒަރު ފުސްވެފައިވާ ދެ ލޮލުން އެއް ފަހަރު އަޖުލާއަށް އަނެއްފަހަރު ޖާހިދާއަށް މިޔާ ބަލާލި އެވެ. އޭނާގެ މުލައްދަނޑިއަށް އަޖުލާ ދަމާލީ ތަންކޮޅެއް ބާރަށެވެ. ހީވީ ގަދަކަމުން އޭނާއާއެކު މިޔާ ގެންދެވިދާނޭކަމުގެ އިޝާރާތެއް ހެންނެވެ. މަޑު ހިނގުމެއްގައި ދެ ލޮލާއި ކޯތާފަތް ވައަތުން ފުހެމުން އަޖުލާއާއެކީ މިޔާ ހިނގައިގަތީ އެވެ. ސަހަރާގެ މައި ދޮރޯށިން ނުކުމެފައި ފަސް އެނބުރި މިޔާ ބަލާލި އެވެ. ބައްޕައަށް ވަދާޢު ކިޔާ ފަދައަކުންނެވެ. އެވަގުތު އޭނާއަށް ފެނުނީ ޖާހިދާއާ ވާހަކަދައްކަން ހުރި އާމިލް އެވެ. މަޒީދުގެ އެންމެ ގާތް މީހާގެ އިތުރުން ޢާއިލާއާއި ވިޔަފާރީގެ ހުރިހާކަމެއް ބަލަހައްޓާ ވަކީލަކީ އާމިލް އެވެ. މަޒީދުގެ ހުރިހާ މުދަލަކާއި ފައިސާގެ އެކައުންޓުތަކާ ބެހޭ ހުރިހާ މަޢުލޫމާތެއް އެނގޭނެ މީހަކީ އާމިލް އެވެ. ބައްޕަގެ ވަސިއްޔަތެއް އޮތްނަމަ އެވެސް އެނގޭނެ މީހަކީ އާމިލްކަން މިޔާއަށް އެނގެ އެވެ. ޖާހިދާއާ އާމިލް ދައްކާނެ ވާހަކައަކީ ބައްޕަގެ ވާހަކަކަން މިޔާއަށް ޔަގީން ވެއެވެ.
ގަލޮޅު ވާދީހިޔާގޭ ކުރިމައްޗަށް މަޑުކޮށްލި ކާރުން މިޔާއާއި އަޖުލާގެ އިތުރުން ޖާހިދާ ފޭބި އެވެ. ހިމޭން ކަމާއި މޮޅިވެރިކަމުގައި ޖާހިދާގެ ފަހަތުން އަޖުލާއާއެކީ މިޔާ ގެއަށް ވަނެވެ. ބޮޑުކޮޓަރިއަށް އެންމެން ވަންނަން އައިވަގުތު ގޭގެ ދަގަނޑު ދޮރޯށި ހުޅުވުނު އަޑާއެކީ މިޔާއަށް ބަލާލެވުނެވެ. ގެއަށް ވަނީ އާމިލް އެވެ. އެންމެން އެތެރެއަށް ވަދެ ސޯފާތަކުގައި ހަމަޖެހުނެވެ.
"އާމިލްބެއާ އެކީތަ ބައްޕަ ހުރީ." މިޔާއަށް އަހާލެވުނެވެ. އެއާއެކު އާމިލް ޖަވާބެއް ދިނުމުގެ ބަދަލުގައި ބަލާލީ ޖާހިދާ އަށެވެ. އޭނާގެ އެ ޢަމަލުން މިޔާގެ ނަޒަރު ޖާހިދާއަށް ހުއްޓުނެވެ.
"ބައްޕަ މަރުވީ ކިހިނެއް؟." ޖާހިދާއަށް ބަލަން އިނދެ މިޔާ އަހާލި އެވެ.
"އާމިލް އައިސް އެ އިނީ މުހިންމު ކަމަކު." ޖާހިދާ ބުންޏެވެ.
ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި ކޮފީމޭޒުގެ މައްޗަށް އާމިލް ގެންގުޅުނު ބްރީފްކޭސް ނަގައި ބޭއްވި އެވެ. އަދި އެ ހުޅުވާލާފައި އޭނާ ނެގީ ކުލިޕަކުން އެއްކުރެވިފައިވާ ކަރުދާސް ތަކަކާއި ގަލަމެކެވެ. އާމިލް ދެން ބަލާލީ މިޔާ އަށެވެ. އެ ކަރުދާސްތަކުގައި މިޔާގެ ސޮއެ ބޭނުންވާކަން އޭނާ ބުނެލިއެވެ.
"ތީ ކޯއްޗެއް؟. ބައްޕަގެ ވަސިއްޔަތްތަ؟." މިޔާ ސޯފާއިން ތެދުވަމުން އަހާލި އެވެ.
އަޖުލާ ކުއްލިއަކަށް ތެދުވި ގޮތަށް މިޔާގެ ކަނާއަތު ހިފި އެވެ. އަދި އަތްދަމާފައި މިޔާގެ ކޯތާފަތާ ދިމާއިން އަޖުލާ ޖަހައިފި އެވެ. ވީގޮތެއް ނޭނގި ސިހުމެއްގައި މިޔާއަށް ބަލާލެވުނެވެ. އަޖުލާ ޖެހި ދިމާ ކޯތާފަތުން ދިލަތަދެއް އިޙްސާސް ކުރެވި މިޔާގެ ކޯތާފަތުގައި އަތް އަޅާލެވުނެވެ.
"ތިހާ ސުންޕާ އަންހެނެއް ނުދެކެން." އަޖުލާ ބުނީ ރުޅިވެރިކަމާއެކު އެވެ. އޭނާގެ ބެލުމުގައިވީ އިންތިހާ ދަރަޖައިގެ ނަފުރަތެކެވެ.
"ކިހިނެއްވީ؟. އައްޖު... ކީއްވެ." ރޮވެން އުޅޭފަދަ ހިމެ އަޑަކުން މިޔާއަށް އަހާލެވުނެވެ.
"ކަލޭގެ ސުންޕާކަން ބޭބެއަށް ޖެހުނީ. އަދި އެބައުޅެއެއްނު މާ މައުސޫމް މީހަކަށް ވާންވެގެން. ކުޑައިރުއްސުރެ މިހާތަނަށް ކޮންމެ ކަމެއްގައި ކަލޭ ބޭނުންވާ ގޮތް. ކޮންމެ ކަމެއްގައި ކަލޭ އިސްވޭ... ކަލެއަށް މީރު އެއްޗެހި، ކަލެއަށް ކަމުދާ އެއްޗެހި، އަބަދުވެސް އަހަރެން ހުރީ ދެވަނައިގައި. އުމުރުން ދޮށީ އަހަރެން. އެކަމަކު ހުރިހާކަމެއްގައި މޮޅު އޮތީ ކަލެއަށް." އަޖުލާ އެއްޗެހި ކިޔަމުން ދިޔަ އެވެ.
"ނޫން. ދޮގެއް ތީ... ބައްޕަ ކަންތައް ކުރަނީ ހަމަހަމައަށް. އައްޖުއާ އަހަރެން ތަފާތެއް ނުކުރޭ." ރޮމުން މިޔާ ބުނެލި އެވެ.
"ދެން ހެޔޮ. މިއަދު މީ ހުރިހާކަމަކަށް ނިމުން އަންނާނެ ދުވަސް." އަޖުލާ ބުންޏެވެ.
"އަޖުލާ... އިށީނދޭ." ޖާހިދާ ގޮވާލީ ތަންކޮޅެއް ބާރަށެވެ. މަންމައަށް ބަލާލާފައި އަޖުލާ ރުޅި ކޮންޓްރޯލު ކުރި އެވެ. ދެ އަތް އުރާލައިގެން ސޯފާގައި އޭނާ އިށީނެވެ.
