ދުނިޔެ

ހަމާސްގެ އަސްކަރީ މަރުކަޒެއް ޒަޔަނިސްޓުން ހަލާކުކޮށްލައިފި

ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ޒަޔަނިސްޓް ޔަހޫދީ ސިފައިން ހިންގަމުން ގެންދާ އޮޕަރޭޝަންގައި، ޣައްޒާގެ އުމްރާނީ ތަރައްގީއަށް ވަރަށް ބޮޑެތި ގެއްލުތައް ވަނީ ދީފަ އެވެ.

ޒަޔަނިސްޓު ޔަހޫދީ ސިފައިން ޣައްޒާގައި ހިންގަމުން ގެންދާ ހާއްސަ އޮޕަރޭޝަނަކީ -- ޔަހޫދީން ބުނާ ގޮތުގައި ހަނގުރާމައެއް ނޫނެވެ. އެއީ ޣައްޒާގައި ހަރަކާތްތެރިވާ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށްވާ ހަމާސް ނައްތާލަން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ޒަޔަނިސްޓު ސިފައިން ބުނާ ގޮތުން އެއްގަމު މަގުން ދެމުން ގެންދާ ހަމަލާތަކުގައި ހަމާސްގެ އަސްކަރީ ފިޔަތައް ދަނީ ބިނދެމުންނެވެ.

ހަމާސްގެ އަސްކަރީ މަރުކަޒެއް ސުންނާފިތިކޮށް ބޭނުން ނުކުރެވޭ ވަރު ކޮށްފައިވާނެ ކަމަށްވެސް ޔަހޫދީ ސިފައިން ބުނެ އެވެ.

ޒަޔަނިސްޓް ސިފައިން ބުނާ ގޮތުން ޣައްޒާގައި ހިންގާ އޮޕަރޭޝަންގައި "އާޓިފިޝަލް އިންޓެލިޖެންސް" ބޭނުންކުރެވެ އެވެ. ބޭނުމެއް ކަމަށް އެ މީހުން ބުނަނީ ހަނގުރާމަވެރިންނާއި އާންމުން ވަކިކޮށް، އޮޕަރޭޝަން އަވަހަށް ނިންމާލުމެވެ.

ގައުމުތަކުގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށް އަދި މިހާރު ރިޓަޔާކޮށްފައި ތިބި ސަލާމަތީ މާހިރުން ދެކޭ ގޮތުގައި ޒަޔަނިސްޓުން ޣައްޒާގައި ހިންގާ އޮޕަރޭޝަންގައި "ފޭޝަލް ރިކޮގްނީޝަން" ކަހަލަ ޓެކްނޮލޮޖީ ބޭނުންކުރެ އެވެ.

ޑްރޯންތަކާއި ޖާސޫސީ މަތިންދާބޯޓުތަކުގެ އެހީގައި ހަނގުރާމަވެރިން ތިބި ތަންތަން ހޯދައި -- ހަމާސްގެ ވެރިންގެ ޒަމާން ދުއްވާލުމަކީ ޒަޔަނިސްޓުންނަށް މިހާރު އޮތް އެންމެ މުހިއްމު އެޖެންޑާ ކަމަށްވެ އެވެ.

ޣައްޒާއަށް ޒަޔަނިސްޓުން މިފަހަރު ދެމުން ގެންދާ ހަމަލާތަކުގައި ޔަހޫދީން މީގެ ކުރިން ދުވަހަކު ވެސް ބޭނުން ނުކުރާ ހަތިޔާރާއި އަސްކަރީ ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޒަޔަނިސްޓުން ކުރިއާލައި އެއްކޮށްފައި ހުރި ޖާސޫސީ މައުލޫމާތުގެ އަލީގައި ހަމާސްގެ ހަނގުރާމަވެރިން ހޯދުމަށް މުޅި ޣައްޒާ ހޯދަން ނުޖެހޭނެ ކަމަށް ޒަޔަނިސްޓް އަސްކަރިއްޔާ އިން ބުނެ އެވެ.

އޭގެ ބަދަލުގައި ހަނގުރާމަވެެރިން ތިބި ތަނަކަށް ގޮސް މުޅި ބައިގަނޑު ހައްޔަރުކުރުމުގެ ކުޅަދާނަކަން ޒަޔަނިސްޓުންނަށް ލިބިފައިވާ ކަމަށްވެސް އެ މީހުން ބުނެ އެވެ.

ޣައްޒާ ހަނގުރާމަ ދެ މަހަށް ވުރެ އިތުރުވެފައިވާއިރު ފަލަސްތީންގެ 18،800 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

އަނެއްކޮޅުން ޣައްޒާގެ ބޮޑު ބައެއް މިހާރު އޮތީ ޒަޔަނިސްޓުންގެ ބާރުގެ ދަށުގަ އެވެ.