ވާހަކަ

މިލްކުވާނެބާ

( 12 ޑިސެމްބަރ 2023 އާ ގުޅޭ )

އެއީ އެއް ކޮޓަރީގެ އެޕާޓްމެންޓެކެވެ. ހައިރާންކަމާއި އެތައް ސުވާލެއް ހިތާއި ސިކުނޑިއަށް ލައިގެން ހުރެ މިޔާ އައީ ނިދާ ކޮޓަރިއާ ދިމާއަށެވެ. އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކީ އޭނާއަށް ބަޔާންކުރާން ނޭނގޭ ފަދަ އިޙްސާސެއް ކުރެވެންފެށި އެވެ. ހަވަނަ ހިއްސު ކޮންމެވެސް ކަމަކަށް އިޝާރާތް ކުރާ ކަހަލަ އެވެ.

ޟަމީރު އިޝާރާތްކުރަމުން ދިޔައީ ކޮންކަމަކަށްކަން މިޔާއަށް ނަގައިގަނެވުނީ ކޮޓަރީގެ ތެރެއިން އިވުނު ހަތޫނާއި ލުހާމްގެ އަޑުންނެވެ. ނުލެއްޕި ހުރި ދޮރުގެ ހަނި ދޭތެރެއިން ކޮޓަރި ތެރެ ނުފެނުނެއް ކަމަކު ދޮރު ކައިރީ މަޑުކޮށްލި މިޔާއަށް އެ ކޮޓަރީގައި އެ މީހުން ދައްކާ ވާހަކަ ސާފުކޮށް އިވިއިވި ހުއްޓެވެ.

"އަދި ކިހާ ދުވަހަކު މިހެން އުޅެންވީ." ލުހާމް އަހާލިއެވެ.

ކޮޓަރީގައި ތިބި ލުހާމާއި ހަތޫނަށް އެ އެޕާޓްމެންޓަށް މީހަކު ވަންކަމުގެ ހިލަމެއް ނުވެ އެވެ. އެއްފައި އެނދުމައްޗަށް ލައިގެން ލުހާމް އިނީ އެނދުގެ ފައިލާ ކޮޅުގަ އެވެ. ހުޅުވާފައި ހުރި ފާޚާނާގެ ތެރޭގައި ހަތޫން ހަރަކާތްތެރިވަމުން ދިޔަ އެވެ. ލުހާމް ދައްކާ ވާހަކައަށް ހަތޫން ޖަވާބު ދެމުން ދިޔައީ ފާޚާނާގައި ހުރެގެންނެވެ.

"އެކަމުން ފައިދާ ނުވޭތަ؟. ލުހާމްގެ އަލަމާރި ބަލާލަބަލަ. ރީތިވާ މޭޒުމަތި ބަލާލަބަލަ... ކުރީން ތީ ހަތަރު ގަމީހާ ދެ ޓީޝާޓުގަނޑު އޮތް މީހެއް. އެކަމަކު އެހެންތަ މިހާރު. އެންމެ މަޝްހޫރު އަގުބޮޑެތި ބްރޭންޑްތަކުގެ ސެންޓު ތި ޖަހަނީ. ތިން މަސް ވަންދެން ދުވާލަކު ހެދުމެއް ލިޔަސް މަދުނުވާ ވަރަށް އަންނައުނު އެބައޮތް. އަތުގައި އޮތީ އެންމެ ފަހުގެ އައިފޯނު. ގަޑިއާއި ހެޑްސެޓަށް ދަންދެން އެޕަލް ބްރޭންޑް. އަހަރެމެން ކަހަލަ މީހުންނަށް ހުވަފެނުގައި ވެސް މިކަހަލަ ދިރިއުޅުމެއް ނުފެންނާނެ. މީހެއްގެ ހުރި ހަމައެކަނި ދަރި. އެ ބޮޑު ގެއާއި ހުރިހާ މުދަލެއްގެ ވެރިފަރާތް." ފާޚާނާގެ ލޯގަނޑު ކުރިމަތީ ހުރެ ލޮލުގެ އެސްފިޔަތައް ފަވަމުން ހަތޫން ބުންޏެވެ.

"އެކަމަކު ތީ އަހަރެން ލޯބިވާ މީހާ. މިހެން ސިއްރުން އުޅެންވީ ކިހާ ދުވަހަކު." ލުހާމް ބުންޏެވެ.

