ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިހާރުގެ ޖުމްލަ އަދަދަކީ 80 ކަމަށް މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.
މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދަކީ 80 މެންބަރު ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަން ފެންނަ ކަމަށް 42 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް 21 މެންބަރުން ވޯޓު ދެއްވި އެވެ.
"މި ގޮތަށް ފާސްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުން ކަމުގައި ދެމިތިބި ޖުމްލަ އަދަދު ކަމުގައި ދަންނަވަން. އެހެންކަމުން މިވަގުތު މަޖިލީހުގައި މިދެންނެވި އަދަދަކީ 80 މެންބަރުން ކަމުގައި އިއުލާނު ކުރަން،" ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަސައްކަތް ކުރެއްވުމަށްޓަކައި ހަތް މެންބަރަކު ވަނީ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެެއްވާފަ އެވެ.
މި އިސްލާހު ފާސްވުމުން އެހެން ޕާޓީއެއްގެ އެހީތެރިކަަމަކާ ނުލައި އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ.