ޑޮކްޓަރުން ލިޔެދެ ބޭސް ސިޓީގައި ހުންނަ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭސް އާސަންދަ އިން ނުލިބޭ ގޮތް ހަދައިފި އެވެ.
އާސަންދަ ކުންފުނިން އާސަންދަ ހިދުމަތް ލިބޭ މަރުކަޒުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ބަލި މީހާއަށް ވަކި ބްރޭންޑެއްގެ ބޭހެއް ދޭން ޑޮކްޓަރުން ބޭނުންވާނަމަ އެ ބޭހުގެ އިންސްޓްރަކްޝަންގައި އެ ބޭހެއް ސަބްސްޓިޓިއުޓް ނުކުރަން ލިޔަންޖެހޭނެ ކަމަށެވެ.
ޑޮކްޓަރު އެދިފައިވަނީ ބަލި މީހާއަށް ވަކި ބޭހެއް ދޭންނަމަ ބޭސް ފިހާރަތަކުން އެހެން ބޭހެއް ދީގެން ނުވާނެ ކަމަށްވެސް ސާކިއުލާގައިވެ އެެވެ.
ބޭސް ސިޓީގައި ހުންނަ ބޭސް ދޫނުކުރެވޭ ހާލަތުގައި ބޭސް ފިހާރަތަކުން ބަލި މީހާއަށް އެކަން ބުނެދޭން ޖެހޭނެ ކަމަށްވެސް ސާކިއުލާގައިވެ އެވެ.
އާސަންދަ އިން ބުނީ ބޭސް ސިޓީގައި ބޭހުގެ ވަކި ބްރޭންޑެއް ހިމަނާފައި ނެތްނަމަ ބޭސް ފިހާރަ އިން އާސަންދައަށް ބިލް ކުރަންވާނީ ބަލިމީހާއަށް ދޫކުރި ބްރޭޑް ކަމަށެވެ.
ބޭސް ސިޓީގައިވާ ބޭހެއް ބޭސްފިހާރަތަކުން ލިބެން ނެތްނަމަ ޑޮކްޓަރުގެ ކައިރިއަށް ގޮސް ބޭހުގެ ބްރޭންޑު ބަދަލުކުރުމަށްވެސް އާސަންދަ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑޮކްޓަރު ދޫކުރަން އެދިފައިވާ ބްރޭންޑްގެ ބޭސް ނޫން އެހެން ބޭހެއް ދޫކޮށްފިނަމަ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އާސަންދަ އިން އެފަދަ ބޭސްތައް ރިޖެކްޓް ކުރާނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެފައިވެ އެވެ.