ސާޖިދާ މުހައްމަދު

މަތީފަންތީގައި އަންހެނުން އިތުރުކޮށްދޭން އެދިވަޑައިގެންފި

އަންހެން ބޭފުޅުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު މީރުމާ މާލަމުގައި ބޭއްވި "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާގެ ވާހަކަފުޅުގައި ގައުމެއް ކުރިއަށްދިއުމުގައި އަންހެނުން ބާރުވެރިކުރުން މުހިއްމު ކަމަށް ފާހަގަކުރެއްވި އެވެ.

މެޑްމް ސާޖިދާ ވިދާޅުވީ ރާއްޖޭގައި އެކި މަސައްކަތްތަކުގައި އަދި ސިވިލް ސާވިސްގެ އެކި ވަޒީފާތަކުގައި އަންހެން ބޭފުޅުން ގިނަ ނަމަވެސް އަދިވެސް މަތީފަންތީގައި ހިންގުމުގައި ގިނައިން ހަރަކާތްތެރިވަނީ ފިރިހެނުން ކަމަށެވެ.

މިކަންކަން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ރަންހިރު ދަރުބާރުގެ ތެރެއިން، އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ރަންހިރު ދަރުބާރު ކުރިއަށް ގެންދަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި ޔުނައިޓަޑް ނެޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުވާ ގޮތަށް ޖުމްލަ 46 ބައިވެރިންނާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމެއްގެ ގޮތުގައެވެ.

މި ފޯރަމުގެ މަގުސަދުތަކުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ލޯކަލް ގަވާނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނެ އެވެ. އަދި އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނާ އެކުގައި މަޝްވަރާކޮށް ހިޔާލާއި މައުލޫމާތު ބަދަލުކުރެވޭނެ މަންސައެއް ގާއިމުކޮށްދިނުމާއި ޖެންޑާ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން ހިމެނެ އެވެ.