"މިޔާ... މުޅި ރޭ އާމިލްއަކަށް ނީނދެވޭނެ ކަލޭ ރޯތަން ބަލާކަށް. އޭނާ އެބުނާ ތަނެއްގައި ސޮއި ކުރޭ. މިވަގުތު އޭނާ ނިންމަންޖެހޭ ކިތަންމެ ކަމެއް ހުންނާނެ." ޖާހިދާ ކުރީ އަމުރެކެވެ.
ރޮވިފައި ހުރެ އާމިލްގެ ކައިރީ މިޔާ މަޑުކޮށްލި އެވެ. އާމިލްގެ އަތުގައި އޮތް މިޔާއަށް ދިއްކޮށްލި އެވެ. އަދި ކަރުދާހުގެ ތިރީގައި އޭނާ އިނގިލި ޖައްސާލުމާއެކު ސޮއި ކުރަންވީ އެތަނުގައިކަން ބުނެލިއެވެ. ނުވަ ކަރުދާހުގެ މައްޗަށް ތައްޔާރު ކުރެވިފައި އޮތްއިރު އޭގައި ލިޔެފައިވާ އެއްޗެއް މިޔާއަކަށް ނޭނގެ އެވެ. އާމިލް ވެސް އޮޅުން ފިލުވައެއް ނުދެ އެވެ. އެންމެ ފަހު ސަފުޙާގައި މިޔާގެ ނަން އޮތެވެ. އެ ސަފުޙާގައި ސޮއި ކުރަން ޖެހުނީ ނަމުގެ ކައިރީގަ އެވެ. އެކަން ނިމުމާއެކު އާމިލް ބްރީފްކޭސް އިން ނެގީ އިނގިލީގެ ނިޝާން ޖަހާ ދެލިދަޅެކެވެ. މިޔާ ގާތުން އެދުނީ ބޮޑުވައި އިނގިލި އޭގައި އޮބާލާފައި ކަރުދާހުގައި އޭނާގެ ނަން އޮތް ދިމާގައި އިނގިލީގެ ނިޝާން ޖަހާލަ ދިނުމަށެވެ. މިޔާ އެފަދައިން ކަންތައް ކުރި އެވެ. މަޑުކުރުމެއްނެތި އާމިލް އަވަސްއަވަހަށް ހުރިހާ ބްރީފްކޭސްއަށް ލައި ލައްޕާލުމާއެކު އެ ހިފައިގެން ތެދުވީ އެނގެއިން ނުކުންނާށެވެ.
ދުނިޔެ ދަސްވެފައިނުވާ މިޔާއަށް ބައެއް އިންސާނުންނަކީ ބަދަލުވާ މޫސުން ފަދައިން އެމީހުންގެ ކުލަ ބަދަލުކޮށްލާ ބައެއްކަން އެނގެން ގިނައިރެއް ނުނެގި އެވެ. ވެއްޓުނީ ރިހޭ ފައި މައްޗަށް ފޮއެވެ. ކުރިމަތީ އިން ބޮޑުދައިތަ ބަދަލުވި ހާލަތާއެކީ ދުލި ބަދަލުކޮށްލި ފަދަ އެވެ. ބައްޕަގެ ދުނިޔޭގައި ބޮޑުދައިތަގެ ފަރާތުން ލިބެމުންއައި އޯގާތެރިކަން އެ ބައްޕަ ވަކިވުމާއެކު ނިމުމަކަށް އައީ އެވެ.
