ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކޮށްފައިވަނީ ވަޒީރުންނަށް ރުހުން ދިނުމަށްފަހު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އާ ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައިނުވާތީ ރުހުން ދިނުމުގެ މައްސަލަ ވަނީ ފަސްކޮށްފަ އެވެ.
ކުރީގެ ރައީސް ސޯލިހު ފުރަތަމަ އެކުލަވާލެއްވި ކެބިނެޓަށް ރުހުން ހޯއްދަވަން މަޖިލީހަށް ފޮނުއްވީ ނޮވެމްބަރު 25، 2018 ގަ އެވެ. ބޮޑު އަގުލަބިއްޔަތަކުން އޭރު ވަޒީރުންނަށް ރުހުން ދިނީ ޑިސެމްބަރު ހަތަރެއް، 2018 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މިނިސްޓްރީތަކުގެ މެންޑޭޓް ކޮމިޓީން ފާސްކުރީ ޑިސެމްބަރު 15، 2018 ގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގެ މިއަދު އެޖެންޑާގައިވާ މައްސަލައެއް ފެންމަތިކޮށްފަ އެވެ.
އެގޮތުން ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއިރު ރައީސް މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ.
ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދެވޭނީ އެ ވަޒީރުން ހަވާލުވާ ވުޒާރާގެ މެންޑޭޓް ސާފުވެގެން ކަމަށެވެ. ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު އެ ރިޕޯޓްގައި އެބައި ހިމަނާފައި ނުވާތީ ވުޒާރާތަކުގެ މެންޑޭޓް ނެތި ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ ގާނޫނުއަސާސީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހަށް ލިބެންވާނެ ކަމުގައި ވިދާޅުވި އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ހިސާންގެ ނިޒާމީ މައްސަލަ ބަލައިގަނެފަ އެވެ.
އެކަމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި މައިނޯރިޓީ ލީޑަރު އަލީ އާޒިމުއާ މަޝްވަރާ ކުރެއްވުމަށް ކުޑަވަގުތު ކޮޅަކަށް މަޖިލިސް މެދުކަނޑާލުމަށްފަހު މަޖިލިސް ފެށުމަށްފަހު އަސްލަމް ވިދާޅުވީ ހިސާން ނެންގެވި ނިޒާމީ މައްސަލައިގައިވާ ގޮތަށް ކޮމިޓީ ރިޕޯޓް އެކުލަވާލާފައިވަނީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް، އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.