ރައްޔިތުންގެ މަޖިލިސް

ޕީޖީގެ ވަކީލު ޝަފީއުއާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ޝަފީއުގެ ނަމެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވަނީ ޕީޖީ އޮފީހުގައި ޝަފީއު ކުރައްވާ ބައެއް މަސައްކަތްތައް ސާފުކޮށް ވިދާޅުވެ ދެއްވައި، މައްސަލަ އަމާޒު ވަނީ ޝަފީއުއަށް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މެންބަރުން ވަނީ މިމައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކޮށްފަ އެވެ. އެގޮތުން މައްސަަލަ ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 18 މެންބަރުންގެ އިއްތިފާގުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމަކީ ދީނީ ގޮތުން ބޮޑު ފާފައެއް ކަމަށްވީ ނަމަވެސް ރާއްޖޭގައި މިފަދަ ކުށްތައް ކުރުން އާންމުވަމުންދާ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުން މިފަދަ ކުށްތަކުގައި ދައުވާ ކުރަނީ ލުއި އަދަބުތަކެއް ލިބޭ ގޮތަށް ކަމަށާއި އެހެން އެވަނީ ޕީޖީ އޮފީހުގައިވެސް އެފަދަ މީހުން ތިބީމާ ކަމަށް މިއަދު އެނގިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެ ދުވަހު ދައުލަތުގެ ފަރާތުން ވަކާލާތު ކުރަން ހުރި ވަކީލަކީ އެއްޖިންސުން ގުޅުން ހިންގާ މީހަކަށް ވީމާ އޭނާއަށް ހަޖަމެއް ނުވާނެ އޭނާ ޖަލުގައި އޮންނަން ޖެހޭ ދުވަހު ބޮޑު ހުކުމެއް އަންނާނަކަށް،" ނަޝީދު ވިދާޅުވި އެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ބަލައިގަތީ އެންމެ 18 މެންބަރުންގެ ވޯޓުން ކަމަށްވާތީ އެކަމުގައި ނަޝީދު ވަނީ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ މިއަދުގެ ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުންވެސް ކުއްލި މައްސަލަ ބަލައިނުގަނެ ޖަލްސާ އިން ގޮސްފައިވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ އަކީ އިސްލާމީ ދައުލަތަކަށްވާއިރު ދީނާ ހިލާފު އެތައް ކަމެއް ކުރަމުންދާއިރު އެކަންކަން ކުދިކުދި ކަންކަމަށްވެ އާންމުވަމުންދާ ކަމަށެވެ. ނަމަވެސް ދީނުގައި އޮންނަ ޖިހާދުގެ ވާހަކަ ދައްކާ މީހުންނަކީ ޓެރަރިސްޓުން ކަމަށް ހަދައި ބޮޑެތި އަދަބުތައް ދެމުންދާ ކަމަށެވެ. އެހެންވެ ދީނާ ގުޅޭ މައްސަލަތައް ސީރިއަސްކޮށް ބަަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.