ޖާހިދާގެ ފިރިމީހާ ކައިރިން ވަރިވީއިރު އަޖުލާއަށް އަށް އަހަރެވެ. އޭނާ ހުރީ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފަ އެވެ. އެވަގުތަކީ މަޒީދު ވެސް ހަ އަހަރުގެ މިޔާ ގޮވައިގެން އެކަނިވެފައި ހުރި ވަގުތެވެ. އަނެއްކޮޅުން މައިންބަފައިން ދުނިޔޭގައި ނެތްއިރު އެއްބަނޑު އެއްބަފާ ދައްތައަށް އެހީވާން ހުރީ ވެސް މަޒީދު އެކަންޏެވެ. ޖާހިދާއާއި އަޖުލާ ގެއަށް ގެނެސް މަޒީދުގެ ބެލުމުގެ ދަށުގައި އެމީހުން ދިރިއުޅެން ފެށި ހިސާބުން އެ ދެމައިންގެ ދިރިއުޅުމަށް އައީ ހީނުކުރާ ފަދަ ހެޔޮ ބަދަލެކެވެ. މަޒީދުގެ ތަނަވަސްކަމަކީ ޢާއިލީ ވާރުތަކުރުމެއް ނޫނެވެ. އެހިސާބަށް އޭނާއަށް އާދެވުނީ ނުހަނު ބުރަ މަސައްކަތާއި ހިތްވަރުންނެވެ. އެއީ އޭނާގެ އަނބިމީހާއާއި ދަރިފުޅުގެ މުސްތަޤްބަލް އުޖާލާ ކުރުމުގެ ވިސްނުމާއި ރޭވުންތެރިކަމެވެ. އެހެންވިޔަސް ރިޒްގު ދެއްވަނީ ﷲ އެވެ. އޭނާގެ ތަނަވަސްކަމުގެ ހިޔަލުގައި ޖާހިދާއާއި އަޖުލާ ބެލުންވީ ހަމައެކަނި ޒިންމާއަކަށް ނޫނެވެ. އެމީހުންނަށް ޓަކައި ކުރެވުނު ސަދަގާތަކަށެވެ. ނަމަވެސް މިއަދު އެ މީހުން އޭނާގެ ހެޔޮކަން ބަލައިގަތީ ކިހިނެއްކަން ދުށުމަކަށް ނެތެވެ. އަދި މަޒީދުގެ ފުރާނަ ފަދައިން ލޯބިވާ ހުރި ހަމައެކަނި ދަރިފުޅާ މެދު އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އިހާނެތިކޮށް ހިތާފާނޭ ވެސް ހިޔެއް ނުކުރާނެ އެވެ.
"މިގެއަކު ދެން ނުހުރެވޭނެ." ސޯފާއިން ތެދުވި ގޮތަށް ޖާހިދާ ބުންޏެވެ.
"ކީއްވެ؟. މީ ބައްޕަގެ ގެއެއްނު. މި ހުރިހާ ދުވަހު އުޅުނީ މި ގޭގައެއްނު." ވާނުވާ ނޭނގިފައި ހުރެ މިޔާ ބުންޏެވެ.
"ކަލޭ ބައްޕަގެ އެކައްޗެއް ވެސް ނެތް. މިހާރު މީ އަހަރެންގެ އެއްޗެހި. މި ގެއިން ޖާގަ ނެތީ މިޔާއަށް." ޖާހިދާ ބުނީ ހަރުކަށި ރާގެއްގަ އެވެ.
"ދޮންތާ." ޖާހިދާގެ ފުށުން ފެންނަ ކަންކަން ނަގައިގަންނަން މިޔާއަށް ދަތިވެފައި ހުއްޓެވެ. މިއީ ކުރިއަކުން އޭނާއަށް ފެނިފައި ހުރި ސިފައެއް ނޫނެވެ. ޖާހިދާ އަބަދުވެސް ވާހަކަދައްކަމުން އައީ ލޯތްބާއި އޯގާތެރިކަމާއެކީ އެވެ. އަބަދުވެސް މިޔާގެ ކަންކަމަށް ޖާހިދާ އިސްކަން ދިނެވެ.