"އަހަރެން ބޭނުންވާ ގޮތް ބުނީމެންނު. ބޭބީ ޕްލީޒް. އޭރުން ހަމަ އަހަރެމެންނަށް ދޯ ފައިދާ ވާނީ." ހަތޫން ފާޚާނާއިން ނުކުތެވެ. އަދި ލުހާމްއާ ކުރިމަތިވާނޭހެން އޭނާ މަޑުކޮށްލި އެވެ.

"މިޔާގެ ބައްޕަ މަރުވެގެން އުޅެނީ. އަހަރެންނަށް މެސެޖު ވެސް ކުރި. ހީވަނީ އަހަރެން ނުދިޔައީމަ މިހާރު ހުންނާނީ ހިތްހަމަނުޖެހިފައިހެން." ލުހާމް ބުންޏެވެ.

"އަހަރެން ގެއަށް ލާފައި އޭނާއަށް ގުޅާލައި. ކޮންމެވެސް ބަހަނާއެއް ދައްކާލީމަ އޯކޭވާނެ. މިޔާ ޤަބޫލުކުރާނެ. ބުނޭ އާދެވުނު އެންމެ އަވަހަކާއޭ އައީ. އޭނާއާއެކު މިރޭ ތަންކޮޅެއް ގިނައިރު އުޅެލީމަ މޫޑު ރަނގަޅުވެދާނެ. ބައްޕަ މަރުވީމަ މީ ރަނގަޅު ޗާންސެއް. މިޔާ ހުންނާނީ ވަރަށް އެކަނިވެފައި. ލުހާމް ކައިވެނީގެ ވާހަކަ އަވަހަށް އޭނާ ކައިރީ ދައްކަންވީ. ބައްޕަ ނެތްއިރު ހުރިހާ ކަމެއް ބަލަހައްޓާނޭ މީހަކު ބޭނުންވާނެ. މިޔާގެ ފިރިމީހާއަށްވުރެ އެކަމަށް ރަނގަޅު މީހަކު ނުހުންނާނެ ދޯ." ހަތޫންގެ އަޑުގައިވީ އުފާވެރިކަމެވެ. ހިތުލައިގެން އުޅޭ ކަންތައް ހީކުރި ވަރަށްވުރެ އަވަހަށް ވާން އުޅޭތީ އެވެ.

"ލުހާމް ލޯބިވަނީ ހަތޫންދެކެ." މިޔާއަށް ހިތާހިތުން ކިޔާލެވުނެވެ.

އެންމެ އިރުކޮޅަކަށް ވެސް މިޔާ އެ އެޕާޓްމެންޓުގައި މަޑުކުރާން ބޭނުމެއް ނުވި އެވެ. ހަރުކޮށް ހިނގާފައި އައިސް ސިޓިންރޫމު ސޯފާ ކައިރީ ބަހައްޓާފައި ހުރި ކޮފީމޭޒުގައި ލުހާމް ދީފައި އޮތް އެޕާޓްމެންޓުގެ ތަޅުދަނޑި ބޭއްވި އެވެ. އަދި އޭނާ އެތަނުން ނުކުތެވެ.

މަގުމައްޗަށް ނުކުމެވުނުއިރު މިޔާގެ ލޮލުން އަނެއްކާ ވެސް ކަރުނަ ހިލެން ފަށައިފި އެވެ. ދެ ލޯ ފުރެމުން ކޯތާފަތް ތެމެން ފަށައިފި އެވެ. ލުހާމްއާއި ހަތޫންގެ ގޮތް ވެސް އެނގުނީ އޭނާ ހާލުގައި ޖެހުނު ވަގުތެވެ. ދެ ލޮލާއި ކޯތާފަތް ފުހެމުން މިޔާ މަގުގެ ދެ ފަރާތަށް ބަލާލި އެވެ. ދާންވީ ދިމާލެއް އޭނާއަށް ނޭނގެ އެވެ. ދާނޭ ތަނެއް ވެސް ނެތެވެ. ވިސްނަން ހުރެފައި އޭނާ ފޯނު ނެގި އެވެ. އާމިލްއަށް މިޔާ ގުޅި އެވެ. އޭނާ ފޯނުކޯލަށް ޖަވާބު ދިނީ މިޔާ ހަތަރު ފަހަރު ގުޅި ފަހުންނެވެ. އޭނާ ވެސް މިވަގުތު މިޔާއާ ވާހަކަދައްކަން ބޭނުންނުވާ ކަހަލަ އެވެ.

