މިސްރު

އިންތިހާބު ކާމިޔާބުކުރައްވައި ސީސީ ތިންވަނަ ދައުރެއް ކަށަވަރުކުރައްވައިފި

މިސްރުގައި ރިޔާސީ އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ރައީސް އަބްދުލް ފައްތާހް އައްސީސީ ކާމިޔާބުކުރައްވައިފި އެވެ.

މެދުއިރުމަތީގައި އޮތް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ މިސްރުގައި ރިޔާސީ އިންތިހާބު ކުރިއަށް ދިޔައީ މިމަހުގެ 10-12 އަށެވެ.

މިސްރުގެ އިންތިހާބީ މައި މަރުކަޒު -- ނެޝަނަލް އިލެކްޝަންސް އޮތޯރިޓީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިންތިހާބުގައި ސީސީއަށް ވަނީ 89.6 ޕަސަންޓް ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓުލީ މީހުންގެ ތެރެއިން 39 މިލިއަން މީހުންނެވެ.

ސީސީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރިޔާސީ ތިންވަނަ ދައުރެއް އޭނާއަށް މިވަނީ ކަށަވަރުވެފަ އެވެ.

މަޝްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި މިއީ މިސްރުގައި ރިޔާސީ އިންތިހާބެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރެއް ނޫނެވެ. ސަބަބަކީ މިސްރަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ދަތިތަކާ ހެދި -- އާންމު ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެވެ.

އުމުރުުފުޅުން 68 އަހަރުގެ ސީސީ، މިސްރުގެ ރައީސްގެ މަގާމުގައި ހުންނަވާތާ ނުވަ އަހަރު ވެއްޖެ އެވެ. އޭނާ އެންމެ ފުރަތަމަ ރައީސްކަމަށް ވަޑައިގަތީ 2014 ވަނަ އަހަރެވެ. އެއަށް ފަހު 2018 ގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގައި ސީސީއާ އެކު ޖުމްލަ ހަތަރު ބޭފުޅުން ވާދަކުރެއްވި އެވެ. ސީސީއާ އެންމެ ގާތުން ވާދަކުރެއްވި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެންޑިޑޭޓް ހާޒިމް އުމަރަށް ލިބިވަޑައިގަތީ 4.5 ޕަސަންޓް ވޯޓެވެ.

ސީސީ ރިޔާސީ ތިންވަނަ ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާއަށް އެންމެ ބުރަ ކަމަކަށް އޮންނާނީ ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުވުމެވެ.

ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފާގެ މަތިން މިސްރުގެ އިގުތިސާދު އިސްލާހު ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުން އަވަސްކުރަންޖެހޭ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެ އެވެ.