"އަޑެއް ނީވުނުތަ؟. ކަލޭގެ ބައްޕަ ފަދައިން ކަލޭ ވެސް އަހަރެމެންނަށް މަރުވެއްޖެ. ނުކުމޭ މިގެއިން." އަޖުލާ ވާހަކަދައްކަމުން އައިސް މިޔާ ގެއިން ނެރެން އުޅެންފެށި އެވެ. އެހިނދު އަޖުލާގެ އަތުގެ ތެރެއިން ދެމިގަނެގެން މިޔާ އައިސް ހުއްޓިލީ ޖާހިދާގެ ކުރިމަތީ އެވެ.
"ޕްލީޒް ދޮންތާ. ކީއްވެ ތިހެން ކަންތައް ތިކުރަނީ. އެނގޭނެ އަހަރެން ދާނޭތަނެއް ނުހުންނާނޭކަން. އަހަރެން އުޅެ ބޮޑުވިތަނަކީ މި ގެ. ދެން ކޮންތާކަށް..." މިޔާގެ ވާހަކަ ޖާހިދާ މެދުކަނޑާލި އެވެ.
"އަމިއްލައަށް ގޮތެއް ހޯދާ. އަހަރެންނަށް ވަރިހަމަ... މިގެއަކު ދެން ނުހުރެވޭނެ. އަހަރެންގެ އަތުން އެންމެ ރުފިޔާއެއް ވެސް ކަލެއަށް ޚަރަދެއް ނުކުރެވޭނެ. އަހަރެމެންނާ ވާ މީހެއްނޫން ތީ. ގަދަކަމުން ބޭރުކޮށްނުލަނީސް ނުކުމެގެން ދޭ." ޖާހިދާގެ މޫނުގައިވީ ފޫހިކަމެވެ. މިޔާ އާދޭހާއެކު އޭނާގެ އަތުގައި ހިފާލަން އުޅުމުން ވެސް އަތް ފޮޅުވާލީ އެވެ.
"މަންމައަށް ހީވޭތަ އޭނާ ރީތި ގޮތުގައި ހިނގައިދާނެހެން. މިކަން ކުރަންވިތާ ކޮންދުވަހެއްތަ؟." އަޖުލާގެ ހަރުކަށި ބަސްތައް އިއްވާލި އެވެ.
މިޔާ ނުދާން އާދޭސްކޮށްކޮށް ހުއްޓާ އެ ދެމައިން އޭނާ ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ގޭގެ ދޮރޯށިން ބޭރަށް ލައިފި އެވެ. މިޔާގެ ރުއިން ގަދަވި އެވެ. ދޮރޯށި ތަޅުލީތީ އެތެރެއަށް ވަދެވޭނެ ގޮތެއް އޭނާއަކަށް ނެތެވެ. މަގުމަތީގައި ދޮރޯށި ބުޑަށް އުޑުފައިން މިޔާއަށް ތިރިވެވުނެވެ. މޫނުގައި ދެ އަތް އަޅައި ފޮރުވާލީ ރޮވޭ ވަރުންނެވެ.
"ކީއްވެ ދޮންތަ އެހެން ކަންތައް ކުރީ. ބައްޕަ ވަޅުލާފައި އައިތާ ގިނައިރުތަކެއް ނުވޭ... ބައްޕަ ނެތުމުން ހުރިހާ ކަމެއް ބަދަލުވީތަ؟. ކީއްވެ މިހެން މިވީ." ރޮމުންރޮމުން އަމިއްލަ ހިތާ މިޔާ ސުވާލު ކުރަމުން ދިޔަ އެވެ. އަދި ހަމައެވަގުތުގައި އޭނާގެ ޟަމީރު ވިސްނައިދޭން ފެށި އެގޮތަށް އިނުމުގެ ބަދަލުގައި ގޮތެއް ފެނޭތޯ ބެލުމަށެވެ. އެހެންވެ ދެ ލޯ ފުހެލާފައި މިޔާގެ ހަށިގަނޑުގައި އަޅުވާލެވިފައި އޮތް އަތްދަބަސް ހުޅުވާލި އެވެ. ބޮޑުދައިތަ އޭނާ ބޭރު އެ ކޮށްލީ ހުސްއަތާ އެވެ. އޭނާގެ އެއްވެސް އެއްޗެއް ގެންދާނޭ ފުރުޞަތެއް ވެސް ނުދިނީ އެވެ.