"އާމިލްބޭ. އަހަރެން ދާނޭ ތަނެއްނެތް... ދޮންތަ އަޅުގަނޑު ގެއިން ނެރިލައިފި. އާމިލްބޭ. ޕްލީޒް. އަޅުގަނޑަށް މިކަމުގައި އެހީވެދީބަލަ. ބައްޕަގެ ގެއެއް އެއީ. ބައްޕަނެތްއިރު އަޅުގަނޑު ދާނީ ކޮންތާކަށް. ކާކު ކައިރިން އެހީއަކަށް އެދޭނީ ވެސް." މިޔާ ރޮވިފައި ހުރެ އާދޭހާއެކު ބުންޏެވެ.

"މަޒީދުގެ ހުރިހާ އެއްޗެއްގެ ވެރިއަކީ ޖާހިދާ. ތިކަމުގައި ބޭބެއަށް ކުރެވޭނެ ކަމެއްނެތް. މިވަގުތު ކަމެއްގައި މިއުޅެނީ. ފަހުން ގުޅާލާނަން." އާމިލް މިހެން ބުނެ ކޯލު ކަނޑާލީ އެވެ.

އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން މިޔާއަށް ހުރެވުނެވެ. އާމިލްގެ ފަރާތުން އެހީތެރިކަމެއް ލިބޭނޭ ހީކުރެވުނަސް ކަންތައް މިވީ މިޔާ ހީކުރި ގޮތަކަށް ނޫނެވެ. ބޮޑުދައިތަ ގާތަށް ގޮސް އާދޭސް ކުރާން މިޔާގެ ހިތަށް އެރި އެވެ. އަލުން ގެއަށް ވައްދާތޯ އެވެ. ބޮޑުދައިތަގެ ރުހުން ލިބޭނޭ ކޮންކަމެއް ކޮށްގެން ވިޔަސް އޭނާ ހުންނާނޭ ތަނެއް ލިބުން މުހިންމު ކަމުގައި ވިސްނޭތީ އެވެ. މިޔާ ހިނގައިގަތީ އެ ވިސްނުމުގައެވެ.

ބެލްޖަހާ އަޑާއެކު އަޖުލާ ބަލާލި އެވެ. ދޮރޯށި ދޮށުގައި ހުރި މިޔާ ފެނުމުން އޭނާ އެނބުރި ގޭތެރެއަށް ހިނގައިގަތެވެ. އަދި ގޭގައި ހައްދާފައި ހުރި ގަސްތަކަށް ފެންދޭ ހޮޅި ނެގި އެވެ. އެ ހިފައިގެން ދޮރޯށި ދޮށަށް އައިސް ފާރުމަތިން މަގުމައްޗަށް ފެންތައް ބުރައިގެން ދާނޭހެން ހޮޅީގައިވާ އަތްގަނޑަށް އޮބާލައިފި އެވެ. އެއާއެކު އެ ފެންތައް އޮހިގަތީ މަގުމަތީ ހުރި މިޔާގެ ގަޔަށެވެ. އެއްކޮށް ނުތެމެނީސް މަގުގެ އަނެއްފަރާތަށް މިޔާ ދުއްވައިގަތެވެ. މޫނާއި އިސްތަށިގަނޑުގައިވީ ފެންތައް ފުހެމުން އޭނާ ފޯނު ނަގައި ޖާހިދާއަށް ގުޅަން ފެށި އެވެ. އަޖުލާ ދޮރޯށި ހުޅުވާލި އެވެ. ބޭރަށް ބޯދިއްކޮށްލި އެވެ. މަގުގެ އަނެއްފަރާތުގައި ހުރި މިޔާ ފެނުމުން އަޖުލާ ކައިރިޔަށް އައީ ހިންޏެވެ.

"މިގެއަށް ވަދެވޭނެ ކަމަށްތަ ތިހުންނަނީ." އަޖުލާ ބުނެލި އެވެ.

