ޔުކްރޭނަށް ރަޝިއާ ސިފައިން އަރައިގަންނަން ޖެހުނީވެސް އެ ގައުމުގެ ވެރިން ގޮތްދޫނުކޮށް ރަޝިއާ އިން ދިން ނަސޭހަތް ގަބޫލުނުކުރުމުން ކަމަށް އދ ގައި ހުންނަވާ ރަޝިއާ އެމްބަސެޑަރުގެ ނައިބު، ދިމިތުރީ ޕޮލިޔާސްކީ ވިދާޅުވެއްޖެ އެވެ.
ދިމިތުރީ އަދި ވިދާޅުވީ 2022 ގައި ހަނގުރާމަ ފެށުނު ފަހުންވެސް ޔުކްރޭނަށް ވަރަށް ރަނގަޅު ފުރުސަތުތައް މޮސްކޯ އިން ފަހިކޮށްދިން ކަމަށެވެ.
ޔުކްރޭނަށް ދެން އިތުރު ގޮތެއް ނެތް ކަމަށް ސަފީރު ވިދާޅުވި އެވެ. ދެން ގޮތެއް ބޭނުންނަމަ ޔުކްރޭނަށް ޖެހޭނީ ކުރިން ލިބުނު ފުރުސަތަށް ވުރެ ދެރަ ފުރުސަތެއް ގަބޫލުކުރަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް ލަނޑުދިނީ އެމެރިކާ އާއި ހުޅަނގުންނެވެ. ރަޝިއާ އާއެކު އޮތް ނަމަ ޔުކްރޭނަކީ މިނިވަން -- އަދި ސަލާންޖަހަން ބައެއްގެ ގާތަށް ދާން ނުޖެހޭ ވަރުގެ ގައުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާ އާއެކު ހަނގުރާމާ ހުއްޓާލުމަށް އެއްބަސްވުމެއް ޔުކްރޭނުން މިހާރު ހަދަން ބޭނުން ނަމަ ރަޝިއާއިން ކުރިން ހުށަހެޅި ޝަރުތައް ހުށަނާޅުއްވާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ރަޝިއާ ދެން ބަލާނީ ހުރިހާ ކަމެއްގައި ވެސް މޮސްކޯއަށް ރަނގަޅު ގޮތް ކަމަށް ދިމިތުރީ ވިދާޅުވި އެވެ. ޔުކްރޭނަށް ދެރަ ގޮތް ވެދާނެ ކަމަށް ބަލައި ވިސްނައި ފިކުރުކުރުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިމިތުރީ ވިދާޅުވި ގޮތުގައި ޔުކްރޭންއާ އެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް މޮސްކޯއިން އިސްނަގައި މަޝްވަރާއަށް ގޮވާލުމުން ޒެލެންސްކީ މޫނުއަބުރާލައްވައި ވަޑައިގަތީ ހުޅަނގާ ގާތަށެވެ.
ޔުކްރޭން އާރާސްތުކޮށް ސިގުތިސާދީ ގޮތުން ކުރިން އޮތް ވަރުގެ ގައުމަކަށް ހަދާނެ ވަރު ޔޫރަޕިއަން ޔޫނިއަންގައި ނުހުންނާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޒެލެންސްކީއަށް މިހާރު ޖެހިފައި އޮތް ހާލަކީ އެމެރިކާގެ ފައިބުޑަށް ވެއްޓި ވަޑައިގެން އާދޭސްކުރެއްވުން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޔުކްރޭން އެދޭހާ ދުވަހެއް ވަންދެން ޚަރަދުކުރުމުގެ ގާބިލުކަން އިޔޫ މެމްބަރު ގައުމެއްގައި ނުހުންނާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޔުކްރޭނަށް މިހާރު ވެސް އެންމެ ރަނގަޅުވާނީ ރަޝިއާއާ މަޝްވަރާކުރުން ކަމަށް ސަފީރު ވިދާޅުވި އެވެ. ކުރިން ލިބު ވަރުގެ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، އެމެރިކާ އާއި ޔޫރަޕަށް ވުރެ -- ޔުކްރޭނަށް ރަޝިއާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.