އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުން އަވަސްކުރުމަށް ގޮވާލާ މާދަމާ ރޭ މާލޭގައި އަޑުއުފުލަން ނިންމައިފި އެވެ.
މި އަޑުއުފުލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:45ގައި ބޭންކް އޮފް ސިލޯނު ކުރިމަތިންނެވެ.
ފަލަސްތީނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތް އިންތިޒާމުކުރަނީ ސޮލިޑާރިޓީއެމްވީ ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކުންނެވެ.
އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރަން ގޮވާލާ އަޑުއުފުލަން ނިންމާފައިވާއިރު އެގައުމުގެ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ.
މީގެ އިތުރުން އިޒްރޭލުގެ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގައި ވަނީ އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލު ރައްޔިތުން އެތެރެވުން މަނާކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓުކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ގޮވާލާފަ އެވެ.
އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި އިޒްރޭލުން ހިފަމުންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިބާ މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު ކަމަށް މި ގަރާރުގައިވެ އެވެ.
މި ގަރާރު ބަލައިގަނެ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
އިޒްރޭލުން މީހުން ރާއްޖެ އައުން މަނާކުރުމާއި އިޒްރޭލާ ގުޅޭ ވިޔަފާރިތައް ރާއްޖެއިން ބޮއިކޮޓް ކުރުމަށް ގޮވާލައި މީގެ ކުރިންވެސް ރާއްޖޭގައި ވަނީ އަޑުއުފުލާފަ އެވެ.