ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި ތޮއްޖެހުން ބޮޑުވެ ސަމާލުވުމަށް އިލްތިމާސްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތޮއްޖެހުން ބޮޑުވެ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ވީއައިއޭގައި ތޮއްޖެހުން ބޮޑުވެފައި މިވަނީ މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރަށްވެފައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ.

ތޮއްޖެހުން އިތުރުވެފައިވާ އަނެއް ކަމަކީ މިދުވަސްވަރު އުމްރާއަށް ފުރާ މީހުން އިތުރުވުމާއި އެ މީހުން ފުރުވުމަށް ގިނަ ބަޔަކު އެއާޕޯޓަށް ދިއުމެވެ. މީގެއިތުރުން މިދުވަސްވަރަކީ މިއަހަރުގެ ސްކޫލުތަކުގެ ކިޔެވުން ނިމި ޗުއްޓީއަށް އެތައް ބަޔަކު ފުރާ ދުވަސްވަރަށް ވާތީވެސް ވީއައިއޭ އަށް ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފަ އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ މީހުން ފުރުވުމަށް ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް އައުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނުޖެހި ހިދުމަތް ދޭން ބޭނުންވާތީ އެމްއޭސީއެލްގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމަށްވެސް އެ ކުންފުނިން އެދިފައިވެ އެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރު ފަހުކޮޅު ވީއައިއޭއަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެންދެ އެވެ. އެހެންވެ އާ ޕެސެންޖާ ޓާމިނަލް ވީހާވެސް އަވަހަށް ނިންމުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.