ހަބަރު

ކުރީގެ އޮޑިޓާ ޖެނެރަލަށް ފްލެޓެއް ދޭން ހުށައެއް ނާޅަން: ރައީސް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމްއަށް ފްލެޓެއް ދޭން ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ހުށަހަޅުއްވާފައި ނުވާނެ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ސަރުކާރު ހަރަދުގައި އިމާރާތް ކޮށްފައި ހުރި ފްލެޓްތައް ދޭން ނިންމީ ސަރުކާރު ވަޒީރުންގެ ކޮމެޓީއަކުން ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

އއ.ތޮއްޑޫގައި ރައްކާތެރި ބޯފެނުގެ ނިޒާމް އިފްތިހާހުކޮށް ދެއްވުމަށްފަހު އެރަށުގައި ދެއްވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނަށް ފްލެޓް ދޭން ނިންމީ މީހުންގެ ގޭގެއަށް ކުލި ދައްކައިގެން އެބޭފުޅުން ދިރިއުޅުއްވުމުގެ ކަންކަން ހަމަޖައްސަން މި ސަރުކާރަށް ފަސޭހަ ނުވާތީ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީގެ އޮޑިޓާ ޖެނެރަލް މިހާރު އެދައްކަވާ ވާހަކަތައް މަގާމުގައި ހުންނެވިއިރު ދައްކަވާފައި ނުވާތީ އެކަމާ ސުވާލު އުފައްދަވާ ކަމަށެވެ. އަދި ފްލެޓެއް ދީގެން އެބޭފުޅާގެ ވިސްނުން ރައީސް ޔާމިނަށް ޝައުގުވެރި ކުރުވަންވީ ކީއްވެގެން ތޯ ކަމަށް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނަށް ފްލެޓް ދޭން ނިންމީ އެބޭފުޅުން މީހުންގެ ގޭގޭގައި ކުލި ދައްކައިގެން އުޅެން މި ސަރުކާރަށް ފަސޭހަ ނޫން ވީމަ. އެބޭފުޅުންގެ މަސައްކަތަށް އަސަރުކޮށްފާނެތީ. އަޅުގަނޑުގެ ފަރާތުން އޮފާ ދިޔަނަމަ ދިޔަ ކަމެއް އެއްވެސް ވަރަކަށް ހަނދާނެއް ނެތް، އެއްގޮތަކަށްވެސް އެއީ އެބޭފުޅާގެ ހިތްޕުޅަކަށް އަދި ވިސްނުން އަޅުގަނޑުގެ ކޮޅަށް ދަންމަންވެގެން ކުރި ކަމެއް ނޫން އެއީކީ." ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ހުށަހެޅުއްވީވެސް ރައީސް ކަމަށެވެ. ރައީސް ވާހަކަ ފުޅުގައި މިސަރުކާރުގައި ކޮރަޕްޝަން އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވަނީ ވަރުގަދައަށް ރައްދު ދެއްވައިފަ އެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުގައިވެސް ކޮރަޕްޝަން އޮންނަ ކަމަށާއި އެއީ ދެއްކުން އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ ސަރުކާރެއްގައި ވެސް އެފަދަ ކަންކަން ހުންނާނެ ކަމަށާއި މި ސަރުކާރުން މަސައްކަތް ފަށާފައި ވަނީ ކޮރަޕްޝަން ނައްތާލައި ކޮރަޕްޝަން މަދުކުރަން ކަމަށް ވިދާޅުވެ އެވެ.

"ކުރީގެ ސަރުކާރުތަކުގައި ވެސް ކޮރަޕްޝަން ހިނގާ. އެކަންކަން ނުހިނގާ ކަމަށް މިހާރު ވަކާލާތު ކުރައްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ހަނދާން ކުރައްވާށެ. ހަމަ އޭގެ ކުރީގެ ފަތްފުށް ތައްވެސް އުކާލައްވާށޭ. ހުރިހާ އިރެއްގައިވެސް ރާއްޖޭގައި ކޮރަޕްޝަން އޮތް. އޭރުގައި ހުރި މިންވަރުން އެއީ ހަމަ ބޮޑެތި ކޮރަޕްޝަން. އެކަމާ ދެކޮޅަށް މި ސަރުކާރުން އެބަ މަސައްކަތްތަކެއް ކުރެވޭ" ރައީސް ވިދާޅުވި އެވެ.