މޯލްޑިވްސް ޕޮލިސް ސާވިސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހޯދަނީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ޗާންދަނީގެ، މުހައްމަދު ފާރިހް (34އ) އެވެ.

ފުލުހުން ބުނީ މުހައްމަދަކީ ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް މުހައްމަދު ހާޒިރުކުރަން ބޭނުންވި ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެހެންވެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވާން ފުލުހުން ވަނީ މުހައްމަދަށް އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ.

މުހައްމަދު ފާރިހްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.