ޑރ. މުހައްމަދު މުއިއްޒު

ރަސްމާލެ އާއި އެކު ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލުވާނެ: ރައީސް

ފުށިދިއްގަރު ފަޅު ހިއްކާ އެތަނުގައި "ރަސްމާލެ"ގެ ނަމުގައި ތަރައްގީކުރާ ޒަމާނީ ސިޓީއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީ ހައްލެއް ގެންނާނެ މަޝްރޫއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާނެ މަޝްރޫއެއް ކަމަށެވެ.

ރަސްމާދޫ އަކީ މިހާރު އޮތް ހުޅުމާލެއަށް ވުރެ ތިންގުނަ ބޮޑު ޒަމާނީ ސިޓީއަކަށް ހަދާނެ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަޅު ހިއްކާ ނިމޭއިރު 1،153 ހެކްޓަރުގެ ބިން އޮންނާނެ ކަމަށެވެ. ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ މިއަދުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ތަރައްގީކުރަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ތިމާވެއްޓާއި ރައްޓެހި އުސޫލުތަަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ރަސްމާލެ ތަރައްގީކުރާނީ "ސޭފް އައިލެންޑް" ކޮންސެޕްޓަަށް ކަމުގައިވެސް ވިދާޅުވި އެވެ.

"[ރަސްމާލެ ތަރައްގީކުރާނީ] މެދަށް ތިން މީޓަރު އުސްކޮށް އަދި ރަށުގެ އަރިއަށް ދެ މީޓަރު އުސްކޮށް. އަދި ފެހިކަން ގަދަ، ހިތްގައިމު ތަނެއްގެ ގޮތުގައި. މި ސީޓީ ވެގެންދާނީ ރާއްޖޭގެ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް. ދުއްވާނީ ތިމާވެއްޓާ ރައްޓެހި އުޅަނދު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްމާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްވެސް ބޭނުންކުރާނީ ތިމާވެއްޓާ ރަށްޓެހި ހަކަތަ ކަމަށާއި މިސިޓީ ވެގެންދާނީ މުޖުތަމައުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ހިދުމަތްތައް ލިބޭ ތަނަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރަސްމާލޭގައި މީހުން ދިރިއުޅެން ފަށާއިރު މާލެ އާއި ރަސްމާލެއާއި ދެމެދު ދަތުރުކުރުމަށް ޒަމާނީ ފެންވަރުގެ ހައިސްޕީޑް ދަތުރުފަތުރުގެ ނިޒާމެއް އޮންނާނެ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކްތަކަށް ދަތި ނުވާ ގޮތަށް ރަސްމާލެއަށްވެސް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތެއް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިމާއި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިންވެސް ހިއްކާނެ ކަމަށެވެ. ރަސްމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅުން މާލެ މީހުންގެ އިތުރުން އަތޮޅު ތެރޭގެ މީހުންނަށްވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމަށްފަހު އެތަނުން 11،900 ގޯތި ދޫކޮށް 26،000 ފްލެޓް އިމާރާތް ކުރުމަށް ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ތައްޔާރުވަމުންދާއިރު އެ މަޝްރޫއަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ވަނީ ހިމަނާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތުގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ރިކަރަންޓް ހަރަދަށް 2.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް ދެ ބިލިއަން ރުފިޔާ އެވެ.

މީގެއިތުރުން ކައުންސިލްތަކަށް ދެވޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާއާއި، ކައުންސިލް އިމާރާތްކުރުމަށް 20 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.