ހަބަރު

މާފަރާއި މާވަރުލު އެއާޕޯޓު ހެދުމަށް ނުވަ ކުންފުންޏެއް ޝައުގުވެރިވެއްޖެ

ނ. މާފަރު އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓު ހެދުމަށް ނުވަ ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ މާފަރު އެއާޕޯޓާއި މާވަރުލު އެއާޕޯޓް ހަދަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާ ކަމަށާއި އެގޮތުން މިހާތަނަށް މަސައްކަތް ކުރުމަށް ނުވަ ފަރާތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ފުރުސަތު ހުޅުވާލި ފަހުން ނުވަ ފަރާތަކުން ޝައުގުވެރިކަން ފާޅު ކުރި. އެއީ ޖަރުމަންގެ ދެ ކުންފުންޏަކާއި، ސްރީލަންކާގެ ދެ ކުންފުންޏަކާއި، ޗައިނާގެ ދެ ކުންފުންޏެއް އަދި ދެކުނު ކޮރެއާގެ ދެ ކުންފުންޏަކާއި ތުރުކީ ކުންފުންޏަކާއި އަދި ރާއްޖޭގެ ކުންފުންޏެއް،" ސާމީ ވިދާޅުވި އެވެ.

ސާމީ ވިދާޅުވީ ހަފްތާ ތެރޭގައި އީއޯއައި ހުށަހެޅި ކުންފުނިތަކު ތެރެއިން އެންމެ ރަނގަޅު ކުންފުނިތަކަށް ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހަޅަން ފުރުސަތު ދޭނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ނިމުމަށް ފަހު މި ދެ އެއާޕޯޓް ހަދާ ފަރާތަކަށް އެއާޕޯޓް ހެދުމުން ބަދަލެއްގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ދޭން ނިންމާފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓްގެ މަސައްކަތް މީގެކުރިން ހަވާލުކޮށްފައި އޮތީ، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ލިމިޓެޑާ އެވެ. އެއީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތުކުރެވޭ ހާމިދު އިސްމާއިލްގެ ކުންފުންޏެކެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުން ވަނީ މީގެ ދެ ހަފުތާ ކުރިން ބާތިލުކޮށްފަ އެވެ. ބާތިލުކުރީ، ގަވައިދާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީއެވެ.

މާވަރުލު އެއާޕޯޓްގެ މަސައްކަތް މީގެކުރިން ހަވާލުކޮށްފައިވަނީ މޫވިން އިންޓަނޭޝަނަލްއާ އެވެ. އެ އެއްބަސްވުން ވެސް ބާތިލުކޮށްފައިވާއިރު އެއްބަސްވުން ބާތިލުކުރީ ދީފައިވާ މުއްދަތައް އެއާޕޯޓުގެ މަސައްކަތް ނިންމާފައި ނުވާތީ އެވެ.