މިނިސްޓްރީ އޮފް ހެލްތު

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މާދަމާ މީސްލްސް ވެކްސިން ދެނީ

ހިމަބިއްސާއި ރުބެއްލާއަށްދޭ އެމްއާރް ވެކްސިން ދިނުން މާދަމާ އަލުން ފެށުމަށް ނިންމައިފި އެވެ.

އެމްއާރް ވެކްސިން ދިނުމުގެ ކެމްޕޭން އަލުން ފެށީ މިމަހުގެ ދެވަނަ ދުވަހު ކުޅުދުއްފުށީގައެވެ.

މިވެކްސިން ދިނުން މާދަމާ އިން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު މައުލޫމާތު ދީފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި އޭޑީކޭ، ހުޅުމާލޭ ހޮސްޕިޓަލް، ދަމަނަވެށި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަމުން ގެންދަ ޖީޕީ ކްލިނިކްގައި އެމްއާރް ވެކްސިން ދޭނެ ކަމަށެވެ. އަތޮޅު ތެރޭގައި އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުންވެސް ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެެވެ.

ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ހިމަބިއްސަކީ ވަރަށް ހަލުވި ކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެންވެސް ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އެޗްޕީއޭ އިން އެދެ އެވެ.

ރާއްޖޭގައި އެމްއާރް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ 1983 ވަނަ އަހަރު އެވެ. އޭގެފަހުން ރާއްޖޭގައި ހިމަބިހި އަދި ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެ މަތީގައި ހިފަހައްޓާފަ އެވެ. ވެކްސިން ދިނުމުގެ ކާމިޔާބު ޕްރޮގްރާމާ އެކު ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. އަދި ރުބެއްލާ ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރު އެވެ.

ހިމަބިހި ނުވަތަ މީސަލްސް ރާއްޖެ އިން ނައްތާލެވިފައިވާ ކަމަށް ކަނޑައެޅި ނަމަވެސް 2020 ވަނަ އަހަރު ރާއްޖެއިން މީސްލްސްއަށް ޕޮޒިޓިވް މީހުން ފެނުނެ އެވެ. އަދި އެ އަހަރު މީސްލްސްގެ ގައުމީ ކެމްޕޭން ފެށި ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ވެކްސިން ޕްރޮގްރާމު އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމާ ގުޅިގެން އޭގެ ފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މީސްލްސްގެ ކޭސްތަކެއް ފެނިފައިވެ އެވެ.

ހިމަބިހީގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުން ހިމެނެ އެވެ.