ޑރ. މުހައްމަދު މުއިއްޒު

ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުމަކީ ގައުމަށް ޣައްދާރުވުން: ރައީސް

ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުމަކީ ގައުމަށް ޣައްދާރުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާަތުގައި ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ. އަދި މަޖިލީހުގައި ކުރިން ތިއްބެވި 87 މެންބަރުންގެ ތެރެއިން ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދަކީ 80 މެންބަރުން ކަމުގައި ކަނޑައެޅުމަށް މަޖިލީހުގެ ގަވައިދަށް އެމްޑީޕީގެ މެންބަރަކު އިސްލާހެއް ހުށަހަޅާފައި ވަނިކޮށެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 މެންބަރުން ކަމަށް ކަނޑައަޅައިފިނަމަ އެމްޑީޕީގެ މެންބަރުންގެ އެކަނި ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ އެވެ.

މަޖިލީހުން ނިންމުންތަކެއް ނިންމާފައި ވަނިކޮށް އެމްޑީޕީއަށް އިޝާރާތްކުރައްވާ ރައީސް މިރޭ ވިދާޅުވީ ތިމާމެންގެ އާރާއި ބާރު ދައްކާލަން ބޭނުންވުމުން ގައުމާއި ރައްޔިތުންނަށް ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށެވެ.

"ގައުމަށް ދެރައެއް ލިބޭނެހެން ކަންކަން ރާވައި ހިންގައި ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" އެމްޑީޕީގެ މެންބަރުންނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

މިވާހަކަތަކުގެ ތެރެއިން ހުރަވީ ދުވަހުގެ ގައުމީ ބަތަލު ދޮންބަންޑާރައިންގެ ގައުމީ ޖިހާދުން މިސާލު ދައްކަވަމުން ރައީސް ވިދާޅުވީ ދޮންބަންޑާރައިންގެ ގައުމީ ޖިހާދުން ފެނުނީ ގައުމާއި ދީނުގެ ހިމާޔަތުގައި ނިކުން މަދުމީސްކޮޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ ހޮޅިންގެ އުދަނގޫ ދިވެހި ދައުލަތަށް ބޮޑުވުމާ ގުޅިގެން ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދޮންބަންޑާރައިންގެ އިސްނެގުމަށް އެދުވަސްވަރު ފަރަންސޭސީންނާ އެކު އެއްބަސްވުމެއް ހެދި ކަމަށެވެ. ދިވެހިން ފަރަންސޭސީންގެ އެހީތެރިކަމަށް އެދި އެއްބަސްވުމެއް ހެދިއިރު ދިވެހި ދައުލަތުގެ އިންތައް ފަހަނައަޅައި ނުދެވޭނެކަން ކަށަވަރުކުރި ކަމުގައި ވިދާޅުވި އެވެ.

"ކުރުކޮށް ދަންނަވާނަމަ ދިވެހިރާއްޖޭގެ ދީނާއި ދިވެހި ބިން، ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތާއި ދިވެހީން، މި ހުރިހާ ކަމަކާގުޅޭ ބާރާއި އިހްތިސާސެއްގެ ހައްގު ދިވެހި ދައުލަތުން ކަށަވަރުކުރާ ގޮތަށް [އެއްބަސްވުން އޮތީ]،" ނިދިޔަ ސަރުކާރުން އިންޑިއާ އާއި އެކު ހަދާފައިވާ އަޑިނޭނގޭ އެއްބަސްވުންތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ބިން އަބަދުވެސް ހިމާޔަތްކޮށް ރައްކާތެރިކުރެވެން ވާނެ ކަމަށާއި އެކަމަށްޓަކައި އުފައްދަންޖެހޭ ބާރެއް ވާނަމަ އެކަމެއް ކުރަންވާނެ ކަމަށެވެ. ގައުމިއްޔަތު އަލުން ދިރުވާ އާލާކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ވައުދުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ކާމިޔާބު ކަމާ އެކު ކުރިއަށްދާނެ ކަމެއް ކަމަށެވެ. ގައުމިއްޔަތު ދިރުވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި މިމަސައްކަތުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލުންވެސް ސަރުކާރަށް ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.