"ލުހާމް ކޮބާތަ؟. އަދިވެސް މެސެޖު ނުބަލާ." ފޯނަށް ބަލަހައްޓައިގެން ހުރެ މިޔާ ކިޔާލި އެވެ.
ބައްޕަ ނިޔާވި ވާހަކަ ބުނަން ލުހާމަށް މިޔާ ގުޅި އެވެ. ނަމަވެސް ފޯނެއް ނުނަގަ އެވެ. ސަހަރާއަށް ދަމުން ވެސް ލުހާމަށް މިޔާ މެސެޖު ކޮށްފައި ބުންޏެވެ. ނަމަވެސް ލުހާމުގެ ޚަބަރެއް ނުވި އެވެ. އަނެއްކާ ވެސް ލުހާމުގެ ނަންބަރަށް މިޔާ ގުޅާލި އެވެ. ވަގުތީ ގޮތުން ލުހާމުގެ ގާތުގައި އޭނާގެ އެޕާޓްމެންޓުގައި ހުރެވިދާނޭ ކަމުގެ އުންމީދު އޮތީމަ އެވެ. ގައިމު ވެސް ލޯބިވެރިޔާ އޭނާ ބާކީކޮށް ނުލާނޭކަން ޔަގީންވެ ހުރެ އެވެ. ރިންގުވެފައި ކޯލު ކެނޑުމުން މިޔާ އަލުން ގުޅި އެވެ. އެގޮތަށް ޖެހިޖެހިގެން ހަތް ފަހަރު ގުޅިފަހުން ލުހާމް ފޯނުކޯލު ކަނޑާލި އެވެ. ދެން އައީ މެސެޖެކެވެ. އޭނާ ކަމެއްގައި ބިޒީކޮށް އުޅޭ ކަމެވެ. އެވަގުތު ފޯނު ނެގެން ނެތްކަމާއި ވަގުތުވީ އެންމެ އަވަހަކާ މިޔާއަށް އެބަގުޅަންކަން ލުހާމުގެ މެސެޖުގައި އޮތެވެ. އެހެންވެ އިތުރަށް ލުހާމަށް ގުޅާ އުނދަގޫކުރާކަށް މިޔާއަށް ނުކެރުނެވެ. އޭނާ އިރުކޮޅަކު ވިސްނާލި އެވެ. ކަމެއް ހަނދާންވީ މީހަކު ފަދައިން އޭނާ އަތްދަބަހުގެ ތެރެއިން ވޮލެޓު ނެގިއެވެ. އޭގައި ޒިބު އަޅުވާފައި ހުރި ބައި ހުޅުވައި ބަލާލި އެވެ. ހިތްހަމަޖެހުމުގެ ފުންނޭވާއެއް މިޔާ ދޫކޮށްލި އެވެ. އޭނާގެ ވޮލެޓުން ނެގީ ލުހާމްގެ އެޕާޓްމެންޓުގެ ތަޅުދަނޑި އެވެ. އޭގެ ބޭނުން ކުރަން ޖެހިދާނޭ މިޔާ ހިތަކަށް ނާރަ އެވެ. ނަމަވެސް މިއަދު އެ ތަޅުދަނޑި އޮތުންވީ ލެއްވި ނަސީބަކަށެވެ. އަތްދަބަހުގެ ތެރެއަށް ފޯނުލާފައި ހިނގައިގަތުމުގެ ކުރީން މިޔާ ގެއާ ދިމާއަށް ބަލާލި އެވެ. އޭނާ އެނބުރި އެ ގެއަށް އަންނާނޭ ކަމުގައި ހިތުގައި ވިއެވެ. ލޮލުން ފޭދިގެން ވެއްޓުނު ކަރުނަތިކި ފުހެލާފައި މިޔާ ހިނގައިގަތެވެ.
