ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި އެއް އަހަރަށް ފަސްކޮށްދީފި އެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކޮށް ނިންމުމަށް ވައުދުވި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ - މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މި ފްލެޓްތައް އެޅުމަށް ދޫކޮށްފައިވާ ޓްރެޝަރީ ލޯނު އަނބުރާ ދެއްކުމަށް އިންޓަރެސްޓް ނުހިނގާ ގޮތަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑެއްދީ ލޯން ރީސްޓްރަކްޗާ ކުރުމަށް ނިންމަވައި، ފްލެޓްތަކުގެ ކުލި ދެއްކުންވެސް އެއް އަހަރަށް ފަސްކޮށްދީފައިވ ކަމަށެވެ. މިކަމާ ގުޅޭ ކަންކަން ކުރުމަށް މާލީ ވުޒާރާއަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މި ވައުދާ އެއްގޮތައް ޓްރަޝަރީ ލޯނުގެ ކަންކަން ރީސްޓްރަކްޗާކުރުމުގެ ކަންކަން މާލީ ވުޒާރާއިން ކުރަމުންދާނެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަހުގައި އިންޓްރަސްޓް ނުހިނގާ ގޮތަށް ކުލި ދެއްކުން ފަސްކުރެވިފައިވާނެ،" ފިރުޒުލް ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ނިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ފްލެޓްތައް އެޅުމަށް ނޫމަޑި ކިޔާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި އައިލެންޑް އެކްސްޕާޓް ކުންފުންޏާ މަސައްކަތް ހަވާލުކޮށްފަ އެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން އެ ކުންފުނި ބަނގުރޫޓު ވުމުން އެ އެއްބަސްވުން ވެސް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްކަތް ހުއްޓާލިއިރު ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ސިފައިންގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ 80 ޕަސެންޓާއި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތުގެ އިތުރުން ފުލުހުންގެ ތިން ޓަވަރުގެ 87 ޕަސެންޓް މަސައްކަތް ނިންމާފައިވެއެވެ. އެތައް އަހަރެއް ވަންދެން މަސައްކަތް ނުނިމި ހުރުމަށްފަހު މީގެ ދެމަސް ކުރިންވަނީ ސިފައިންގެ ފުލެޓުތަކުގައި ސިފައިންގެ އާއިލާތަކުން ދިރިއުޅެން ފަށާފަ އެވެ. ނަމަވެސް އަދިވެސް ހުރިހާ ފުލެޓުތަކުގެ މަސައްކަތް ނުނިމެ އެވެ.