ހަބަރު

ޝުމްބާއާ ދެކޮޅަށް ސިއްރު ހެކި ހުށަހަޅައިފި

މީހަކަށް މަރުގެ އިންޒާރުދިން ކަމުގެ ދައުވާއަށް ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު އަޝްރަފް، (ޝުމްބާ ގޮންގް) އިންކާރުކޮށްފައިވުމުން އޭނާއާ ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ. ދައުލަތުން ހަތަރު ހެއްކެއް ހުށަހަޅާފައިވާއިރު ހެކި ހުށަހަޅާފައިވަނީ ސިއްރު ހެކީގެ ގޮތުގަ އެވެ.

ދައުލަތުން ސިއްރު ހަތަރު ހެކި ހުށަހަޅާފައިވާއިރު ދިފާއީ ހެކީގެ ގޮތުގައި ޝުމްބާގެ ފަރާތުން ވެސް ތިން ހެއްކެއް ހުށަހަޅާފައިވެ އެވެ.

ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ޝުމްބާ ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ޝުމްބާގެ ވަކީލް ނާޒިމް އަބްދުލް ސައްތާރު ވަނީ ޝުމްބާ ގެއަށް ބަދަލ؛ުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ގާޒީ ވަނީ އެކަން ކޮށްދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.

ޝުމްބާ، ލަންކާއިން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލައްވަން ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލާގެ ތަހުގީގަށެވެ.

ޝުމްބާ އަކީ ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބަށް ސަޕޯޓްކޮށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުން އައި މީހެކެވެ. އާންމުކޮށް ވެސް ކޮލަމްބޯގައި ދިރިއުޅޭ ޝުމްބާ އާއި ނައިބު ރައީސްއާ ބޮޑެތި ގުޅުންތަކެއް އޮންނަ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އެގޮތުން ނައިބު ރައީސް ހިންގެވި ކަމަށް ތުހުމަތު ކުރާ އެކި ޖަރީމާ ތަކުގައި ޝުމްބާ ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ޝުމްބާ ހައްޔަރުކޮށްފައި ވެސް މި ވަނީ އޭނާ ރާއްޖެ އައުމަށް އިންކްއަރީ ކޮމިޝަނުން ކުރި އިލްތިމާސްއަށް ގޮންޖަހައި އޭނާ ހައްޔަރު ނުކުރެވޭނެ ކަަމަށް ބުނެފައިވަނިކޮށެވެ. ރިޔާސީ ލޮންޗްކޮޅުގެ ހަމަލާއާ ގުޅިގެން އިންކްއަރީ ކޮމިޝަނުން ހޯދުމަށް އިއުލާންކުރި އަށް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޝުމްބާ އެކަންޏެވެ. އެ މައްސަލައިގައި ތުހުމަތުކުރެވިގެން ފުލުހުން ހޯދާ އެންމެންނަކީ ވެސް ކުރީގެ ނައިބު ރައީސްއާ ވަރަށް ގާތް މީހުންނެވެ.