މިޔާ ދޮރޯށި ކައިރިޔަށް އަންނަން ހިނގައިގަތް ހިނދު އަޖުލާ ނިކަން އަވަހަށް ދޮރޯށި ލައްޕައިފި އެވެ. މިޔާ ދެތިން ފަހަރު އަޖުލާއަށް ގޮވާލި އެވެ. ބޮޑުދައިތައަށް ގޮވާލަ ދޭން ވެސް އޭނާ އެދުނެވެ. ނަމަވެސް އަޖުލާގެ ހުންނަ ރުންކުރުކަމަކީ މިޔާއަށް ދަސްވެފައި ހުރި ސިފަ އެކެވެ.

"ކީއްވެ މިހެން މިވަނީ؟... ބައްޕަ މަރުވީ... ލުހާމް އޮޅުވާލީ. ހެޔޮ އެދޭ ކަމަށް ހީކުރި އެކުވެރިކަމަކީ ހަމައެކަނި އަހަރެންގެ ފަރާތުން ވާ ފައިދާއަށް ދެމި އޮތް ގުޅުމަކަށްވީ. ބޮޑުދައިތަ ވެސް ބައްޕަ މި ދުނިޔެއާ ވަކިނުވެގެން ހުރި ކަހަލަ. ހިތެއް އޮތްނަމަ މިފަދަ ނިކަމެތިކަމެއް ދޭން ކެރުނީސްތަ؟. އަހަރެން މުޅީން އެކަނިވީ... ދާނޭތަނެއް މަދަދުވެރިވާނޭ މީހެއް ހުރީކީ ނޫން... އިންސާނުން މިހާ ނުބައިވެދާނެތަ؟... އާން... އެމީހުންގެ ނުބައިކަން ނިކަން ދެކެބަލަ." ރޮވެމުންދިޔަ މިޔާއަށް ދޮރޯށީގައި ޖައްސާލެވިފައިވާ އަތުގައި ނިތް ގެނެސް ޖައްސާލި އެވެ.

"އަހަރެންގެ މުޅި އުމުރު ހޭދަކުރި ގެއަކީ މީ... ބައްޕައާއި މަންމަގެ ހަނދާންތައް ހުރިތަނަކީ މީ. ބައްޕަގެ ހެޔޮކަމުގެ ބަދަލު ދޮންތައަށް ދޭން އެނގުނު ގޮތަކީ މީތަ؟... މިއަދު އަހަރެންނަށް ބޭނުންގޮތެއް ތިހަދާލީ. މިކަމުގެ ބަދަލު ކޮންމެވެސް ދުވަހަކުން އަންނާނެ. އަހަރެންނަށް އަނިޔާދިން ކޮންމެ މީހަކު ރޯންޖެހޭ ދުވަހެއް އަންނާނެ." މިޔާގެ ހިތް ރޮމުން ދިޔަ އެވެ. ނަމަވެސް އޭނާ ދެ ލޮލާއި ކޯތާފަތް ފުހެލި އެވެ.

ގޭ ދޮށުގައި ހުރެގެން ވާނޭކަމެއް ނޯންނާނޭކަން ވިސްނި މިޔާ އެނބުރިލި އެވެ. އޭނާ ހިނގައިގަތީ މަގުމައްޗަށް ސަމާލުކަމެއް ނުދީ އެވެ. އެއަށްވުރެ އޭނާގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގަ އެވެ. އެ މަގުގެ ތަންކޮޅެއް ދުރުގައި އޮވެފައި ނައްޓާލި ކާރު މިޔާއަށް ފެނުނީ ދާދި ކައިރިވެފައި ވަނިކޮށެވެ. ކާރުގައި އޭނާ ޖެހިފައި ވެއްޓުނީ އެވެ. އެހިނދު ކާރު ވެސް ބުރެކި ޖައްސައިފި އެވެ. ކާރުގެ ޑްރައިވަރު ސީޓުގެ ދޮރުފަތް ހުޅުވާލައި މީހަކު ފޭބިތަން ފެނުނެވެ. ހަށިގަނޑުގެ ތަނަކަށް ތަދުނުވި ނަމަވެސް މިޔާ އުނަގަނޑުގައި އަތްއަޅައިލީ ތަދުވެގެން އުޅޭ މީހަކު ފަދައިންނެވެ. އޭނާ އެގޮތަށް އޮޅުވައިލީ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ހުރިވަރުންނެވެ.

