ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރަށް މިހާރު އޮތީ ދުވަސްތައް ގުނުން ކަމަށާއި އޭނާ އަކީ މަރަން ޖެހޭ މީހުންގެ ލިސްޓުގައި އޮތް ނަމެއް ކަމަށް ޖޯ ބައިޑަން ސަރުކާރުގެ އޮފިޝަލަކު -- ނަން ސިއްރުކުރަން އެދި ނޫސްތަކަށް ބުނެފި އެވެ.
ސިންވާރުގެ އަތް އޮތީ އެމެރިކާގެ ލެއިން ތަތްތެޅިފައި ކަމަށް އޮފިޝަލް ބުންޏެވެ. އޮކްޓޯބަރު ހަތެއްގައި ޒަޔަނިސްޓު ޔަހޫދީ އާބާދީތަކަށް ހަމާސްއިން ދިން ހަމަލާތަކުގައި އެމެރިކާގެ 38 މީހަކު މަރާފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ އަސީރުންގެ ގޮތުގައި ހަމާސްއިން އަދިވެސް އެމެރިކާގެ ރައްޔިތުން ހިފަހައްޓާފައި ތިބި ކަމަށެވެ.
ސިންވާރު މަރާލަން ކިތަންމެ ދުވަހެއް ހޭދަކުރަން ޖެހުނު ނަމަވެސް އޭނާ އަކީ އެެމެރިކާގެ އަމާޒެއް ކަމަށް އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ ސިންވަރާ ބެހޭ ގޮތުން ބައިޑަން ސަރުކާރުން މިހާރު އިންޓެލިޖެންސް މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށެވެ. އޭނާ އަދި ބުނީ ސިންވާރު ހުރީ ޣައްޒާގައި ނުވަތަ ކައިރި ގައުމެއްގައިކަން އެމެރިކާއަށް އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.
ސެޓެލައިޓާއި ޑްރޯން އަދި ޖާސޫސީ އިދާރާތަކުގެ އެހީގައި ސިންވާރާ ބެހޭ މައުލޫމާތު މެދުއިރުމަތީގައި ތިބި އެމެރިކާގެ އެޖެޓުންނާއި އުޅަނދުތަކުންވެސް އެއްކުރަމުން ގެންދާ ކަމަށް އޮފިޝަލް ބުންޏެވެ.
ޒަޔަނިސްޓް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ސިންވާރު މަރާލާނެ ކަމަށް ވިދާޅުވެފަ އެވެ. ދުނިޔެއިން ހަމާސް ފޮހެލައި ސިންވާރު މަރާލުމަކީ ޔަހޫދީ ރައްޔިތުންނަށް ވާވައުދެއް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
ޣައްޒާގައި އަދި ފަލަސްތީންގެ އެހެން އަވަށެއްގައި ނަމަވެސް ހަމާސްއަށް ތާއީދުކޮށް ވާހަކަދައްކާ ކޮންމެ މީހަކީ ޔަހޫދީ ސަރުކާރުގެ ޝައުގުވެރިކަމެއް އޮތް މީހެއް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީންގައި ހަމާސްއާ ގުޅުން ހުރި ކޮންމެ މީހަކަށް ޔަހޫދީ ޖަލުތަކުގައި އުގޫބާތެއް އޮންނާނެ ކަމަށެވެ.
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ދުނިޔެ އާދޭސްކުރި ނަމަވެސް އެމެރިކާ އޮތީ ހަމަލާތައް ހުއްޓުވާ ގޮތަކަށް ނޫނެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުން ހަމަލާތައް ހުއްޓާލަން ޖެހޭނީ ހަމާސްގެ ބާރު ކަނޑުވާލުމަށްފަހު އެވެ.
އެ މަސައްކަތަށް ކިތަންމެ ދުވަހެއް ހޭދަވި ނަމަވެސް ޔަހޫދީންނަށް އެއްބާލުން ދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.