ދުނިޔެ

ސުއޭޒް ކެނަލް ދޫކޮށް ކޮންޓެއިނާ ބޯޓުތައް ދިގު މަގަށް

ޣައްޒާ ހަނގުރާމައާއި ގުޅިގެން އެ ސަރަހައްދުގައި އުފެދިފައި އޮތް އޮއިވަރު މިސްރުގެ ސުއޭޒް ކެނަލަށްވެސް މިހާރު ވަނީ ފޯރާފާ އެވެ.

ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކަށް -- ކޮންޓެއިނާ ބޯޓުތަކަށާއި އަސްކަރީ ބޯޓުތަކަށް -- ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ހަމަލާދެމުން ގެންދާތީ، ސުއޭޒް ކެނަލް ދޫކޮށް ބޯޓުތަކަށް މިހާރު ވަނީ އެފްރިކާ ވަށާލައި ދިގުމަގު އިޚުތިޔާރުކުރަން މަޖުބޫރުވެފަ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއާމަން އުސާމާ ރާބީ ވިދާޅުވި ގޮތުގައި ނޮވެމްބަރު 19 އިން ފެށިގެން 55 ބޯޓެއް ސުއޭޒް ކެނަލް ދޫކޮށް ވަނީ ގޮސްފަ އެވެ.

ސުއޭޒް ކެނަލަކީ އޭޝިއާ އާއި ޔޫރަޕް ގުޅުވައިދޭ އެންމެ ކުރު މަގެވެ. ޔޫރަޕުން މުދާ ބަރުކޮށްގެން އޭޝިއާއަށް އަދި އޭޝިއާއިން ޔޫރަޕަށް އާގުބޯޓުތައް ދަތުރުކުރަނީ މަގު ކުރުކުރުމަށެވެ.

މަގު ދިގުވުމަކީ ކުންފުނިތަކުން ބޮޑު ހޭދައެއް -- ތެލާއި ފަޅުވެރިންގެ ކާބޯތަކެއްޗަށް، ކުރަންޖެހޭ ސަބަބެކެވެ. މި ސަބަބަށްޓަކައި މިސްރަށް އުޖޫރައެއް ދައްކައިގެން ނަމަވެސް ސުއޭޒް ކަނޑުއޮޅި ހުރަސްކުރުން ކުންފުނިތަކަށް ފައިދާ ބޮޑެވެ.

އުސާމާ ވިދާޅުވި ގޮތުގައި ސުއޭޒް ކެނަލް ދޫކޮށް އުޅަނދުތައް ދުރަށް ދިއުމަކީ މިސްރުގެ އިގުތިސާދަށް ގެއްލުން ބޮޑު ކަމެކެވެ. ސުއޭޒް ކަނޑުއޮޅިން އުޅަނދުތައް މިހާރުވެސް ދަތުރުކުރާ ކަމަށް ވިދާޅުވެ އުސާމާ ވިދާޅުވި ހޫސީންގެ އިންޒާރާ އެކު ވެސް 2،128 ބޯޓު ސުއޭޒް ކެނަލް ހުރަސްކޮށް ދަތުރުކުރި ކަމަށެވެ.

ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ ކޮންޓެއިނަރު ބޯޓުތަކަށް ހަމަލާދޭނެ ކަމަށް ހޫސީން ބުނި ނަމަވެސް އެ ޖަމާއަތުން ބުނީ ހަމަލާދޭނީ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުތަކަށް ކަމަށެވެ. އެ ނޫން އެއްވެސް އުޅަނދަކަށް ހަމަލާނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ޣައްޒާއަށް ޒަޔަނިސްޓުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ދާންދެން ހޫސީންގެ ހަމަލާތައް -- ޑްރޯނާއި މިސައިލުން، ކޮންޓެއިނަރު ބޯޓުތަކަށް އަމާޒުވާނެ ކަމަށްވެސް ހޫސީން އޮތީ ބުނެފަ އެވެ.

ހޫސީން ދެކޭ ގޮތުގައި އެ ޖަމާއަތުގެ މި އިންޒާރާ އެކު ޒަޔަނިސްޓް އާބާދީތަކަށް މުދާ އުފުލާ ބޯޓުތައް މަދުވާނެ އެވެ. އަދި އެއީ ޒަޔަނިސްޓުންނަށް ދަތިކުރަން ކުރެވިދާނެ ކަމެއް ކަމަށް އެ ޖަމާއަތުން ގަބޫލުކުރެ އެވެ.

ނަމަވެސް ހޫސީންގެ އަމަލުތަކުގެ ސަބަބުން ގިނަ ގައުމުތަކަށް އެއްފަހަރާ މުދާ އުފުލާ އުޅަނދުތަކަށް ވަރަށް ބޮޑަށް ގެއްލުންވާނެ އެވެ. ހޫސީންނާ މުއާމަލާތްކުރަން ބޭނުން ނުވާ އުޅަނދުތައް އެފްރިކާ ވަށާލައި ދިގު މަގު އިޚުތިޔާރު ކުރުމުން، ތަކެތީގެ އަގު އުފުލުމަކީ ވަރަށް ގާތް ކަމެކެވެ.