* * * * *

"ފަޔަށް ތަދުވީހެން ހީވަނީ. ހިނގައި ނުގަނެވުނު." ހިލްމީ އެނބުރި އައިސް ކާރުގެ ފަހަތު ދޮރުފަތް ތިރިކޮށްލެވިފައި ދިމާގައި މަޑުކޮށްލަމުން ބުންޏެވެ.

"ކާރަށް އަރުވާ." އިޒީކިއަލް ބުންޏެވެ.

ހިލްމީ ދިއުމުން އިޒީކިއަލްގެ ތުންފަތަށް ސިއްރުވެރި ހިނިތުންވުމެއް ވެރިވި އެވެ. އޭނާގެ ހިތާއި ސިކުނޑީގައި ޝުޢޫރުތަކެއް ހިނގަމުންދާކަން ގައިމެވެ. ފަހަރެއްގައި ކުރިމަތިވީ އޭނާ އުންމީދުކޮށްގެން ހުރި ފަދަ ކަމަކީހެން ހީވެ އެވެ. އަންހެންކުއްޖަކު އަތުލަފިކޮށްގެން ގެނެސް ކުރީ ސީޓަށް އަރުވަން ހިލްމީ އުޅުނެވެ. އެހިނދު އިޒީކިއަލް އެދުނީ ފަހަތަށް އޭނާ އެރުވުމަށެވެ.

"ހޮސްޕިޓަލަށް ހިނގާ." ހިލްމީ ކައިރީ އިޒީކިއަލް ބުނެލި އެވެ. އެއާއެކު ހިލްމީ ކާރު ދުއްވާލައިފި އެވެ.

"ކޮންނަމެއް ކިޔަނީ؟." އިޒީކިއަލް އަހާލި އެވެ.

"މިޔާ." އަމިއްލަ ނަން މިޔާ ބުނެލި އެވެ.

"އިޒީކިއަލް... ވަރަށް ބާރަށްތަ ޖެހުނީ. ވަރަށް ތަދުވޭ. އަސްލު ތިކޮޅުން ބަލާނުލާ ކާރު ކުރިމައްޗަށް އެރީ." އިޒީކިއަލް ވާހަކަދެއްކީ މިޔާއަށް ބަލަން އިނދެ އެވެ. އޭނާއަށް މިޔާގެ މިލާފައިވާ މޫނައި ކަރުނައިގެ ތެތްކަން ނުހިކި ހުރި ދެ ލޯ ފެނެ އެވެ. އިޒީކިއަލްގެ ވާހަކައިން ނިކަން ބޮޑަށް މިޔާ އިސްއޮބާލި އެވެ. ކުށްވެރިއަކު ފަދައިންނެވެ.

"ހާސްނުވޭ. މިކޮޅުން ޒިންމާ ނަގައިފިން. ޑަކްޓަރަށް ދައްކާލަންވާނެ. ގެއްލުމެއް ލިބިފައި ހުއްޓަސް އެނގޭނީ އޭރުން." އިޒީކިއަލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"ޑަކްޓަރަށް ދާން... އަހަރެން ފޭކު ޖައްސަނީކަން އެމީހުންނަށް އެނގޭނެ." ކުޑަވެލައިގެން އިން މިޔާގެ ހިތަށް އެރި އެވެ. ދޮގު ހަދައި އޮޅުވާލައިގެން މިހާތަނަށް އެއްވެސް ކަމެއް މިޔާ ކޮށްފައެއް ނެތެވެ. އެހެންވެ އޭނާ އިނީ ހިތްބިރުގަނެފަ އެވެ.

