ރާއްޖޭގެ ކަންކަން ބަލާނެ ކޮމަންވެލްތުގެ ހާއްސަ ސަފީރެއް ކަނޑައަޅައިދިނުމަށް ކޮމަންވެލްތުގައި ރާއްޖެއިން އެދެފި އެވެ. އެގޮތަށް ރާއްޖެއިން އެދުނީ ލަންޑަންގައި މިއަދު ކުރިއަށްދާ ކޮމަންވެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.
ކޮމަންވެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ރާއްޖެއިން ބޭނުންވަނީ ކޮމަންވެލްތާއެކު ދިގު މުއްދަތުގެ ގުޅުމެއް ގާއިމްކުރުމަށް ކަމަށެވެ. ކޮމަންވެލްތުގެ ސިޔާސަތުތަކަކީ ރާއްޖެއަށް މަންފާކުރާ ސިޔާސަތުތަކެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށާއި އެ ސިޔާސަތުތައް ޕްރޮމޯޓްކޮށް އެއަށް ކިޔަމަންގަތުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ، ކޮމަންވެލްތާއި އެކު ރާއްޖޭގެ ގުޅުން ހަރުދަނާވުމަކީ، ޑިމޮކްރަސީ ކުރިއަރުވައި ވަރަގަދަކުރަން ރާއްޖެއިން ކުރާ މަސައްކަތް ވެސް އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށެވެ.
ލަންޑަންގައި މިހާރު ކުރިއަށްދާ ކޮމަންވެލްތްގެ ސީމެގްގެ ބައްދަލުވުމުގެ ރާއްޖެއާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދުގެ ބައްދަލުވުމުގައި ސީމެގްގެ އެޖެންޑާގައި ރާއްޖެ ބާއްވައި މޮނީޓާ ކުރުމާ މެދު ގޮތްތަކެއް ކަނޑައަޅާނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި އެޓާނީ ޖެނަރަލް، މުހައްމަދު އަނިލް އެވެ.
ދުންޔާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ނައްތާލަން ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމަކަށް ރައީސް ހުންނެވީ ތައްޔާރަށް ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން އިސްވެ މަޝްވަރާ ކުރަން ނިންމި ނިންމުމަކީ އެކަމުގެ ހެއްކެއް ކަމަށާއި، ޕާޓީތަކާއެކު ކުރާ މަޝްވަރާތަކުން ރާއްޖޭގައި ހަމަޖެހޭ ސިޔާސީ މާހައުލެއް އުފެދޭނެ ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އިޝާރާތް ކުރައްވައި ދުންޔާ ވިދާޅުވީ، އުންޑަޕްގެ އަމާޒުތަކަށް ވާސިލުވާން ރާއްޖެއާއި އދ. ގުޅިގެން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. ހަމަ އެއާ އެކު ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއާ އެކު ކޮމަން ވެލްތުން ހަރުދަނާ ގުޅުމެއް ގާއިމްކުރެވިއްޖެ ނަމަ އެއީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކޮށް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ތަކަށް ފުރިހަމަ ކަމެއް އަންނާނެ ކަމެއް ކަމަށެވެ.
ކޮމަންވެލްތްގެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން މަދުކުރަން ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސަރުކާރުގެ އެފަދަ މަގުސަދުތައް ހާސިލް ކުރުމަށާއި، ބައިނަލް އަގުވާމީ މަސްރަހުން އަންނަ އެކި ނުފޫޒުތަކުން ރައްކާތެރިވެ ތިބުމަށް ކޮމަންވެލްތުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ކަމަށެވެ.