ދޮރޯށީގެ ކޯޑު ޖަހާލުމާއެކު ހުޅުވިއްޖެއެވެ. މިޔާ އެތެރެއަށް ވަދެ ފަހަތުން ދޮރޯށި ލައްޕާލާފައި އައިސް ލިފްޓަށް އެރި އެވެ. ލުހާމްގެ އެޕާޓްމެންޓު ހުންނަނީ ހަ ވަނަ ފަންގިފިލާގަ އެވެ. ލުހާމް ކަމެއްގައި އަވަދިނެތިގެން އުޅޭކަން ބުނުމުން މިޔާ ލަފާ ކުރީ އޭނާ ގޭގައި ނޫޅެނީ ކަމެވެ. އެހެންވެ ލުހާމް އަންނަން ދެން އެޕާޓްމެންޓުގައި މަޑުކުރަން މިޔާ ވިސްނީ އެވެ.
ދޮރުހުޅުވާލި އިރު ސިޓިންރޫމުގެ ބޮކި ހުރީ ނިވާލާފައެވެ. އެހެންވެ މިޔާ ވަދެފައި ބޮކި ދިއްލާލި އެވެ. ސިޓިންރޫމާ އިންވެގެން ހުރި ބަދިގޭ ކާމޭޒުމަތީ ޕީޒާ ފޮށިގަނޑަކާއި ދެ ކޯކު ފުޅި ހުއްޓެވެ. ދެން މިޔާގެ ނަޒަރު ހުއްޓުނީ ފައިވަން ހަރު ކައިރީ ބަހައްޓާފައިވާ އަންހެން ބޫޓަށެވެ. އެ އެޕާޓްމެންޓުން އެ ބޫޓު ފެނުމުން މިޔާ ސުވާލު އުފެދުނެވެ. އެ ބޫޓުގެ ވެރިއަކީ ކާކުކަން މިޔާއަށް އެނގޭތީ އެވެ.
"ހަތޫ އުޅެނީތަ؟." މިޔާ ސުވާލުކޮށްލީ އަމިއްލަ ހިތާ އެވެ.
އެ ބޫޓަކީ ހަތޫންގެ ބޫޓެވެ. އޭނާ އަބަދު ފެންނާނީ އެ ބޫޓަށް އަރައިގެން ހުއްޓަ އެވެ. އެއީ ހަތޫން ވަރަށް ބޭނުންވެގެން އުޅެނިކޮށް އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މިޔާ ދިން ބޫޓެކެވެ. އެހާ ފަސޭހައިން އެ ބޫޓު ވަކިކުރަން އެނގުނީ އެހެންވެ އެވެ. ލުހާމްގެ އެޕާޓްމެންޓަށް ހަތޫން އަންނަކަން މިޔާއަށް އެނގިފައެއް ނެތެވެ. އަދި ލުހާމްއާ އެހާ ގާތް ރަޙުމަތްތެރިކަމެއް އޮންނަ ކަމެއް ވެސް މިޔާ ނުދެނަހުއްޓެވެ. އެކަހަލަގެ އިޝާރާތެއް ވެސް ވެފައި ނެތީ އެވެ. ހިސާބަކަށް ހައިރާންވެ ހުރެ މިޔާ އެތެރެއަށް ހިނގައިގަތެވެ. އެއީ އެއް ކޮޓަރީގެ އެޕާޓްމެންޓެކެވެ. ހައިރާންކަމާއި އެތައް ސުވާލެއް ހިތާއި ސިކުނޑިއަށް ލައިގެން ހުރެ މިޔާ އައީ ނިދާ ކޮޓަރިއާ ދިމާއަށެވެ. އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކީ އޭނާއަށް ބަޔާންކުރާން ނޭނގޭ ފަދަ އިޙްސާސެއް ކުރެވެންފެށި އެވެ. ހަވަނަ ހިއްސު ކޮންމެވެސް ކަމަކަށް އިޝާރާތް ކުރާ ކަހަލަ އެވެ.
(ނުނިމޭ)