ހޮސްޕިޓަލަށް އާދެވުމާއެކު ހިލްމީ ގާތުން އިޒީކިއަލް އެދުނީ ގޮނޑިއަށް ލައިގެން ޑަކްޓަރާ ހަމައަށް މިޔާ ގެންދިއުމަށެވެ. އެމީހުންގެ ހިތްހެޔޮކަން ފެނި މިޔާއަށް ކުރެވެންފެށި ކުށްވެރިކަމުގެ އިޙްސާސް ބޮޑުވި އެވެ. މިޔާ ޑަކްޓަރަށް ދެއްކުމުގައި އުޅުނީ ހިލްމީ އެވެ. ޑަކްޓަރު ކައިރީ ވެސް މިޔާ ދޮގު ހެދީ އެވެ. ފަޔަށް ތަދުވާކަމަށް ބުނެ އެވެ. މިޔާގެ ފައިގެ އެކްސްރޭއެއް ނަގައި ޑަކްޓަރު މިޔާގެ ފައި ރަނގަޅަށް ބެލި އެވެ. ގެއްލުމެއްވެފައި ނެތްކަން ޑަކްޓަރު ބުންޏެވެ. ޖެހިތަދުވެފައި ހުރީ ކަމަށް ވެދާނޭކަން ޑަކްޓަރު ނިންމީ އެހެންވެ އެވެ.

ހޮސްޕިޓަލްގެ ބޭރުގައި ފޯނެއްގައި ހުރި އިޒީކިއަލްއަށް މިޔާ ގޮވައިގެން ހިލްމީ ނުކުންނާތީ ފެނުނެވެ. އޭނާ ފޯނުކޯލު ކުރުކޮށްލާފައި އެމީހުންގެ ގާތަށް އައެވެ. އެއާއެކު ޑަކްޓަރު ދެއްކި ވާހަކަތައް ހިލްމީ އޮޅުންފިލުވައި ދީފި އެވެ. އިޒީކިއަލްގެ އިޝާރާތާއެކު މިޔާ ގޮވައިގެން ހިލްމީ އައިސް ކާރަށް އެރި އެވެ. ކާރު ދުއްވާލުމުގެ ކުރީން ހިލްމީ ބަލާލީ އިޒީކިއަލް އަށެވެ.

"ކޮންތާކަށް ގެންގޮސްދޭންވީ." އިޒީކިއަލް އަހާލީ އޭނާއާ ޖެހިގެން އިން މިޔާގެ ގާތުގަ އެވެ. އެ ސުވާލަށް ޖަވާބެއްދޭން މިޔާ އިނީ ފަސްޖެހިފަ އެވެ. އިސްޖަހާލައިގެން ހިމޭންވެފައި މިޔާ އިނީ ބުނާނޭ އެއްޗެއް ނުވިސްނިފަ އެވެ.

"ގެންގޮސްދޭންވެގެން މިއަހާލީ... އެޑްރެސް އެނގުނީމައެއްނު ދާން އެނގޭނީ." އިޒީކިއަލް ބުންޏެވެ. އެއްޗެކޭ ނުބުނެ އިން މިޔާ ނޭފަތް ދަމަން ފެށި އެވެ. އިޒީކިއަލްގެ ނިތަށް ރޫގިނަވެލީ މިޔާ ރޮނީކަން އެނގިގެންނެވެ.

"އަދިވެސް ތަދުވަނީތަ؟." އިޒީކިއަލް އަހާލި އެވެ. މިފަހަރު އޭނާގެ އަޑުގައި އެހާ ކެތްތެރިކަމެއް ނެތެވެ. ޖަވާބެއްގެ ގޮތުން މިޔާ ދެފަރާތަށް ބޯ ހޫރާލީ އެވެ.

"ދެން އެޑްރެސް ބުނަން ނުވަނީތަ؟. ޓެކްސީއެއް ހުއްޓުވަންވީތަ؟." އިޒީކިއަލް އިތުރަށް ސުވާލު ކުރި އެވެ.

"ނެތް ދާނޭތަނެއް." ރޮވެމުންދިޔަ މިޔާއަށް ބުނެލެވުނެވެ.

އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އިޒީކިއަލް ގޮވާލީ ހިލްމީ އަށެވެ. އެއާއެކު ހިލްމީ ދެނެގެންފި އެވެ. އޭނާ ކާރު ދުއްވާލި އެވެ. މިޔާ ދެ ލޯ ފުހެލައި އިސްއުފުލާލި އެވެ. ކާރު ދުއްވާލުމުންނެވެ.

"ކޮންތާކަށް މިދަނީ." މިޔާއަށް އަހާލެވުނެވެ.

"ގެއަށް." އިޒީކިއަލް ބުންޏެވެ.

(ނުނިމޭ)