މޯލްޑިވިއަން

ވައިޑް-ބޮޑީ އެއާކްރާފްޓް ގެނެސް ސީދާ ދަތުރުތައް ފުޅާކުރަން ނިންމައިފި

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ރާއްޖެއަށް ބޭރަށް ކުރާ ދަތުރުތައް ފުޅާކޮށް ބައެއް ގައުމުތަކަށް ސީދާ ދަތުރުތައް ފެށުމަށް "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައާ ގުޅިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމަށްޓަކައި ރައީސް މުހިއްމު ނިންމެވުމެއް ނިންމެވިއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކަށް ރާއްޖެއިން ސީދާ ދަތުރުތަކެއް ނޯވެ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 48 އިންސައްތަ ފަސިންޖަރުންނަކީ "ކަނެކްޓިން" ފްލައިޓް ނުވަތަ ކޮންމެވެސް ގައުމެއް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ފެށުމުން ޗައިނާ، ޔޫރަޕް އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް މޯލްޑިވިއަންގެ ބޯޓުތައް ސީދާ ދަތުރުތައް ކުރިއަށް ގެންދާނެ އެވެ.

ރާއްޖެއިން ފަށާ ސީދާ ދަތުރުތަކުގެ ތެރޭގައި އެންމެ އިސްކަން ދޭނެ މަންޒިލްތަކުގެ ތެރޭގައި ޗައިނާގެ އެކި ސިޓީތައް ހިމެނެ އެވެ. އަދި މިދަތުރުތައް ފެށުމާއެކު މަދުވެގެން ހަފުތާއަކު ދޭއް ނުވަތަ ތިން ދަތުރު ސީދާ އެ ސަރަހައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތައާރަފްކުރުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމެނޭ ކަމެކެވެ.